20 Apr 2021, 16:38
ނިއުދިއްލީ (އެޕްރީލް 20): އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އެއިމްސް)ގައި އެނދުމަތިކޮށް އޭނާއަށް ފަރުވާ ދޭން ފަށައިފިއެވެ.
އުމުރުން 88 އަހަރުގެ މަންމޯހަން ސިންހަށް ކޮވިޑް ޖެހުނުކަން އެނގުނީ އެ ބަލީގެ އަލާމާތްތައް އޭނާގެ ހަށިގަނޑުން ފެންނަން ފެށުމާއެކު ކޮވިޑަށް ޝައްކު ކުރެވިގެން ޓެސްޓުކުރުމުންނެވެ.

މަންމޯހަން ސިންގް އެންބިއުލެންސުން ބާލައިގެން ގޮނޑިއެއްގައި ހޮސްޕިޓަލަށް ގެންދަނީ
މަންމޯހަންއަށް ކޮވިޑް ޖެހިވަޑައިގެންނެވި އިރު އޭނާ ހުންނެވީ ކޮވިޝީލްޑް ވެކްސިންގެ ދެ ޑޯޒްވެސް ޖައްސަވައިގެންނެވެ. އޭނާ ފުރަތަމަ ޑޯޒު ޖެއްސެވީ މިދިޔަ މާޗް 4 ވަނަ ދުވަހު އެވެ. ދެވަނަ ޑޯޒު ޖެއްސެވީ އޭޕްރިލް 3 ގައިކަމަށް އިންޑިއާގެ މީޑިއާ ޚަބަރު ދެއެވެ.
އެއިމްސްގައި އެޑްމިޓްކޮށް މަންމޯހަންއަށް ފަރުވާދެމުން ގެންދާއިރު އޭނާގެ ހާލުކޮޅު ރަނގަނޅު ކަމަށްވެއެވެ. ހޮސްޕިޓަލްގައި އެނދުމަތި ކުރީވެސް އާދަޔާޚިލާފަށް ހާލުކޮޅު ގޯސްވެގެން ނޫންކަމަށާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށް އިންޑިއާގެ މީޑިއާ ބުނެއެވެ.
މަންމޯހަން ސިންހް އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވާފައިވަނީ 2004 އިން 2014 އަށެވެ. އެއީ ދެދައުރެވެ. އޭނާއަކީ އިންޑިއާގެ މިހާރުގެ އިދިކޮޅު ޕާޓީކަމަށްވާ ކޮންގްރެސް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
މަންމޯހަން ސިންހްއަށް ބޮޑުވަޒީރުކަން ގެއްލިވަޑައިގަތީ 2014 ވަނަ އަހަރު އިންޑިއާގައި ބޭއްވި އާންމު އިންތިޚާބުގައި ކޮންގްރެސް ޕާޓީ ބަލިވެ އޭރުގެ އިދިކޮޅު ޕާޓީކަމަށްވާ ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ބޮޑު އަގުލަބިއްޔަތަކުން އެއިންތިޚާބު ކާމިޔާބު ކުރުމުންނެވެ.
އިންޑިއާގައި ކޮވިޑް-19 ފެތުރޭ މިންވަރު ދަނީ ވަރަށްބޮޑަށް އިތުރުވަމުންނެވެ. އިންޑިއާގެ އެކި ސްޓޭޓްތަކުން ދުވާލެއްގެ މައްޗަށް 2 ލައްކައާއި 3 ލައްކައާ ދެމެދުގެ އަދަދެއްގެ ކޭސްތައް މިހާރުދަނީ ފެންނަމުންނެވެ. އެމެރިކާ ފިޔަވައި ކޮވިޑް ގެ ކޭސްތައްވެސް އެންމެ ގިނައީ އިންޑިއާގައެވެ. އަދި ކޮވިޑް ކޮންޓްރޯލް ކުރުމަށްވެސް އެމެރިކާ ފިޔަވައި ދެން އެންމެ ބޮޑަށް ނުކުޅެދިފައިވާ ގައުމަކީ އިންޑިއާއެވެ.
(ނޫސްއެޖެންސީތައް + އިންޑިއާގެ މީޑިއާ)