ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް އަހްމަދު ފަޒީލްއަށް ކޮށްފައިވާ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭ މައްސަލަ ފުލުހުން ފައިލްކޮށްފި އެވެ.

ފަޒީލްއަށް ކުރި ތުހުމަތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކު ރޭޕްކޮށް، އެކުއްޖާ ބަލިވެ އިން މައްސަލައެއް ހިމެނެ އެވެ. އޭގެ އިތުރުން، އަންހެން ކުދިންނަށް އޮޅިގެން ކަމަށް ބުނެ ބަދުއަހުލާގީ ފޮޓޯ އާއި ވީޑިއޯ ފޮނުވުންވެސް ހިމެނެ އެވެ.

ފަޒީލްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ބައެއް މީހުން އެ މީހުންގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން އެކަމުގެ ޖިނާއީ ތަހުގީގެއް ފެށި އެވެ. އަދި އޭނާ މަގާމުން ސަސްޕެންޑުވެސް ކުރި އެވެ.

ނަމަވެސް، ފުލުހުން މިއަދު ބުނީ، އެ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުން މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.

"މައްސަލައިގައި ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ މައްސަލަ ވަނީ ފައިލްކޮށްފައި،" ފުލުހުން ބުންޏެވެ.

ފަޒީލް ވަނީ އޭނާއަށް ކުރި ތުހުމަތުތައް މީގެ ކުރިން ދޮގުކޮށްފަ އެވެ. އޭނާ ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި އެއީ އޭނާ މަގާމަށް އައުމުގެ ކުރިން ހިނގި ކަމަށް ބުނާ ކަންތައްތަކެކެވެ.

ފަޒީލްއަށް ކުރި ތުހުމަތުތައް ތަހުގީގު ކުރަން އޭނާ ނިސްބަތްވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)އިންވެސް ފުލުހުންނާ ޖެންޑާ މިނިސްޓްރީއަށް މައްސަލަ ހުށަހެޅި އެވެ.

އެ ތުހުމަތުތަކާ ގުޅިގެން އޭނާ ކުރިން މަގާމުން ސަސްޕެންޑު ކުރިއަސް މިހާރު އޭނާގެ ސަސްޕެންޝަން ވަނީ އުވާލާފަ އެވެ. އަދި މިހާރު އޭނާ ވަޒީފާއަށް ނުކުމެ އެވެ.