08 Feb 2012, 13:06
ކުރީގެ އެޓޯލްސް މިނިސްޓްރީން 2003 ވަނަ އަހަރު އަތޮޅުތަކުގެ މިސްކިތްތަކަށް ސައުންޑު ސިސްޓަމް ގަތީ އިއުލާންކޮށްގެން ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ]ރެޑްވޭވް ސަލީމް[ގެ ދިފާއުގައި ހެކިބަސްދިން ދެ މީހަކު ބުނެފި އެވެ.
ރެޑްވޭވް ސަލީމްގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ކުރީގެ އެޓޯލްސް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އިރު އިއުލާންކުރުމެއް ނެތި 2003 ވަނަ އަހަރު ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދާ ޚިލާފަށް އަތޮޅުތަކުގެ މިސްކިތްތަކަށް ސައުންޑް ސިސްޓަމް ގަތުމުގެ ޕްރޮޖެކްޓުގެ 50 ޕަސެންޓް ނޭޒާ އެންޓަޕްރައިޒަސް އަށް، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ދީފައިވާ ކަމަށް ބުނެ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ނަގާފައި ވަނީ ރެޑްވޭވް ސަލީމްއާ އެކު 2003 ވަނަ އަހަރު ކުރީގެ އެޓޯލްސް މިނިސްޓްރީގައި ވަޒީފާ އަދާކުރި ދެ މީހެއްގެ ހެކިބަހެވެ.
ޚަތިމްގައި އަތްލައިގެން ތެދުބުނުމަށް މާތްﷲ ގަންދީ ހުވާކުރުމަށް ފަހު ހެކިބަސް ދެމުން ކުރީގެ އެޓޯލްސް މިސްޓްރީގައި ރެޑްވޭވް ސަލީމާ އެކު މަސައްކަތްކުރެއްވި ނަސީމް އަހުމަދު ސައީދު ބުނީ އަތޮޅުތަކުގެ މިސްކިތްތަކަށް ސައުންޑް ސިސްޓަމް ގަނެފައި ވަނީ އިއުލާންކޮށްގެން ކަމަށާއި ނަމަވެސް އެއިއުލާން ކުރެއްވީ ރެޑްވޭވް ސަލީމް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ އަތޮޅުތަކުގެ މިސްކިތްތަކަށް ސައުންޑް ސިސްޓަމް ގަތުމަށް އިއުލާންކުރީ އެއިރު އެޓޯލްސް މިނިސްޓްރީގައި ވަޒީފާ އަދާކުރެއްވި ނަސީމާ މުސާ ކިޔާ މީހެއް ކަމަށާއި އޭނާ މިހާރު ނިޔާވެފައިވާ ކަމަށެވެ.
ސައުންޑް ސިސްޓަމް ގަތުމަށް ނޭޒާ އެންޓަޕްރައިޒަސް އާ ހަވާލުކުރީ އެގްރީމެންޓް ކުރުމަށްފަހުތޯ ރެޑްވޭވް ސަލީމްގެ ވަކީލު އެއްސެވުމުން އޭނާ ބުނީ ސައުންޑްސިސްޓަމް ގަތުމަށް ނޭޒާ އެންޓަޕްރައިޒަސް އާ ހަވާލުކުރީ އެގްރީމެންޓްކުރުމަށް ފަހު ކަމަށެވެ.
އޭނާ ބުނީ އެޓޯލްސް މިނިސްޓްރީގައި އޭނާ ވަޒީފާ އަދާކުރި ދުވަސްވަރު ގަވާއިދާ ޚިލާފަށް އެއްވެސްކަމެއްކޮށްފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން އެއިރު މަސައްކަތްކުރީ ގަވާއިދާއި އެއްގޮތަށް. ގަވާއިދާއި ޚިލާފަކަށްނޫން،" އޭނާ ބުންޏެވެ.
އެޑްވާންސްގެ ގޮތުގައި 50 ޕަސެންޓް ޕްރޮޖެކްޓް ހަވާލުކުރާ ފަރާތަށް ދެވޭނެ ކަމަށް ގަވާއިދުގައި އޮވޭތޯ ދައުލަތުގެ ވަކީލު އެއްސެވުމުން އޭނާ ބުނީ ގަވާއިދުގައި އެގޮތަށް ބުނެފައި ނުވާ ކަމަށާއި ނަމަވެސް ސޮއިކުރުމާ އެކު 50 ޕަސެންޓް ދެވޭނެ ކަމަށް އެގްރީމެންޓްގައިވާ ކަމަށެވެ.
ޚަތިމްގައި އަތްލައިގެން ތެދު ބުނުމަށް މާތްﷲ ގަންދީ ހުވާކުރުމަށް ފަހު ހެކިބަސް ދެމުން އެޓޯލްސް މިނިސްޓްރީގައި ސީނިއާ ސެކްރެޓަރީގެ މަގާމު އަދާކޮށްފައިވާ އަބްދުލް ހަމީދު އަބްދުއްސަމަދު ވެސް ބުނީ ސައުންޑް ސިސްޓަމްގަތީ އިއުލާންކޮށްގެން ކަމަށާއި އެ އިއުލާން ކުރި މީހާ މިހާރު ނިޔާވެފައިވާ ކަމަށެވެ.
ސައުންޓް ސިސްޓަމް ގަތުމުގެ އެގްރީމެންޓްގައި އެޓޯލްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކޮންބޭފުޅެއްތޯ ރެޑްވޭވް ސަލީމްގެ ވަކީލު އެއްސެވުމުން ހަމީދު ބުނީ ސޮއިކުރީ ކޮން ބޭފުޅެއްކަން ނޭނގޭ ކަމަށެވެ.
އެޓޯލްސް މިނިސްޓްރީގައި މަސައްކަތް ކުރި ސެކްޝަނުން ކުރަން ޖެހޭ ކަންތައްތައް ކުރުމަށް އަންގަވަނީ ކޮން ބޭފުޅަކުތޯ ދައުލަތުން އެއްސެވުމުން އޭނާ ބުނީ ސެކްޝަނުން ކުރަން ޖެހޭ މަސައްކަތް ކުރުމަށް އަންގަވަނީ ރެޑްވޭވް ސަލީމް ކަމަށާއި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުން އެއްވެސް ކަމެއް ކުރެއްވުމަށް ރެޑްވޭވް ސަލީމް އަންގަވާފައި ނުވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރެޑްވޭވް ސަލީމް ވިދާޅުވީ އެޓޯލްސް މިނިސްޓްރީން ކުރަން ޖެހޭ ކަންތައް ކުރުމަށް ހުއްދަދެއްވާފައި ވަނީ އެޓޯލްސް މިނިސްޓަރު ކަމަށެވެ.
އޭނާ ވިދާޅުވީ އިއުލާން ނުކޮށް ވެސް މަސައްކަތް ހަވާލުކުރެވޭނެ ކަމަށް ބުނެ ރައީސް އޮފީހުން އެޓޯލްސް މިނިސްޓްރިއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ ސައުންޑު ސިސްޓަމް ގަތުމަށް ކުރި އިއުލާނެއް ވެސް އަދި ސަލީމް އެ ވިދާޅުވާ ސިޓީއެއް ވެސް ފެންނަން ނެތްކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވުމަށް ފަހު "ޔަގީނުން ވެސް" މިމަހުގެ 23 ވަނަ ދުވަހު އެ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިންމަވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.