އިއްޔެ ފުލުހުންގެ ހިމާޔަތުގައި ހުރި ޗީފް ސުޕުރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ލޭޑީ އިބްރާހިމް މަނިކުގެ ރޭންކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ނަމަވެސް އެދެބޭފުޅުންގެ މަގާމަށް ބަދަލު އައިސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ޖިނާހާއި ލޭޑީ އިބްރާހިމް މަނިކު ބަދަލު ކުރީ ކޮން މަގާމަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މާލޭގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް ފުލުހަކު ހައްޔަރުކޮށްފައިނުވާނެ ކަމަށެވެ. އަދި ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް ފުލުހަކާ ދޭތެރޭ ފިޔަވަޅެއް އަޅައި ވަޒީފާ އިން ވަކިކޮށްފައިނުވާނެ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

މީޑިއާ އޮފިޝަލު ވިދާޅުވީ އެ ދެ ބޭފުޅުން ވެސް މިވަގުތު ތިއްބެވީ މިނިވަނުންގެ ގޮތުގައި ކަމަށާއި އަދި ޖިނާހު މިހާރު ބޭސްފަރުވާއަކަށް ރާއްޖެ އިން ބޭރަށް ފުރާފައިވާ ކަމަށެވެ. ޝިޔާމް ވިދާޅުވީ ޖިނާހު އާއި ލޭޑީ އިބްރާހިމް މަނިކު ދޫނިދު އަށް ގެންދިޔައީ ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމަށެވެ.

މިވަގުތު ފުލުހުންގެ އެންމެ އިސްވެރިއަކަށް އެކްޓިން ކަމިޝަނާ އޮފް ޕޮލިސް ޗީފް ސުޕްރިންޓެންޑެންޓް އަބަދުﷲ ފައިރޫޒް ހުންނެވި އިރު ޕޮލިސް ކޮމިޝަނާގެ މަގާމުގައި ހުންނެވި އަހުމަދު ފަސީހު ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ. އަދި މިވަގުތު ޑެޕިއުޓީ ކޮމިޝަނާގެ މަގާމު އަދާކުރުމުގައި ވެސް އެއްވެސް ބޭފުޅަކު ނެތް ކަމަށް ޝިޔާމް ވިދާޅުވި އެވެ.