08 Feb 2012, 15:35
ގާނޫނު އަސާސީއާ އެއްގޮތަށް ތިން ބާރު ވަކިވެފައިވާ ސަރުކާރެއް ގާއިމްކުރައްވާނެ ކަމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އެމަނިކިފާނު ރައީސް ކަމަށް ވަޑައިގެން ބޭއްވި ފުރަތަމަ ނޫސްކޮންފަރެންސްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް ވާޖިބަކީ ގާނޫނުގެ ބާރު ދެމެހެއްޓުމާއި ގާނޫނީ ދުސްތޫރީ ވެރިކަން ދެމެހެއްޓުން ކަމަށެވެ.
"އަޅުގަނޑުގެ އެންމެ އިސްވާޖިބެއް ކަމަށް ދެކެނީ ގާނޫނުގެ ބާރުދެމެހެއްޓުން. އަޅުގަނޑުގެ އެންމެ ބޮޑު ޒިންމާއެއް ކަމުގައިދެކެނީ ގާނޫނުގެ ބާރު ދެމެހެއްޓުން،" ރައީސް ވިދާޅުވި އެވެ.
މިދިޔަ ތިން ހާފުތާގެ ތެރޭގައި މާލޭގައި ހިނގައި ދިޔަ އެކި ހަމަނުޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ދެކެން ބޭނުންނުވާ ފަދަ ގާނޫނާ ހިލާފު އެތައް ކަމެއް ހިނގާފައިވާ ކަމަށާއި އެކަންކަން ހަމަ މަގަށް އަޅުވައި ހުރިހާ ސިޔާސީ ޕާޓީތައް ޝާމިލްވާ ފަދަ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ބޭނުންވަނީ ވީހާ ވެސް ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ގޮތުން، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދެވުމަށް. މިކަމާ ބެހޭ ގޮތުން ސިޔާސީ ޕާޓީތަކާ މިހާރު ވާހަކަފުޅު ދައްކަމުން މިދަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ވާހަކަފުޅުގައި، ވަޒީރުންގެ މަޖިލިސް އެކުލަވައިލެއްވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމާއި، މާ ލަސްތަކެއްނުވެ ވަޒީރުންގެ މަޖިލީހަށް ޢައްޔަން ކުރައްވާ ބޭފުޅުންގެ ނަންތައް، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.