08 Feb 2012, 15:04
އިއްޔެ ހުވާކުރެއްވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަކީ "ޣައިރު ގާނޫނީ" ސަރުކާރެއް ކަމަށް އިޝާރާތް ކުރައްވައި "ގާނޫނީ ވެރިކަން ވެއްޓި އެހެން އޮތަކަ ...ނުދޭނެ" ކަމަށް އިއްޔެ އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އިސްތިއުފާ ދެއްވި ފަހުން އެމްޑީޕީގެ މެމްބަރުންނާ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އަލުން އަނބުރާ ހެޔޮ ވެރިކަމެއް ގާއިމު ކޮށްދެއްވާނެ ކަމަށާއި އެމަނިކުފާނުގައިގައި އެންމެ ލޭ ތިއްކެއް ހިނގާހާ ހިނދަކު ގާނޫނީ ވެރިކަން ވެއްޓި އޮތަކަ ނުދޭނެ ކަމަށެވެ. އަދި މިރާއްޖޭގެ ކަންކަން ވަކި ބަޔަކު ހިސޯރުކޮށްގެން އުޅޭ އުޅުން ހަމަހިލާ ދޫނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ތިޔަ އެންމެހާ ބޭފުޅުންނަށް ޔަގީންކޮށް އަރުވަން އަޅުގަނޑުގެ އެންމެ ލޭ ތިއްކެއް ހިނގާހާ ހިނދަކު ވެސް މިރާއްޖޭގައެއް ގާނޫނީ ވެރިކަން ވެއްޓި އެހެން އޮތަކަ އަޅުގަނޑެއް ނުދޭނަން،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 100 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ރަނިން މޭޓެއްގެ ގޮތުގައި ކުރިން ހުންނެވި އަދި މިހާރުގެ ރައީސް ޑޮކްޓަރު ވަހީދު އިންނެވި ގޮނޑިން ފޭބުމަށް ގޮވާލައްވައިފަ އެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ބައްދަލުވުމުގައި ހަރުގެ ހުޅުވުމަށް ގޮވާލައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެއީ އެމްޑީޕީ ހަރުގެއެއް ކަމަށާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހޯދައިދިނީ އެމްޑީޕީ ހަރުގެއިން ކަމަށެވެ. އަދި އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ހޯދައި ބިރު ފަހަނައަޅައި ދިއުމަށާއި އިއްޔެ ބަޣާވާތް ކުރި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ.
އެމަނިކުފާނު އަދި ވިދާޅުވީ އެމްޑީޕީ އާއި އެމަނިކުފާނަކީ އެއްވެސް އިރެއްގައި އަރާމާއި ޖާހަތައްޓަކައި ވެރިކަމަށް އައި ބައެއް ނޫން ކަމަށެވެ. އަދި މިރާއްޖޭގައި ވެރިކަން ކުރަން ބޭނުންފުޅުވީ ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދީ ހަމަހަމަ އިންސާފުގެ ނިޒާމެއް ގާއިމުކޮށް، އެނިޒާމު ހިންގާ، އެ ނިޒާމު މެދުވެރިކޮށް އަޅުގަނޑުމެންގެ އާންމު ދިރއުޅުން ރަނގަޅު ކުރުމުގެ މަގުސަދުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުއްމީދު ކުރީ އެހެން ދިވެހިރާއްޖެ އެއް. އަޅުގަނޑުމެން ބޭނުންވީ އެހެން ގޮތެއް. އަޅުގަނޑުމެން އަބަދުވެސް ބުނަމުންދިޔައީ ހާސްކަމެއް ނެތް ތާހިރު ދިރިއުޅުމެއް އަޅުގަނޑުމެން އެދެމޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ޣައިރު ގާނޫނީ ވެރިކަމާއި ގާނޫނާ ޚިލާފު ކަންކަމާ ނަޖާއިޒު ފައިދާ އަކީ ދުވަހެއްގައި ވެސް ތާއިދު ކުރާނެ ކަންކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
------------------------
ހަރުގެއަށް ދާން ނިންމައިފި. ގައުމީ މަޖިލިސް ނިންމާލައިފި
"އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ހޯދައި ބިރު ފަހަނައަޅައި ދަމާ" ރައީސް ނަޝީދު
ހަރުގެ ހުޅުވުމަށް ރައީސް ނަޝީދު ގޮވާލައިފި. އަދި އެއީ އެމްޑީޕީގެ ހަރުގެ އެއް ކަމަށާއި އެއްވެ އުޅުމުގެ މިނިވަންކަން ހޯދައިދިނީ އެމްއެޑީޕީގެ ހަރުގެ އިން.
އިއްޔެ ބަޣާވާތް ކުރި އެންމެން އިންސާފުގެ ކުރި މައްޗަށް ގެނައުމަށް ރައީސް ނަޝީދު ގޮވާލައިފި. ރައީސް ވިދާޅުވީ އަލުން އަނބުރާ ހެޔޮވެރި ކަމެއް ގާއިމު ކޮށްދޭނެ ކަމަށް.
ޑޮކްޓަރު ވަހީދު އިންނެވި ގޮނޑިން ފޭބުމަށް ވިދާޅުވި ނަޝީދު ވިދާޅުވި
ނަޝީދު ވިދާޅުވީ "ގާނޫނީ ވެރިކަން ވެއްޓި އޮތަކަށް ނުދޭނަން" ކަމަށް.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ދަރުބާރުގޭގައި ކުރިއަށް އެބަދެ އެވެ. އެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
]ތަފުސީލު އަންނަނީ[
ލިޔުމާ ގުޅޭ ވީޑިއޯ:
http://www.youtube.com/watch?v=2qZoxdGC9jk