08 Feb 2012, 13:10
ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ބޮޑުވެގެން ހިނގައްޖެ ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަވާލުވެވަޑައިގަތް ފަހުން ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ތަސްމީނު ވިދާޅުވީ ކުރީގެ ރައީސް މުހަމަދު ނަޝީދު ވެރިކަމުގައި ހުންނަވައިގެން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް އޭރު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އޭރުގެ ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކޮށްގެން މަސައްކަތް ކުރަމުންދިޔަ ކަމަށް ވެސް ތަސްމީން ތުހުމަތު ކުރެއްވި އެވެ.
"ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން، ދައުލަތުގެ މީޑިޔާ ކަމުގައި ވިއަސް އަދި ވަކި މުއްސަސާތައް ބޭނުންކޮށްގެން ވިއަސް ސަރުކާރު ހިންގާ ޕާޓީއަށް ލާބަވާ ގޮތަށް ދިއައީ މަސައްކަތް ކުރަމުން. މިކަހަލަ ގަބޫލު ނުކުރެވޭ ކަންތައްތަކެއްގެ ސަބަބުން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމުގެ ޔަގީން އޭރުވަނީ ގެއްލިފައި،" ތަސްމީނު ވިދާޅުވި އެވެ.
ތަސްމީނު ވިދާޅުވީ ރައީސް ޑރ. މުހައްމަދު ވަހީދު ރިޔާސީ އިންތިހާބާ ހަމައަށް ޑިމޮކުރަސީގެ ރިވެތި އުސޫލުން ކަން ކުރައްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދާ އެއްގޮތަށް ހިނގަމުން އަންނަ ވެރިކަމުގައި ރައީސް ޑރ. މުހައްމަދު ވަހީދަށް އެއްބާރުލުން ދެއްވާނެ ކަމަށް ތަސްމީނު ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް ދެއްވެން އޮތް އެއްބާރުލުމެއް އަޅުގަނޑުމެން ދޭނަން. އެއާ އެއްކޮށް އެއްވެސް ފަރާތަކުން ގާނޫނާއި ގަވާއިދާ ހިލާފަށް ކަން ކުރައްވާ ކަމަށްވާ ނަމަ ކުރި އެކޭ އެއްގޮތަށް އެކަމެއް ހުއްޓުވުމަށް އަޅުގަނޑުމެނަށް ކުރެވެން އޮތް މަސައްކަތެއް ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ޑީއާރުޕީން އަންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ އިތުރުން ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.