08 Feb 2012, 16:36
އިންޑިޔާ އާއި ސްރީލަންކާގެ ސަރުކާރުން ރާއްޖޭގައި އުފެދިފައިވާ އާ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެ ދެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.
އިންޑިޔާގެ ސަރުކާރުން މިހެން ބުނެފައިވަނީ ބޮޑު ވަޒީރު ޑރ. މަންމޯހަން ސިންހް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އަލަށް ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދާ ހުސެއިން މަނިކާ ފޯނުން ގުޅުއްވާ ދެއްކެވި ވާހަކައިގަ އެވެ. ޑރ. މަންމޯހަން ސިންހްގެ ދެއްކެވި ވާހަކަފުޅުގައި އިންޑިޔާއާ ރާއްޖެއާ ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި އެ ގުޅުން ކުރިއަށް އޮތްތާނގައި ވެސް ދެމިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
ޑރ. ވަހީދު ދެއްކެވި ވާހަފުޅުގައި ބޮޑުވަޒީރު ސިންހް ގުޅުއްވައި ދިވެހި ސަރުކާރަށް އިންޑިޔާގެ ތާއީދުއޮތްކަން ހާމަކުރެއްވީތީ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ޑރ. މަންމޯހަން ސިންހަށް ޝުކުރު އަދާކުރެއްވި އެވެ.
ރާއްޖޭގެ ރައީސް ކަމުގެ މަގާމާ ޑރ. ވަހީދު ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެމަނިކުފާނަށް އިންޑިޔާގެ ބޮޑުވަޒީރު ވަނީ ތަހުނިޔާގެ މެސެޖެއް ވެސް ފޮނުއްވާފަ އެވެ.
މީގެއިތުރުން ސްރީލަންކާގެ ހާރިޒިއްޔާއިން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދު އިސްތިއުފާދެއްވުމާ ގުޅިގެން އުފެދިފައިވާ އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ސުލްހަވެރިކަމާ އެކު ކުރިއަށްދާނެ ކަމަށް ދެކޭ ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންނާ ރާއްޖެއާ ދެމެދު ޒަމާނުއްސުރެ ސްރީލަންކާއިން ގާއިމްކޮށްފައިވާ ގާތްގުޅުން އިތުރަށް ދަމަހައްޓަން ބޭނުންވާކަން ބަޔާންކޮށް، އަދި ބުނެފައިވަނީ އާ ސަރުކާރުން ރާއްޖެއަށް ހަމަޖެހުމާއި ފާގަތިކަން ގެނައުމަށް ކުރާ މަސައްކަތަށް ސްރީލަންކާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދޭނެ ކަމަށެވެ.