08 Feb 2012, 14:40
ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ހަތިޔާރު ނަގާނެ ކަމަށް ބުނެ ހަތިޔާރު އެޅި ސިފައިންނާއި ފުލުހުން އެކަމަށް މަޖުބޫރު ކުރުމުން ކަމަށް އިއްޔެ އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ރައީސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ ރޭވިގެން އައި އިންގިލާބެއްގައި ކަމަށާއި އެ އިންގިލާބުގެ މައުލޫމާތު މިހާރު ވެރިކަމާ ހަވާލުވެ ވަޑައިގެންފައިވާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ވެސް އެނގިވަޑައިގަންނަވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަދި ފޯނުން އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވެފައި ވަނީ އިއްޔެ ހެނދުނު ސިފައިންގެ އަށް ވަޑައިގެންނެވި އިރު ފެނިވަޑައިގަތީ ސިފައިންނާއި ފުލުހުންގެ 18 ވަރަކަށް އާދައިގެ އޮފިސަރުން ހުރިހާ ކަމެއް ކޮންޓްރޯލްކުރަމުން ދިޔަތަން ކަމަށް އޭއެފްޕީވެ އެވެ.
"އެ މީހުން ބުނީ އަޅުގަނޑު އިސްތިއުފާ ނުދީފި ނަމަ ޖެހޭނީ ހަތިޔާރު ބޭނުންކުރާށޭ. އަޅުގަނޑު އެ ވާހަކަ ނެގީ ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި،" ނަޝީދު ވިދާޅުވެފައިވެ އެވެ.
އަދި ރައީސް ނަޝީދު އެކަމަށް އެއްބަސްވެ ވަޑައިގަތީ ބައެއްގެ ފުރާނައަށް ޓަކައި ކަމަށް ވެސް އޭއެފްޕީގައި ބުނެފައިވެ އެވެ. ރައީސް ނަޝީދުގެ އިންޓަވިއުގައި އަދި ވިދާޅުވެފައި ވަނީ މިހާރުގެ ރައީސް ޑރ. ވަހީދަކީ އަބަދުވެސް ވެރިކަން ކުރައްވާ ހިތްވާ ބޭފުޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެކަމަކު ދުވަހަކު ވެސް އެ ފުރުސަތު އޭނާ އަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
އޭއެފްޕީގައި ޝައިއުކޮށްފައިވާ ޚަބަރުގައި ބުނެފައި ވަނީ ގޭގައި ހުންނަވައިގެން ދެއްވި ކަމަށް އޭއެފްޕީން ބުނާ އިންޓަވިއުގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ރައީސް ވަހީދަށް ވެރިކަން ކުރެއްވުމަށް ފުރުސަތެއް ލިބިވަޑައިގަތުމުން މިހާރު އެ ވަނީ ފުރުސަތުގެ ބޭނުންކުރައްވާފައި ކަމަށެވެ. ނަޝީދު ވިދާޅުވެފައި ވަނީ އޭނާ ރައީސް އޮފީހަށް ގެންދިޔައީ ގަދަކަމުން ކަމަށެވެ.
ރައީސް ނަޝީދު އަދި ވިދާޅުވިކަމަށް އޭއެފްޕީގައި ވަނީ އިންގިލާބު ގެނެސްފައި ވަނީ އިންގިލާބު ރާވާފައި ވަނީ އިދިކޮޅުޕާޓީތަކުން ކަމަށާއި އެކަމުގައި އެންމެ އިސްކޮށް އޮތީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ބަލިކުރެއްވި، ކުރީގެ ރައީސް މައުމޫނު އިސްކޮށް ހުންނަވާ ޕާޓީން ކަމަށެވެ.
ގާނޫނާޚިލާފު އަމުރަކަށް ތަބާނުވާނެ ކަމަށް ބުނެ ފުލުހުން އިއްޔެރޭ ފެށި ހަޅުތާލުގައި ސިފައިންނެރެ އެކަން ހުއްޓުވަން މަސައްކަތް ކުރުމުން، އެކަން ވެސް ރައީސް ނަޝީދަށް ކާމިޔާބު ނުވެ ސިފައިންނާ ފުލުހުން ސަރުކާރާ ދެކޮޅަށް ތެދުވި ހިސާބުން ވަނީ އިއްޔެ މެންދުރު އިސްތިއުފާ ދެއްވާފަ އެވެ.
ނަމަވެސް ރައީސް އޮފީހުގައި ނަޝީދު ދެއްވި ޕްރެސް ސްޓޭޓްމަންޓުގައި ވިދާޅުވެފައި ވަނީ "އަޅުގަނޑަށް މިއަދު ފެންނަ ފެނުމުގައި އަޅުގަނޑު އިތުރަށް ރާއްޖޭގެ ރައީސް ކަމުގައި ހުރެއްޖެ ނަމަ ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންނަށް އެތައް ގިނަ ގުނަ ގެއްލުންތަކެއް ވެދާނެ ކަމަށް އަޅުގަނޑަށް ފެންނާތީވެ، އަޅުގަނޑު މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދީފިން،" ކަމަށެވެ.