08 Feb 2012, 12:54
ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭރަށް ފުރާވަޑައިގަތުމަށް ސަރުކާރުގެ އެއްވެސް ހުރަހެއް ނެތްކަމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމުހުރިއްޔާ ކަމުގެ މަގާމާ އިއްޔެ ހަވާލުވެ ވަޑައިގަތުމަށް ފަހު ރައީސް އޮފީހުގައި ދެއްވި ފުރަތަމަ ނޫސްކޮންފަރެންސުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ ގާނޫނީ އިމުގެ ތެރެއިން ހިންގާ ސަރުކާރެއް ކަމަށާއި ކުރީގެ ރައީސް ނަޝީދު ބޭރަށް ފުރާވަޑައިގަތުމަށް ބޭނުންފުޅު ނަމަ އެ ބޭފުޅާ އަށް އެ ފުރުސަތު ލިބިގެންވާ ކަމަށެވެ.
"ރައީސް ނަޝީދު ފުރާވަޑައިގަތުމަކަށް އެއްވެސް ހުރަހެއް ނެތް މިހާރަކު. އަޅުގަނޑަށް އެނގިގެންނެއް އެއްވެސް ހުރަހެއް ނެތް މިހާރަކު،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ގާނޫނާ ހިލާފުވެގެން އެއްވެސް ކަމެއް ކޮށްފައިވާ ނަމަ އެކަންކަން ބެލުމަށް ޝަރުއީ މަރުހަލާގެ ތެރެއިން ކުރާ ކަމަކާ ބެހިވަޑައި ނުގަންނަވާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ކުރީ ސަރުކާރުގައި ހިމެނޭ ބައެއް ފަރާތްތަކަށް ރާއްޖެ އިން ބޭރަށް ނުފުރޭނެ ކަމަށް ބުނެ ލިސްޓެއް ނެރެފައިވާ ނަމަ އެ ލިސްޓެއް ބާތިލު ކުރުމަށް ފުލުހުންނަށް މިހާރު އަންގާފައިވާނެ ކަމަށާއި އެ ލިސްޓަކީ އެއްގޮތަކަށް ވެސް އެމަނިކުފާނުގެ އާސަރުކާރުން ނެރެފައިވާ ލިސްޓެއް ނޫން ކަމަށެވެ.
"ރޭގެ ވަގުތެއްގައި އަޅުގަނޑަށް މައުލޫމާތު ލިބުނު ޓްރެވެލް ބޭން ލިސްޓެއް އޮތްކަން. ހަމަ ޔަގީންކޮށް ތިޔަ ބޭފުޅުންނަށް ޔަގީންކަން އަރުވަން އަޅުގަނޑު މިސަރުކާރާ ހަވާލުވި ފަހަކުން އެބާވަތުގެ ލިސްޓެއް އިޝޫއެއް ނުކުރާނެ،" ވަހީދު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގެ ބޭފުޅުން ބޭރަށް ނުފުރޭ ގޮތަށް ލިސްޓެއް އޮތް ނަމަ އެލިސްޓަކީ ކުރީގެ ސަރުކާރުން ހަދާފައިވާ ލިސްޓެއް ކަމަށް ރައީސް ވިދާޅުވި އެވެ.