ވޮޝިންޓަން (އެޕްރީލް 21) : އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ގަސްދުގައި މަރާލި ކަމުގެ ތުހުމަތު މިނެސޯޓާ ސްޓޭޓްގެ މިނިއާޕޮލިސް ސަރަހައްދުގެ ފުލުސް އޮފިސަރުގެ މަގާމުގައި ކުރިން ހުރި ޑެރެކް ޝޮވިންގެ މައްޗަށް ސާބިތު ވުުމަކީ ފްލައިޑަށާއި އޭނާގެ އާއިލާއަށް އިންސާފު ލިބުން ކަމަށާ އެކަމާމެދު އުފާކުރާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވިގޮތުގައި މި ހުކުމާމެދު ރައީސް ޖޯ ބައިޑެން ހިތްޕުޅު ހަމަޖެހިވަޑައިގެން ބައިޑެންވަނީ ފްލޮއިޑްގެ އާއިލާގެ މެންބަރުންނަށް ފޯނުން ގުޅުއްވަައި ފްލައިޑަށާއި އާއިލާއަށް އިންސާފު ލިބުނީތީ އެކަމާމެދު ހިތްޕުޅުހަމަޖެހުން ފާޅުކުރައްވާފަ އެވެ. މި ހުކުމަކީ މިފަދަ މައްސަލަތަކުގައި މަދުން ނޫނީ ނުފެންނަފަދަ އިންސާފުވެރި ފިޔަވަޅެއްކަންވެސް ބައިޑެން ފާހަގަކުރެއްވި ކަމަށް ވައިޓް ހައުސް އިން ބުނެފައިވެ އެވެ.

އެމެރިކާގައި ކަޅު ނަސްލުގެ މީހުންނަށް އިންސާފު ލިބުމަކީ ނާދިރު ކަމެއް

އެމެރިކާގެ ދޮން ނަސްލުގެ ފުލުހުން ކަޅު ނަސްލުގެ މީހުންނަށް އަނިޔާކޮށް މަރާލުމަކީ ވަރަށް ގިނައިން ހިންގާ ޖަރީމާއެކެވެ. މިފަދަ ޖަރީމާތަކާއި ނަސްލީ އިމްތިޔާޒުގެ މައްސަލަތައް އެމެރިކާގައި ގިނަ ނަމަވެސް މަދު ފަހަރަކު ނޫނީ މިފަދަ ޖަރީމާތައް ހިންގާ ފުލުހުން ކުށްވެރި ވާކަން ޝަރީއަތަށް ސާބިތެއް ނުވެއެވެ. މިފަހަރު ވެސް މިމައްސަލަ ސާބިތުވީ މިކަމާގުޅިގެން މުޅި އެމެރިކާއަށް ޝޮކެއް ލިބޭ ފަދަ ވަރުގަދަ މުޒާހަރާތަކެއް ކޮށްފައިވާތީއާއި އިންސާފު ނުލިބިއްޖެނަމަ އެމެރިކާގައި އަނެއްކާ ވެސް މުޒާހަރާތައް ފެށި ހަމަނުޖެހުން އުފެދުމުގެ ފުރުސަތު އޮތުމުންކަމަށް ބެލެވޭކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޑެރެކް ފްލޮއިޑްގެ ކަރަށް ފައިން އަރައި ފްލޮއިޑް މަރާލަނީ

އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ މިނިއާޕޮލިސް ސަރަހައްދުގެ ފުލުސް އޮފިސަރަށް ހުންނެވި ޑެރެކް ޝޮވިން، އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑް ވައްޓާލައި އޭނާގެ ކަރަށް ކަކުލުން އަރައި ހާސްކޮށްލައިގެން މަރާލީ މިދިޔަ އަހަރު އެވެ. ފްލޮއިޑް މަރާލި ކަމުގެ ކުށް ޝޮވިންގެ މައްޗަށް ސާބިތުވެފައި ވަނީ މިނެސޯޓާގެ ހެނެޕިން ކައުންޓީ ޑިސްޓްރިކް ކޯޓުގައި ހިނގަމުންދާ މިމައްސަލައިގެ ޝަރީއަތުގައެވެ.

ދެފަރާތުގެ ވަކީލުންގެ އަޑުއެހުންތައް ނިންމާލުމަށް ފަހު ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޖޫރީން ނިންމާފައި ވަނީ ފްލޮއިޑް މަރުވީ ޑެރެކް ޝޯވިން ފްލޮއިޑްގެ ކަރަށް ކަކުލުންއަރައި ނުވަ މިނެޓް ވަންދެން އޭނާ ހާސްކޮށްލުމުން ނޭވާނުލެވުމުގެ ސަބަބުންކަމާއި އެކަންކުރީ ގަސްދުގައިކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ޝޮވިންގް ގެ މައްޗަށް 75 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ

ޖޫރީންގެ ކޮމިޓީގައި 12 ބޭފުޅުން ހިމެނޭއިރު އެ ކޮމިޓީގެ ކުރިމަތީގައި ދެންއޮތީ ހުކުމް އިއްވުމެވެ. މި ޖަރީމާއާ ގުޅިގެން ޑެރެކް ޝޯވިންގެ މައްޗަށް އުފުލާފައި ވަނީ ތިން ދައުވާއެކެވެ. އެއީ ގަސްތުގައި މީހަކު މަރާލުމުގެ ދެވަނަ ދަރަޖައިގެ ކުށުގެ ދައުވާއަކާއި ގަސްތުގައި މީހަކު މެރުމުގެ ތިންވަނަ ދަރަޖައިގެ ކުށުގެ ދައުވާއަކާ އަދި މީހަކު މަރުވާފަދަ އަމަލެއް ހިންގުމުގެ ދެވަނަ ދަރަޖައިގެ ކުށުގެ ދައުވާއެކެވެ. މިގޮތުން ފުރަތަމަ ކުށަށް 40 އަހަރު، ދެވަނަ ކުށަށް 25 އަހަރު އަދި ތިން ވަނަ ކުށަށް 10 އަހަރުގެ ޖަލުހުކުމެއް ޑެރެކް ޝޯވިންގެ މައްޗަށް އިއްވުމުގެ ފުރުސަތު މިނެސޯޓާގެ ގާނޫނުތަކުގެ ދަށުން ޖޫރީންނަށް ލިބިދެ އެވެ.

އެމެރިކާ ފުލުހުންގެ ތެރޭގައި އޮންނަ އަނިޔާވެރިކަމާއި ނަސްލީ އިމްތިޔާޒު

އެމެރިކާ ފުލުހުންގެ ތެރޭގައި އޮންނަ އަނިޔާވެރިކަމާއި ދޮން ނޫން ނަސްލުތަކުގެ މީހުންނާމެދު އެމެރިކާ ފުލުހުން ގެންގުޅޭ ނަސްލީ އިމްތިޔާޒުގެ މައްސަލަ މިޖަރީމާއިން ވަނީ ވަރަށް ރަނގަނޅަށް ހާމަވެފައެވެ. ކަޅު ނަސްލުގެ މީހެއްކަމަށްވާ ފްލޮއިޑްގެ ގާތިލް ޑެރެކް ޝޯވިންއަކީ ދޮން ނަސްލުގެ މީހެކެވެ. އޭނާއަކީ ދޮން ނޫން ނަސްލުތަކުގެ މީހުންދެކެ ރުޅިއަރާ އަދި އެނަސްލުތަކުގެ މީހުންނަށް ނަފްރަތު އޮންނަ މީހެއްކަމަށް މައުލޫމާތު ލިބެ އެވެ.

މިފަދަ ޖަރީމާތައް ހިންގާ ފުލުހުންގެ މައްޗަށް އާންމުކޮށް ކުށް ސާބިތެއް ނުވޭ

މި މައްސަލައިގެ ޝަރީއަތުގައި ހެކިބަސްދީފައި ވަނީ އެޖަރީމާ ހިންގި ވަގުތު އެތަނުގައި މަންޒަރު ފެންނަގޮތަށް ތިބި މީހުންނާއި، މިނިއާޕޮލިސް ސަރަހައްދުގެ ފުލުހުންގެ ބައެއް އޮފްސަރުންނާ އަދި ފްލޮއިޑްގެ ހަށިގަނޑުބެލި ޑޮކްޓަރުންނެވެ. މިގޮތުން 45 މީހެއްގެ ހެކިބަސް ނަގާފައިވެ އެވެ.

ފްލޮއިޑް މަރާލި ހާދިސާއަށް ފަހު އެމެރިކާގެ އާންމުން ވަނީ އެގައުމުގެ ފުލުހުންގެ އަނިޔާވެރިކަމާއި އަދި އެމެރިކާ ފުލުހުން ދޮން ނޫން ނަސްލުތަކުގެ މީހުންނާމެދު ގެންގުޅޭ ނަސްލީ އިމްތިޔާޒުގެ ލާއިންސާނީ ފިކުރާ އަދި ސުލޫކާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކޮށްފައެވެ. މި މުޒާހަރާތައް އެމެރިކާގެ ކަންކޮޅުތަކަށް ފެތުރުގެން ދިޔައިރު މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ނަމުގައި އެމެރިކާ ފުލުހުން އެތައް ބަޔަކަށް އަނިޔާކޮށްފައިވެ އެވެ.

މި މުޒާހަރާތަކުގައި އެމެރިކާ ފުލުހުންގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނަސް އެމެރިކާގެ ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ވެސް ގޮވާލާފައިވެ އެވެ. ނަމަވެސް އެއަށް ފަހު އަމަލީ ގޮތުން މިކަން ކުރިއަކަށް ގޮސްފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)