20 Apr 2021, 10:40
ބޮލީވުޑްގެ ގިނަ ފިލްމީތަރިންތަކެއް މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ދެ އެވެ.
އެންމެ ފަހުން ރާއްޖެ އައީ ދާދިފަހުން ކޮވިޑުން ރަނގަޅުވި އެކްޓަރު ރަންބީރު ކަޕޫރާއި އާލިއާ ބަޓްއެވެ. އާލިއާގެ އުފަންދުވަސް ވެސް މިއަހަރު ފާހަގަނުކުރެވުނީ ރަންބީރު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އުފަންދުވަސް ފާހަގަކުރުން ފަސްކޮށްލީ ރަންބީރު ފަސޭހަވަންދެންނެވެ. ނަމަވެސް ރަންބީރު ކޮވިޑް އިން ރަނގަޅުވިތާ މާގިނަ ދުވަހެއް ނުވަނީސް އާލިއާ ކޮވިޑަށް ޕޮޒިޓިވްވިއެވެ. ބެލެވޭ ގޮތުގައި މި ލޯބިވެރިންގެ މި ދަތުރަކީ އެކުގައި ފެންވަރު ރަނގަޅު ވަގުތުކޮޅެއް ހޭދަކޮށްލުމަށް އައި ދަތުރެވެ.
މިދެތަރިންގެ އިތުރުން ބަތަލާ ދިޝާ ޕާޓްނީ އާ އޭނާގެ ލޯބިވެރިޔާ އެކްޓަރު ޓައިގާ ޝްރޮފް ވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. ދިޝާގެ އިންސްޓަގްރާމުގައި ރާއްޖޭގައި ނަގާފައި ހުރި ފޮޓޯޓަކެއް ހިއްސާކުރި ނަމަވެސް ދެތަރިން މިފަހަރުގެ ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
މަހާރަޝްތުރާގައި ކޮވިޑް ކޭސްތައް ގިނަވެ ކާފިއު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ރާއްޖެ އައި އަނެއް ތަރިއަކީ ސާރާ އަލީ ޚާން އެވެ. އޭނާ ރާއްޖެ އައީ މަންމަ އަމްރިތާ އާއެކުއެވެ.
މިފަހަކަށް އައިސް ރާއްޖެ ވެފައިވަނީ ސެލެބްރިޓީންނަށް ވަރަށް ކަމުދާ ޑެސްޓިނޭޝަނަކަށެވެ. މި އަހަރުގެ ތިން ވަނަ ފަހަރަށް ރާއްޖެ އައި ބަތަލާ ޝްރައްދާ ކަޕޫރު ވަނީ މީގެ ދެ ދުވަސްކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރައިފަ އެވެ. އަދި ބަތަލާ ޖާންވީ ކަޕޫރު ވެސް ދާދިފަހުން ރާއްޖެ އައިސްފައިވެ އެވެ.