ގައުމީ ދިފާއީ ބާރުގެ ޗީފް އޮފް ޑިސެންސް ފޯސް ކަމުގެ މަގާމުގައި އަދިވެސް ހުންނެވީ ކުރިން ވެސް އެމަގާމުގައި ހުންނެވި މޫސަ އަލީ ޖަލީލު ކަމަށާއި ނަމަވެސް އެ މުއްސަސާގެ ޑޭޓުޑޭ އޮޕަރޭޝަންތައް ހިންގަވަމުން ގެންދަވާނީ އެކްޓިންކް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި މިހާރު ހުންނެވި ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝިޔާމް ކަމަށެވެ.

ކާނަލް އަބްދުއްރަހީމް މިއަދު ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އެކްޓިން ބޭފުޅަކު އާ ސަރުކާރުން ހަމަޖެއްސެވި ނަމަވެސް، އަދި ވެސް މޫސަ ޖަލީލު ދިފާއީ ބާރުގެ ބައެއް ކަހަލަ ކަންތައްތައް ބަލަހައްޓަވަމުން ގެންދަވާ ކަމަށެވެ. އަދި މިއަދު ވެސް އޮފީހަށް ނުކުމެވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ދިފާއީ ބާރުގެ ބައެއް ކަންތައްތައް ކުރުމުގައި މޫސަ ޖަލީލް ބައިވެރިވެވަޑައިގެންނެވި ނަމަވެސް ދުވަހުން ދުވަހަށް ކުރައްވަން ޖެހޭ ކަންތައްތައް ޕޮލިސީ ލެވެލްގެ ކަންތައްތައް ކުރައްވަމުން ގެންދަވާނީ އެކްޓިން ޗީފްގެ މަގާމުގައި ހުންނެވި ޝިޔާމް ކަމަށެވެ.

" މޫސަ ޖަލީލު އަދިވެސް ހުންނެވީ ކުރިން ހުންނެވި މަގާމުގައި. ނަމަވެސް ޑޭޓުޑޭ ކަންތައްތައް ކުރައްވާނީ ޝިޔާމް. ސީދާ ކިހާ ދުވަހެއް ވަންދެއް ކަމެއް ނޭނގޭ އެކްޓިން ޗީފެއް ހުންނަވާނީ. މިކަންތައްތައް ހަމަޖެހެން ޓައިމް ނަގާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ސަރުކާރު އިއްޔެ ވެއްޓުމާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އެކްޓިން ބޭފުޅެއްގެ ގޮތުގައި ޝިޔާމް ހަމަޖައްސަވާފައިވާ އިރު ފުލުހުންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ޗީފް ސުޕްރިންޓެންޑެންޓް އަބަދުﷲ ފައިރޫޒް ރައީސް ޑރ. މުހައްމަދު ވަހީދު ވަނީ ހަމަޖައްސަވާފަ އެވެ.