18 Apr 2021, 22:23
ލަންޑަން (އެޕްރީލް 18): ސައޫދީ އަރަބިޔާއިން އެގައުމުގެ އެންމެ ބޮޑު ދުޝްމަންކަމަށްވާ އީރާނާ ސިއްރިޔާތުގައ ވާހަކަތަކެއް ދައްކައިފިކަން ލަންޑަންގައި ނުކުންނަ ނޫހެއްކަމަށްވާ "ފައިނޭންޝަލް ޓައިމްސް" އިން ކަށަވަރުކޮށްދީފިއެވެ.
"ފައިނޭންޝަލް ޓައިމްސް" ބުނާގޮތުން ސައޫދީން އީރާނާ ވާހަކަ ދެއްކީ އިރާގު މެދުވެރިއަކަށްވެގެން ބަޣްދާދުގައި މިމަހުގެ 9 ވަނަ ދުވަހުއެވެ. މި ވާހަކަތަކުގައި ސައޫދީއާއި އީރާނުގެ މަތީ ފެންވަރުގެ މަސްއޫލުވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށާ އޭގެތެރޭގައި ސައޫދީ ޖާސޫސީ އިދާރާގެ އިސްވެރިޔާ ޚާލިދު ބިން އަލީ އަލްޙަމީދާން ހިމެނިވަޑައިގަންނަވާ ކަމަށް އިރާގު ސަރުކާރުގެ މަސްދަރަކާ ހަވާލާދީ "ފައިނޭންޝަލް ޓައިމްސް" ބުނެއެވެ. ނަމަވެސް ނަންހާމަ ކުރަންނޭދޭ ސައޫދީ މަސްއޫލުވެރިއަކުވަނީ މިޚަބަރު ދޮގު ކުރައްވާފައެވެ.
އީރާނާއެކު ޚާއްސަ ގުޅުންތައް އޮންނަ ގައުމެއް ކަމަށްވާ އިރާގުގެ ބޮޑުވަޒީރު ދާދިފަހުން ސައޫދީ އަށް ކުރެއްވި ރަސްމީ ޒިޔާރަތަކީ ސައޫދީއާއި އީރާނާދެމެދުގައިވާ ނުތަނަވަސްކަން ފިލުވާލުމުގެ މަގްސަދުގައި ކުރެއްވި ޒިޔާރަތެއް ކަމުގެ ޚަބަރުތައް ފެތުރިގެން ގޮސްފައިވެއެވެ. ސައޫދީއާއި އީރާނަކީ އަވަށްޓެރި އިސްލާމީ ދެގައުމު ކަމަށްވެފައި ދެގައުމުގެ ގުޅުންތައް ހީނަރު ގޮތެއްގައި ދެމިގެންދަނިކޮށް 2016 ވަނައަހަރު ސައޫދީ އަރަބިޔާއިންވަނީ އީރާނާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލާފައެވެ.
އީރާނާމެދު ސައޫދީން މާބޮޑަށް ހަރުކަށިވެ ގުޅުންތައް ކަނޑާލީ 2015 ވަނައަހަރު އެގައުމުގެ ރަސްކަމަށް ސަލްމާން ބިން އަބްދުލްއަޒީޒް އިސްވެ ވަޑައިގެން އޭނާގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން އަށް ރަސްކަމުގެ ބޮޑެތި ބާރުތަކެއް ލިބިވަޑައިގަތުމާ ގުޅިގެންނެވެ. އީރާނާ ގުޅުންތައް ކަނޑާލުމުގައި އިސް ދައުރެއް އަދާކުރެއްވީ މުހައްމަދު ބިން ސަލްމާން ކަމަށާ ބިން ސަލްމާން އެކަންކުރެއްވީ އޭނާ ސައޫދީ ރަސްކަމަށް އިސްވެ ވަޑައިގަތުމަށް ކުރައްވާ މަސައްކަތްތަކުގައި އެމެރިކާއާއި އެމެރިކާގެ ބާރުގަދަ ޒަޔަނިސްޓް ލޮބީ ގުރޫޕްތަކުގެ ރުހުން ހޯދުމުގެ ބޭނުމުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބިން ސަލްމާންގެ ބާރު ސައޫދީގައި ގަދަވުމާއެކު ސައޫދީ ސަރުކާރުންވަނީ އިސްރާއީލާ ވަރަށްބޮޑަށް ގާތްވެފައެވެ. ސައޫދީން އިސްރާއީލާ ރަސްމީ ގުޅުންތައް ނުއުފެއްދި ނަމަވެސް ސިއްރު ގުޅުންތައް އިސްރާއީލާއެކު ބާއްވާކަމަށް އިސްރާއީލުގެ މަސްއޫލުވެރިން އެތަށް ފަހަރަކު ވިދާޅުވެފައިވެއެވެ.
ސައޫދީން އީރާނުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ސަރަހައްދުގެ އަރަބި ގައުމުތަކަށް ބާރާއި ނުފޫޒު ހިންގުން ހިމެނެއެވެ. މީގެތެރެއިން އެންމެ ބޮޑަށް ސައޫދީން ފާހަގަކުރަނީ ޔަމަންގައި ވެރިކަންކުރާ ހޫޘީ ޖަމާއަތަށް އީރާނުން އެހީތެރިވާ މައްސަލައެވެ. އީރާނުން ސައޫދީ ގެ މައްޗަށްކުރާ ތުހުމަތު ތަކުގެ ތެރޭގައި އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ދީނީގޮތުން ހައްދު ފަހަނަޅާފައިވާ ޖަމާއަތްތަކަށް އެހީތެރިވުމާއި ޔަމަން ހޫޘީ ޖަމާއަތުގެ ކިބައިން ސަލާމަތް ކުރުމުގެ ނަމުގައި ޔޫއެއީ އާ ގުޅިގެން ޔަމަންއާ ދެކޮޅަށް ހަނގުރާމަ ފެށުމާއި ސައޫދީން ލުބްނާނަށް ނުފޫޒު ފޯރުވާ މައްސަލަ ހިމެނެއެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ގެ ވެރިކަމުގައި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވެ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން މަސައްކަތްކުރާތީ ސައޫދީވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. ބައިޑެންގެ ސަރުކާރުންވަނީ ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ބޭކާރު އެއްޗެއް ކަމަށް ސިފަކޮށް އީރާނުގެ ސިޔާސަތު ބަދަލުކުރުމުގައި އެ ފިޔަވަޅުތައް ނާކާމިޔާބުވެފައިވާތީ ފިޔަވަޅުތައް އުވާލައި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އަލުން ރުޖޫއަވުމާ ބެހޭ ވާހަކަތައް ފަށާފައެވެ. މިމައްސަލާގައިވެސް ސައޫދީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަނެއްކޮޅުން އީރާނުގެ މަދަދު ލިބޭ ޔަމަންގެ ހޫޘީން ސައޫދީ ތެލުގެ މަރުކަޒުތަކާއި ސައޫދީގެ އެތަންމިތަނަށް ދެމުންގެންދާ ޑްރޯން ހަމަލާތަކާއި މިސައިލް ހަމަލާތަކުގެ ސަބަބުން ސައޫދީ އަށްވަނީ ބޮޑު ބިރުވެރިކަމެއް ކުރިމަތިވެފައެވެ. ސައޫދީން ޔަމަނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާނުލާނަމަ ސައޫދީއަށް ދޭ ހަމަލާތައް ހުއްޓާނުލާނެ ކަމުގެ އިންޒާރު ހޫޘީން ވަނީ ދީފައެވެ.
އީރާން ވަނީ ސަރަހައްދީ މައްސަލަތަކާއި އަދި އީރާނާއި ސައޫދީ އާ ދެމެދުގައިވާ ނުތަނަވަސްކަން ފިލުވާލުމަށްޓަކައި ސީދާ ގޮތެއްގައި ވާހަކަތައް ފެށުމަށް ސައޫދީ އަށާ އަދި ގަލްފުގެ އެހެން ގައުމުތަކަށް އެތަށްފަހަރަކު ގޮވާލާފައެވެ. ގަލްފުގެ ގައުމުތަކުގެ ތެރެއިން އީރާނާ ގުޅުންތައް ގޯސްވެފައިވާ ތިން ގައުމަކީ ސައޫދީ، ޔޫއޭއީ އަދި ބަހްރައިން އެވެ. (ފައިނޭންޝަލް ޓައިމް + އަލްޖަޒީރާ)