މޮސްކޯ (އެޕްރީލް 21): އީރާނާއި ސައޫދީ އަރަބިޔާ އިން ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމް ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ރަޝިއާގެ ނޫހެއް ކަމަށްވާ "ނިޒަވިސީމާޔާ" ބުނެފިއެވެ.

އިރާގުގެ އިތުބާރުހުރި މަސްދަރަކާ ހަވާލާދީ ރަޝިއާގެ "ނިޒަވިސީމާޔާ" ނޫސް ބުނާގޮތުން އީރާނާއި ސައޫދީ އަރަބިޔާއިން މިމަހުގެ 9 ގައި މަޝްވަރާގެ އެއްބުރު ވަނީ އިރާގުގެ ވެރިރަށް ބަޣްދާދުގައި ސިއްރިޔާތުގައި ބާއްވާފައެވެ. ދެވަނަ ބުރުގެ ވާހަކަތައް މިހަފްތާގައި ބާއްވާނެކަމަށާ އެވާހަކަތަށް އަމާޒުކުރާގޮތަށް އޮތީ ދެގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމް ކުރުމުގެ މައްޗަށް ކަމަށް އެނޫސް ބުނެއެވެ.

ލަންޑަންގައި ނުކުންނަ ނޫހެއްކަމަށްވާ "ފައިނޭންޝަލް ޓައިމްސް" އިން ވަނީ މިމަހުގެ 9 ވަނަދުވަހު އީރާނާއި ސައޫދީ މަސްއޫލުވެރިން ބަޣްދާދުގައި ސިއްރު ބައްދަލުވުމެއް ބާއްވައި ވާހަކަތަކެއް ދެއްކެވިކަން އިރާގުގެ މަސްދަރަކާ ހަވާލާދީ ކަށަވަރުކޮށްދީފައެވެ. އިރާގުން މެދުވެރިއެއްގެބައި އަދާކޮށްގެން ބޭއްވި އެ ބައްދަލުވުގައި އީރާނުގެ ޚާރިޖިއްޔާގެ އިސް މަސްއޫލުވެރިއަކާއި ސައޫދީ ޖާސޫސީ އިދާރާގެ އިސްވެރިޔާ ޚާލިދު ބިން އަލީ އަލްޙަމީދާން ބައްދަލުކުރައްވައި ޔަމަންގެ ހަނގުރާމަ ނިމުމަކަށް ގެނައުމާބެހޭގޮތުންނާއި ޔަމަންގެ ހޫޘީ ޖަމާއަތުން ސައޫދީއަށް ދޭ ހަމަލާތައް ހުއްޓާލުމާބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް "ފައިނޭންޝަލް ޓައިމްސް" ބުނެފައިވެއެވެ.

މަޝްހޫރު ނޫސްއެޖެންސީއެއް ކަމަށްވާ "ރޮއިޓާސް" ބުނާގޮތުން އީރާނާއި ސައޫދީ ބައެއް މަސްއޫލުވެރިން ބަޣްދާދުގައި މިމަހުގެ 9 ވަނަދުވަހު ސިއްރިޔާތުގައި ބައްދަލުކުރައްވާފައިވަނީ އެމެރިކާއާއި އިނގިރޭސިވިލާތަށް ރަސްމީ ސިފައެއްގައި އެކަން އެނގިގެންނެވެ. އެމެރިކާއާއި އިނގިރޭސިވިލާތާ އަދި އީރާނުން މިކަން ދޮގުކޮށްފައެއް ނުވެއެވެ. ނަމަވެސް ނަންހާމަ ކުރަންނޭދޭ ސައޫދީ މަސްއޫލުވެރިއަކު ވަނީ ސައޫދީއާއި އީރާނުގެ މަސްއޫލުވެރިން ސިއްރިޔާތުގައި ބައްދަލު ކުރެއްވި ކަމަށް "ފައިނޭންޝަލް ޓައިމްސް" އިން ފެތުރި ޚަބަރު ދޮގު ކުރައްވާފައެވެ. މިކަމާބެހޭ އިތުުރު ތަފްސީލެއް ސައޫދީ މަސްއޫލުވެރިޔާ ނުދެއްވައެވެ.

ރަޝިއާގެ "ނިޒަވިސީމާޔާ" ނޫހާއި އިނގިރޭސިވިލާތުގެ "ފައިނޭންޝަލް ޓައިމްސް" ބުނާގޮތުން އިރާގުން ގެންދަނީ އީރާނާއި އުރުދުން ، އަދި އީރާނާއި މިސްރާ ދެމެދުގައި ގޯސްވެފައިވާ ގުޅުންތައް ރަނގަނޅު ކުރުމަށްޓަކައިވެސް މެދުވެރިއެއްގެ ބައި އަދާކުރަމުންނެވެ.

އީރާނާމެދު ސައޫދީ ގެންގުޅޭ ސިޔާސަތު ހަރުކަށިކޮށް ސައޫދީން އީރާނާ ގުޅުންތައް ކަނޑާލީ 2015 ވަނައަހަރު އެގައުމުގެ ރަސްކަމަށް ސަލްމާން ބިން އަބްދުލްއަޒީޒް އިސްވެ ވަޑައިގެން އޭނާގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން އަށް ރަސްކަމުގެ ބޮޑެތި ބާރުތަކެއް ލިބިވަޑައިގަތުމާ ގުޅިގެންނެވެ. ބިން ސަލްމާންގެ ނުފޫޒުގައި ސައޫދީން އީރާނާ ގުޅުންތައް ކަނޑާލީ އެމެރިކާއާއި އެމެރިކާގައި ހަރަކާތްތެރިވާ ބާރުގަދަ ޔަހޫދީ ޒަޔަނިސްޓް ގުރޫޕްތަކުގެ ރުހުން ހޯދުމުގެ ބޭނުމުގައި ކަމަށް އެދުވަސްވަރުގެ ރިޕޯޓްތައް ބުނެފައިވެއެވެ.

2015 ވަނައަހަރު ސައޫދީން ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެގަތީ ޔަމަންގެ ވެރިކަމަށް ހޫޘީ ޖަމާއަތުން އަތްގަދަކުރީ އީރާނުގެ އެހީތެރިކަމާއެކުގައި ކަމަށް ތުހުމަތުކޮށްފައެވެ. އެހަނގުރާމައަށް ސައޫދީ އަސްކަރީގޮތުން ވަދެގަތީ ދެތިން މަސްތެރޭގައި ހޫޘީން ބަލިކޮށް ސައޫދީއަށް ތާއީދުކުރާ ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރު އަލުން އަނބުރައި ޔަމަންގެ ވެރިކަމަށް ގެންނާނެ ކަމުގެ ފޮނި ވައުދާއެކުގައެވެ. ނަމަވެސް 6 އަހަރުވީއިރުވެސް މިއިން އެއްވެސް މަގްސަދެއް ސައޫދީ އަށް ހާސިލް ކުރެވިފައެއް ނުވެއެވެ.

މީގެއިތުރުން މިފަހަކަށް އައިސް ޔަމަންގެ ހޫޘީން ގެންދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ސައޫދީ ތެލުގެ މަރުކަޒުތަކަށާއި ސައޫދީ އެއާޕޯޓްތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ޙަމަލާތައް ދެމުންނެވެ. ސައޫދީއަށް ޖެހެނީ އަމިއްލަ ނަފްސު ދިފާއު ކުރުމަށެވެ. ސައޫދީ ސިފައިން ޔަމަނަށްދޭ ހަމަލާތައް ހުއްޓާލައި ސައޫދީ ޔަމަނުން ފައިބަންދެން ހަމަލާތައް ކުރިޔަށް ގެންދާނެކަމުގެ އިންޒާރު ހޫޘީން ވަނީ ދީފައެވެ.

ސައޫދީން ސިއްރިޔާތުގައި އީރާނާ ވާހަކަދައްކަން ފެށީ ހޫޘީންގެ ހަމަލާތައް ނުހުއްޓުވިގެންނާ އަދި ޔަމަންގެ ހަނގުރާމަ ކާމިޔާބު ނުކުރެވި ދިގުލައިގެން ދިޔުމާއެކު އެކަމުން ސަލާމަތްވުމުގެ ބޭނުމުގައި ކަމަށާ އީރާނުގެ އެހީތެރިކަންނުލިބި މިކަންކަން ނުކުރެވޭނެކަން ސައޫދީ އަށް ކަށަވަރު ވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕްގެ ސިޔާސަތާ ޚިލާފަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން އީރާނާ ގުޅުންތައް ރަނގަނޅުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވުމުގެ ވާހަކަތައް އީރާނާއެކު ފަށާފައިވުމަކީވެސް ގޮތްދޫކޮށް އީރާނާ ގާތްވުމަށް ސައޫދީ އަށް މަޖްބޫރުވި ސަބަބެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

(އަލްޖަޒީރާ + އަރަބި21)