18 Apr 2021, 14:31
ފާއިތުވި ހަތަރު ހަފްތާ އަށް ބަލާއިރު މާލެ ސަރަހައްދުގައި ކޮވިޑު ކޭސްތައް މަދުވެފައިވާކަން ފާހަގަ ކުރެވޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އެ ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހަފްތާއެއްގެ ތެރޭ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށެވެ.
"ހަފްތާ އަކުން ހަފްތާ އަކަށް ބަލާއިރު، ގާތްގަނޑަކަށް މިދިޔަ ދެ ހަފްތާ ތެރޭ މިވަނީ ބަދަލު އައިސްފައި. މި ދޭތެރެއިން އެއް ހަފްތާ ތެރޭ ޓެސްޓު ކުރުމުގެ ކަންތައް ވަރަށް ބޮޑަށް ޑިލޭވެގެން ދިޔުމާއެއްކޮށް އެ ހަފްތާ ވަރަށް ބޮޑަށް ކޭސް ގިނަވެގެން ދިޔަ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް މިދިޔަ ބުދަ ދުވަހަށް މި ނިމުނު ހަފްތާގައި ޖުމްލަކޮށް މިއިނީ 710 ކޭސް. އޭގެ އިތުރަށް ފާހަގަކޮށްލަން މާލެ ސަރަހައްދުގެ ކޭސްތައް ފާއިތުވި ހަތަރު ހަފްތާގައި ވެސް ދިޔައީ އެއް ހަފްތާ އިން އަނެއް ހަފްތާ އަށް މަދުވަމުން،" ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުމްލަ ގޮތެއްގައި މާލޭގެ ކޭސްތައް މަދުވަމުންދާ ކަމަށެވެ.
އިތުރަށް ވެކްސިން ޖެހޭ ވަރަކަށް ކޭސްތައް މަދުވަމުންދާނެ ކަމަށާއި ނަމަވެސް ވެކްސިން ޖެހި ނަމަވެސް ބަލި ފެތުރުމުގެ ކުޑަ ފުރުސަތެއް އޮންނާތީ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް އަދި ވެސް ސަމާލުވުމަށް ޑރ. ނަޒްލާ އިލްތިމާސް ކުރެއްވި އެވެ.