20 Apr 2021, 10:23
މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތަށް ބިނާކޮށް އުފައްދާ ފިލްމެއްގެ ޓީޒާ ދައްކާލައިފި އެވެ.
ސުޝާންތުގެ މަރާ އެކު އޭނާގެ މަރުގެ ވާހަކަތައް ކިިޔައިދިނުމަށާއި އޭނާގެ ހަޔާތުގެ މައްޗަށް ފިލްމުތަކެއް އުފައްދަން އިއުލާންކުރި އިރު މި ފަހަރު މި ގެނެސްދޭ ފިލްމުގައި ފެނިގެންދާނީ ސުޝާންތު މަރުވުމުގެ ކުރިންނާއި މަރުވުމުގެ ފަހުން ހިނގައިދިޔަ ކަންތައްތަކެވެ.
"ނިއާއޭ: ދަ ޖަސްޓިސް"ގެ ނަމުން ނަންދީފައިވާ މި ފިލްމުގައި ސުޝާންތުގެ ރޯލު ކުޅެފައި ވަނީ ޓީވީ އެކްޓަރު ޒުބަރު ޚާނެވެ. ސުޝާނތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ ރޯލު ކުޅެފައި ވަނީ ޝްރެޔާ ޝުކްލާ އެވެ. މި ފިލްމަކީ ދިލިޕް ގުލާޓީގެ ސްކްރިޕްޓަކަށް އޭނާ ޑައިރެކްޓްކުރާ ފިލްމެކެވެ.
މި ތަރިންގެ އިތުރުން މި ފިލްމުގައި ޝަކްތީ ކަޕޫރު، އާސްރާނީ އަދި ކިރަން ކުމާރު ވެސް ހަރަކާތްތެރިވާނެ އެވެ. ފިލްމުގައި މަހޭޝް ބަޓްގެ ރޯލުން ފެންނާނީ އަރޫން ބަކްޝީ އެވެ. އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަށް އޭނާގެ ފޭނުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އެކްޓަރު ސުޝާންތުގެ މަރާ އެކު "ނިއާއޭ: ދަ ޖަސްޓިސް"ގެ އިތުރުން "ޝަޝަންކް"، "ސުއިސައިޑް މާޑާ އޯ" އަދި "ސުޝާންތު"ގެ ނަމުގައި ފިލްމެއް ހަދަން ވަނީ ނިންމައިފަ އެވެ.