އެމްޑީޕީއިން އަލުން ގުނައިދޭން އެދުނު މާލޭގެ ހަ ވޯޓު ފޮށި ނުގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަން ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އެ ފޮށިތައް އަލުން ނުގުނަން ނިންމީ، އަލުން ގުނަ އެދުނު ސަބަބަކީ އެކަށީގެންވާ ސަބަބަކަށް ނުވާތީ ކަމަށެވެ.

"އެމްޑީޕީއިން ހަ ދާއިރާއެއްގެ ފޮށިތައް ގުނައިދޭން އެދިފައިވޭ. ސަބަބެއްގެ ގޮތުގައި ރިކުއެސްޓް ކޮށްފައި އޮތީ ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތް ތަފާތަށްވުރެ ބާތިލު ވޯޓުގެ އަދަދު ބޮޑު ކަމަށް. އެއީ ވޯޓު އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރާ ސަބަބެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ބާތިލު ވޯޓެއް ސައްހަ ވޯޓެއްގެ ގޮތުގައި ނުވަތަ ސައްހަ ވޯޓެއް ބާތިލް ވޯޓެއްގެ ގޮތުގައި ގުނިފައިވާ ކަމުގެ ކޮންމެވެސް ކަހަލަ ހެއްކެއް ދޭންވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު-- ސަން ފޮޓޯ/ފަޔާޒު މޫސާ

އެމްޑީޕީ އިން އަލަށް ގުނަން އެދުނު މާލޭގެ ދާއިރާތައް

1. މެދު ހެންވޭރު ދާއިރާ - އެމްޑީޕީގެ ކެންޑިޑޭޓު އިސްމާއިލް ހުސައިން އަށް 428 ވޯޓު، ޕީޕީއެމްގެ ކެންޑިޑޭޓު އާދަމް ރަމީޒަށް 475 ވޯޓު. ދެ ކެންޑިޑޭޓުންގެ ދެމެދު 47 ވޯޓުގެ ތަފާތު. ބާތިލް ވޯޓގެ ގޮތުގައި 82 ވޯޓު ގުނާފައިވޭ

2. ހެންވޭރު ދެކުނު ދާއިރާ - އެމްޑީޕީގެ ކެންޑިޑޭޓު އާމިނަތު ރިޝްފާ އަހުމަދަށް 464 ވޯޓު، ޕީޕީއެމްގެ ކެންޑިޑޭޓު ފާތިމަތު ޝަމްނާޒު އަލީ ސަލީމް އަށް 484 ވޯޓު. ދެ ކެންޑިޑޭޓުންގެ ދެމެދު 20 ވޯޓުގެ ފަރަގު. ބާތިލް ވޯޓުގެ ގޮތުގައި 93 ވޯޓު ގުނާފައިވޭ.

3. ހެންވޭރު ހުޅަނގު ދާއިރާ - އެމްޑީޕީގެ ކެންޑިޑޭޓު އާއިޝަތު މޫސާ އަށް 456 ވޯޓު. ޕީޕީއެމްގެ ކެންޑިޑޭޓު އަހުމަދު އައިފާން އަށް 513 ވޯޓު. ދެ ކެންޑިޑޭޓުންގެ ދެމެދު 57 ވޯޓުގެ ތަފާތު، ބާތިލް ވޯޓުގެ ގޮތުގައި 103 ވޯޓު ގުނާފައިވޭ.

4. މައްޗަންގޮޅި އުތުރު ދާއިރާ - އެމްޑީޕީގެ ކެންޑިޑޭޓު ލިރުގާމް ވަހީދަށް 423 ވޯޓު، ޕީޕީއެމްގެ ކެންޑިޑޭޓު ސައީދާ ރަޝާދަށް 437 ވޯޓު. ދެ ކެންޑިޑޭޓުންގެ ދެމެދު 14 ވޯޓުގެ ތަފާތު، ބާތިލް ވޯޓުގެ ގޮތުގައި 69 ވޯޓު ގުނާފައިވޭ.

5. މާފަންނު އުތުރ ދާއިރާ - އެމްޑީޕީގެ ކެންޑިޑޭޓު ފާތިމަތު ސަމީރަށް 389 ވޯޓު. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު އާމިނަތު ޔުމްނާ އަށް 433 ވޯޓު. ދެ ކެންޑިޑޭޓުންގެ ދެމެދު 44 ވޯޓުގެ ތަފާތު، ބާތިލް ވޯޓުގެ ގޮތުގައި 181 ވޯޓު ގުނާފައިވޭ.

6. މާފަންނު ހުޅަނގު ދާއިރާ - އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ޝާހު އަށް 510 ވޯޓު. ޕީޕީއެމްގެ ކެންޑިޑޭޓު އައިބްރާހިމް އަބޫބަކުރު އަށް 557 ވޯޓު. ދެ ކެންޑިޑޭޓުންގެ ދެމެދު 47 ވޯޓުގެ ތަފާތު، ބާތިލް ވޯޓުގެ ގޮތުގައި 124 ވޯޓު ގުނާފައިވޭ

ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ޖުމުލަ 208 ޝަކުވާ ލިބުނު ކަމަށެވެ. އެހެން ނަމަވެސް އޭގެތެރޭގައި ގިނައީ ހެއްކެއް ނެތް ޝަކުވާތައް ކަމަށާއި ހުރިހާ ޝަކުވާއެއް ބެލުމަށްފަހު ނަތީޖާ ޔަގީންކުރަން ނިންމީ 11 ފޮށްޓެއްގެ ކަމަށް ވިދާޅުވި އެވެ.