08 Feb 2012, 13:59
ރައީސް ނަޝީދުގެ ސަރުކާރުގައި ތިއްބެވި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އޮފީހުން އިއްޔެ އަންގާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ހުސެއިން އާމިރު މިއަދު ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަވާލުވެވަޑައި ގަތުމަށް ފަހު، ކުރިން ސަރުކާރުގެ ކެބިނެޓްގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ހުށަހެޅުއްވުމަށް އިއްޔެ އެ ބޭފުޅުންގެ އަރިހު ސިޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ.
"ރައީސް ކަމާ ޑރ. މުހައްމަދު ވަހީދު ހަވާލުވެވަޑައިގެންނެވުމާ އެކު އާ ސަރުކާރުގެ ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ވަނީ ފައްޓަވާފައި. އެގޮތުން އާ ކެބިނެޓެއް އެކުލަވާލުމަށް ޓަކައި އިސްތިއުފާ ހުށަހެޅުއްވުމަށް އެދިވަޑައިގަތީ،" އާމިރު ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ މިއަދުގެ މިހާތަނަށް ވަރަށް ގިނަ ބޭފުޅުންގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށާއި މިއަދުގެ ނިޔަލަށް ކެބިނެޓްގެ ހުރިހާ ބޭފުޅުންގެ އިސްތިއުފާ ވެސް ލިބިވަޑައިގެންނަވާ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އިސްތިއުފާ ހުށަހަޅުއްވާފައި ވަނީ ކޮން ބޭފުޅުންނެއް ކަމެއް އަދި އެއީ ކިތައް ބޭފުޅުން ކަމެއް ވެސް އާމިރު ވިދާޅެއް ނުވެ އެވެ.
އާ ސަރުކާރުން އެކުލަވާލައި ކެބިނެޓުން ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ފުރުސަތު ދެއްވާނެ ކަމަށާއި އެގޮތުން އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ޑީޑީ އާ މަޝަވަރާކުރެއްވުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ރައީސް އޮފީހުގައި އޮތް ފްރެސް ކޮންފަރެންސްގައި ވިދާޅުވެފަ އެވެ.