ނުހައްގު މުއްސަނދިކަން ކުށަކަށް ހަދައި ދިގު މުއްދަތުގެ ޖަލު އަދަބެއް ދޭ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދައުލަތުގެ މުވައްޒަފަކު ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާކުރި މީހަކު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދައިފި ނަމަ، އެއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަަށް އިސްލާހު ހުށަހެޅުއްވީ ފޮނަދޫ ދާއިރާ މެމްބަރު މޫސާ ސިރާޖެވެ.

އެ ބިލު މިއަދު މަޖިލީހުން ފާސްކުރީ، 50 މެމްބަރުންގެ ވޯޓުންނެވެ.

އިސްލާހުގައިވާ ގޮތުން، ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުން ނުވަތަ އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެކެވެ.

އޭގެ އިތުރުން ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާގެ އާއިލާގެ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި މިލްކު ކުރުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެ ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށް ހިފަހައްޓާފައި ވަނީ ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތުގެމަތިންކަން ސާބިތުކޮށް ނުދެވުން ނުވަތަ އޭނާއަށް ނުވަތަ އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހަކަށް އެ މުދަލެއް ލިބިފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިންކަން ސާބިތުކޮށް ނުދެވުމަކީ ވެސް ކުށެއް ކަމަށް މެމްބަރު ސިރާޖު ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ބުނެފަ އެވެ.

ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެމްބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ޖިނާޔަތުގެ ދެ ވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އެހެން ކަމަށްވާ ނަމަ، އެ ކުށުގެ އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށް ލުމެވެ. އަސާސީ މިންގަނޑުން ބަލާނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ އެވެ.

މިއަދު މަޖިލީހުން ބިލު ފާސްކުރީ ކޮމިޓީ މަރުހަލާގައި ގެނައި ދެ އިސްލާހަކާ ވެސް އެކު އެވެ. އެގޮތުން ގާނޫނަށް މާއްދާއެއް ވަނީ އިތުރުކޮށްފަ އެވެ.

އެ މާއްދާގައި ބުނެފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމަކީ ކުށެއް ކަމަށެވެ. އެ ކުށަކީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ.

އެއީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގައި ކުށެއްގެ ގޮތުގައި ހިމަނާފައިވާ ކުށެކެވެ. ނަމަވެސް ގާނޫނުލްއުގޫބާތަށް ގެނެވޭ އިސްލާހާ އެކު އެ ގާނޫނު އުވާލެވޭނެ އެވެ. އެހެންކަމުން ގާނޫނުލްއުގޫބާތުގައި މި ކުށް ހިމަނައި، އިސްލާހު ގެނެސްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާ އުފުލާފައިވާ މައްސަލަތަކެއް ހިނގަމުން ދާތީ، އެ މާއްދާ ނުހިމެނޭ ނަމަ ނޭދެވޭ ނަތީޖާ ނުކުމެދާނެތީ އެވެ.

ހަމައެއާއެކު ދައުލަތުގެ މުވައްޒަފުންގެ މާނައަށް ވެސް މިއަދު ވަނީ އިސްލާހު ގެނެސްފަ އެވެ. އެގޮތުން ދައުލަތުގެ ކުންފުނިތަކާއި، ދައުލަތުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި މުވައްޒަފުން ވެސް މިހާރު ދައުލަތުގެ މުވައްޒަފުންގެ މާނައިގެ ތެރެއަށް ވަނީ ހިމަނައިފަ އެވެ.

އަދި ގާނޫނަކުން އުފައްދާފައިވާ ރެގިއުލޭޓަރީ ބޮޑީތަކުގެ މެމްބަރުންނާއި މުވައްޒަފުން ދައުލަތުގެ މުވައްޒަފުގެ މާނައިގައި މިހާރު ހިމެނޭނެ އެވެ.