08 Feb 2012, 12:35
އެމްޑީޕީގެ ސަރުކާރު ވެއްޓުމަކީ އެމްޑީޕީގެ މެންބަރުންނަށާއި އަދި އާއްމު ރައްޔިތުންނަށް ވެސް ލިބުނު އިބުރަތްތެރި ފިލާވާޅެއް ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު( ކާނަލް) މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމުގެ އިދިކޮޅު ފަރާތްތަކާއި ފުލުހުންނާއި ސިފައިން ގުޅިގެން އިއްޔެ ހިނގި ކަންތަކާ ގުޅޭ ގޮތުން ކާނަލް ސަން އޮންނަލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތީއްސުރެ އެކި އެކި ޕްރެޝަރާ ކުރިމަތިވެގެން ދިޔަ ކަމަށާއި އެ ޕުރޭޝަރުތައް އިތުރުވެ، ޕާޓީގެ ބައެއް ނުފޫޒު ގަދަ ބޭބޭފުޅުންގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން ބައެއް ކަންކަމަށް ރައީސް ނަޝީދު ދީލާލެއްވުމުގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ.
"މިކަމަކީ[ސަރުކާރު] ވެއްޓުމަކީ އެއް ކަމެއްގެ ސަބަބުން ދިމާވި ކަމެއްނޫން. މިކަމަށް ލީޑުކުރި ވަރަށް ގިނަ ކަންތައް އެބަހުރި. އޭގެ ތެރޭގައި އެމްޑީޕީގެ ތިއްބެވި ނުފޫޒު ގަދަ ބޭފުޅުންގެ ޕާސަނަލް އިންޓަރެސްޓް ހިމާޔަތްކުރުމަށް ރައީސް ނަޝީދަށް މަޖުބޫރުވެ ދިމާވި ކަންކަން ވެސް ހިމެނޭ،" ކާނަލް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅޭ ގޮތުން ކާނަލް ވިދާޅުވީ ރައީސް ނަޝީދަށް ނަންގަވަންޖެހުނު އެންމެ ދަތި އެއްކަމަކީ އިގްތިސާދީ އިސްލާހީ އެޖެންޑާ އިއުލާން ކުކުރުން ކަމަށާއި ވަރަށް ބައިވަރު ޓެކުސްތަކެއް ވިޔަފާރިވެރިން ދައްކަން ޖެހުމުން އެމްޑީޕީ އަށް ސަޕޯޓްކުރާ ވިޔަފާރިވެރިންގެ ސަޕޯޓް ގެއްލި ވިޔަފާރިވެރިންގެ އެހީތެރިކަން އިދިކޮޅު ފަރާތްތަކަށް ފޯރުކޮށްދެއްވަމުންގެންދެވި ކަމަށެވެ.
އަދި ވިދާޅުވީ އެކަމުގެ އިތުރުން ވެސް އިދިކޮޅު ހުރިހާ ފަރާތްތަކާ އެއްކޮޅަށް ޕްރައިވެޓް މީޑިޔާތައް މަސައްކަތްކުރުމާއި ގާނޫނާ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ސިފައިން ހައްޔަރުކުރުމުގެ މައްސަލަ ފާހަގަވާކަމަށް ކާނަލް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން އަބުދުﷲ ހައްޔަރުކުރެވޭނެ ކަމަށް. ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ތިބި ނުފޫޒު ގަދަ ބަޔަކު ރައީސަށް ދެއްނެވި ގާނޫނީ ގޮތުން އެކަން [އަބުދުﷲ ގާޒީ] ހައްޔަރުކުރެވޭނެ ކަމަށް،" ކާނަލް ވިދާޅުވި އެވެ.
ކާނަލް ވިދާޅުވި ގޮތުގައި އެމްޑީޕީ އިސްލާހުކުރުމުގެ މަސައްކަތަކީ ޕާޓީގައި ތިބި ކޮރަޕްޓް މީހުންނާއި ކްރިމިނަލުން ޕާޓީން ނެރެ ސާފުކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެ ޕާޓީއަކީ ހަރުދަނާ ރަނގަޅު މީހުން ތިބި ޕާޓީއެއް ކަމަށާއި ޕާޓީގެ ކުރިމަގު އިސްލާހުކޮށް އެމްޑީޕީއަކީ ހަރުދަނާ ޕާޓީއަކަށް ހެއްދެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑަކީ އެމްޑީޕީގެ މެންބަރެއް އަޅުގަނޑު މެން ލީޑާޝިޕް ބަދަލުކޮށްގެން ޕާޓީ ރީގްރޫޕްކޮށްގެން ކުރިއަށްދާނެ، މިއީ އިބުރަތެއް، އެއްވެސް ބޭފުޅަކު މާޔޫސްވަޑައިނުގަނޭ. އަޅުގަނޑުމެންނަށް ރަނގަޅު ކުރިމަގެއް އެބައޮތް،" ކާނަލް ވިދާޅުވި އެވެ.