08 Feb 2012, 22:24
އެމްޑީޕީ އިން މިއަދު މެންދުރު ފަހު ކުރި މުޒާހަރާ ހިނގަމުން ދިޔަ ވަގުތު އެމުޒާހަރާ ކަވަ ކުރަން އުޅުނު ނޫސްވެރިންނަށް އެކިވަރުގެ އަނިޔާތައް ކުރުމާއި އެ މުޒާހަރާ ލައިވްކުރަމުން ދިޔަ ރާއްޖެ ޓީވީގެ ކޭބަލެއް ފުލުހުން ނެގި މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ]އެމްޖޭއޭ[ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ "ނޫސް އިދާރާތަކާއި ނޫސްވެރިން މިއަދު އަދާކުރަމުންދާ ޒިންމާއަކީ، ހިނގަމުންދާ މުޒާހަރާގެ އެ މަޢުލޫމާތުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މުހިންމު ޒިންމާއެއް ކަމަށާއި އެ ޒިންމާ އުފުލުމުގައި ޙަރަކާތްތެރިވަނިކޮށް ނޫސްވެރިންނަށް ހުރަސްއަޅައި އެމަޢުލޫމާތުތައް ލިބިނުގަނެވޭ ގޮތަކަށް ފަހަތަށް ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ޚަބަރާއި މަޢުލޫމާތު ފަތުރާ އިދާރާތަކަކުން ބޭނުން ކުރާ އެއްޗެއްސަށް ގެއްލުންދީ ހުރަސް އެޅުމަކީ ކަންބޮޑުވާކަމެއް" ކަމަށެވެ.
ރާއްޖޭގެ ރަށްރަށުގައި ހިނގަމުންދާ މުޒާހަރާތައް ކަވަކުރުމަށް މަސައްކަތްކުރާ ނޫސްވެރިންނަށް ހުރަސް ނޭޅުމަށް ވެސް އެމްޖޭއޭގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
އިއްޔެ ރާއްޖޭގެ ވެރިކަން ބަދަލުކޮށްފައި ވަނީ އިންގިލާބަކުން ކަމަށް ބުނެ އެމްޑީޕީން މިއަދު މުޒާހަރާ ކުރީ އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމުމަށް ފަހުގަ އެވެ.