22 Apr 2021, 11:20
އޭރު އެއީ މިއުޒިކަލީގެ ޒަމާނެވެ. މިހާރު ޓިކްޓޮކްގެ ނަމުން މަޝްހޫރުވެފައިވާ މި ސޯޝަލް މީޑިޔާ ޕްލެޓްފޯމަށް ނިމްޝާ ޒާހިރު އޭރު އަޖުމަ ބަލައިލަން ވަދެލީ ފޭސްބުކް އިންނެވެ.
"އޭރު އެ އެޕް ފެނުނީ އެއް ދުވަހަކު ހަމަ ސޯޝަލް މީޑިއާ ސާފް ކުރަނިކޮށް. އޭރު އެޔަށް ކިޔާނީ މިއުޒިކަލީ، ދެން އެނގުނީ މުޅި އެޕްވެސް އެއީ އެހާ މަޖާ އަދި ފޫހި ފިލުވަން ރަނގަޅު އެއްޗެއްކަން. ހިތަށް އެރީ ޓްރައި ކޮށްލާނަމޭ ދެން،" ނިމްޝާ އެންމެ ފުރަތަމަ ޓިކްޓޮކް ކުޅެން ފެށުނު ގޮތް ކިޔައިދިނެވެ.
މިއަދު ނިމްޝާއަކީ ރާއްޖޭގައި ހުރި އެންމެ ނަން މަޝްހޫރު އެއް ޓިކްޓޮކް ފަންނާނެވެ. ނަން ބުނުމުން ނުދަންނަ މީހަކު ރާއްޖޭގައި މަދުވާނޭއިރު، އަމިއްލަ ހުނަރާއި ބުރަ މަސައްކަތުން މިއަދު ނިމްޝާ ވަނީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހަދައިފަ އެވެ.
އަހަރެމެންގެ ސްޓޫޑިއޯއަށް ނިމްޝާއަށް ދައުވަތު ދިނީ އަހަރެމެންގެ ކިޔުންތެރިންނާއި ނިމްޝާގެ ފޭނުންގެ ސުވާލުތަކެއް އެއްކޮށްލުމަށްފަހުއެވެ.
މިއުޒިކަލީ ޓްރައިކޮށްލި ގޮތަށް މިއަދު އޭނާ ހުރި ހިސާބަށް އާދެވުނީ ކިހިނެއްކަން ކިޔައިދެމުން ނިމްޝާ ބުނީ ހުރިހާވެސް ސިއްރަކީ މީހާގެ ހިތްވަރާއި ކެރުމެވެ. އަދި އަމިއްލަ ނަފްސަށް އިތުބާރުކޮށް މީހާގެ ފޮރުވިފައިވާ ހުނަރު "ޑެލިވާ"ކުރުން ކަމުގައި ނިމްޝާ ބުންޏެވެ.
"އަބަދުވެސް އަމިއްލަ ނަފްސަށް އިތުބާރުކުރުން، މީހާގެ ހިތްވަރުން ހުރި ހުނަރުތައް ޑެލިވާ ކުރުން، އެއީ ނިމް ގަބޫލުކުރާ ގޮތުގައި ސިއްރަކީ،" ޓިކްޓޮކް ތަރިންގެ ހުންނަ އާދަޔާޙިލާފް ހުނަރުވެރިކަމާއި "ކޮންފިޑެންސް" ގެ ފަހަތުގައިވާ ސިއްރަކީ ކޮބައިތޯ އަހާލުމުން ނިމްޝާ ބުންޏެވެ.
މިހާރު ނެށުމަށް ނިމް ކިތަންމެ ފަރިތަވެފައި މޮޅުވިޔަސް، އެއްވެސް ހާލެއްގައި މިއީ ފަސޭހަ ކަމެއް ނޫންކަމަށް އޭނާ ބުންޏެވެ. ނިމް ފާހަގަކުރި އެއް ކަމަކީ ނެށުމުގެ ހުނަރު ދައްކާލަން ބޭނުންވެފައިވާ ތަރިންތަކަށް ހާއްސަ ޕްލެޓްފޯމެއް ނެތުމަކީ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އެކަމަކު ނިމް ގެންދަނީ ވީވަރަކުން ހުރަސްތައް ގިރާކުރަމުން އަމިއްލަ މަސައްކަތުން ކުރިއަރަމުންނެވެ.

ނިމްޝާ ޒާހިރު.
"މިހާރުވެސް އެބަ މަސައްކަތްކުރަން ޒުމްބާ އިންސްޓްރަކްޓަރެއްގެ ގޮތުގައިވެސް، ދެން އަމިއްލަ ޑާންސް އެކަޑެމީއެއްވެސް ފަށައިފިން. ނިމް ބޭނުންވަނީ ފިޓްނެސް ވޯކްއައުޓްސްތަކާއި އެއްކޮށް ޑާންސް ކްލާސްތައް ކުރިޔަށްގެންދަން. ދެން މޮޑެލިންގް ކެރިއަރުވެސް،" ނިމްޝާ ބުންޏެވެ.
ނިމް ބުނީ އޭނާގެ ހިތްވަރު އުފެދެނީ އޭނާގެ ސަޕޯޓަރުންނާއި ފޭނުންގެ ފަރާތުން ލިބޭ ލޯތްބާއި ތަރުހީބުގެ ތެރެއިން ކަމަށެވެ. އެކަމަށްޓަކައި އޭނާ ފަށްފަށުން ޝުކުރު އަދާކުރެއެވެ.
"އެއީ އަސްލު މޯޓިވޭޓްވާ ގޮތަކީ، އެކަމަކު ބޭނުންވޭ ހައިލައިޓްކޮށްލަން، ނެގެޓިވް ކޮމެންޓްސްވެސް އަންނަކަން، އެކަމަކު އެކަމަށް ހަމަ ރެސްޕެކްޓް ކުރަން އެއީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ އޮޕިނިއަން ފާޅުކުރަން، ދެން އޭގައިވެސް ސަޕޯޓިވް ގޮތަކަށް ކުރިޔަށް ދެވޭނެ،" ނިމްޝާ ބުންޏެވެ.
ނިމްޝާ މަޝްހޫރުވެފައިވަނީ ނެށުންތެރިއެއްގެ ގޮތުގަ އެވެ. އަދި މިވަގުތު އެ ދާއިރާއިން ރާއްޖޭގައި ހުރި އެންމެ ނަން މަޝްހޫެރު އެއް ފަރާތުގެ ހައިސިއްޔަތުން ނިމްޝާ ހުރީ އޭނާއަށް ކުރެވުނު މަސައްކަތުން ލިބުނު ނަތީޖާއާއި ދޭތެރޭ ވަރަށް އުފަލުން ހިތްހަމަޖެހިފަ އެވެ.
"ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލައަށް ގަބޫލުކުރާ ބިލީފްސްތަކެއް ހުންނާނެދޯ. ނިމް ބުނެލަން ބޭނުންވަނީ ޑާންސާއެއްގެ ގޮތުގައި ހުރެ ވަރަށް އުފާވެޔޭ، އެއީ ހަޔާތުގައި ކުރާ ކޮންމެ ކަމަކުންވެސް ކޮންމެވެސް އެއްކަމެއް ދަސްކުރަން ލިބޭތީވެ، އެއީ ސްޓްރެންތެއް. އަމިއްލައަށް ދަސްކޮށްގެން އަމިއްލައަށް ކުރިއެރުމަކީ، އެއީ ވަރަށް އުފާވާ ކަމެއް،" ނިމްޝާ ބުންޏެވެ.