08 Feb 2012, 12:04
އެމްޑީޕީގެ ހަރުގެ ހުންނަ ބިމުގައި ފައިނޭޝަލް ސެންޓަރެއް އެޅުމުގެ ވިސްނުމެއް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ގެންގުޅޭ ކަމަށް ބުނެފި އެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެމްޑީޕީ ހަރުގެ ހުންނަ ބިން އާއްމު ފަރާތަކަށް ކުއްޔަށްދީފައި ވަނީ ސިޔާސީ ހަރަކާތްތައް ހިންގުމަށް ނޫން ކަމަށާއި އެފަރާތުން އެތައް ފަހަރެއްގެ މަތިން ޝަކުވާކުރުމުން އެކަންތައް ހުއްޓުވުމަށް އެ ޖަމިއްޔާ އިން ވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެ ބިން ކުއްޔަށް ދީފައިވާ މުއްދަތު މިދިޔަ އަހަރުގެ ނިޔަލަށް ހަމަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ޖަމިއްޔާ އިން ބުނީ އެމްޑީޕީ ހަރުގެ ހުންނަ ބިމުގައި ޖަމިއްޔާ އަށް ފައިދާ ކުރުވަނިވި މަސައްކަތެއް ކުރުމުގެ ވިސްނުމެއް ޖަމިއްޔާ އިން ކުރިން ވެސް ގެންގުޅެފައިވާ ކަމަށާއި އެގޮތުން ސްރީލަންކާގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރު ފަދަ ތަނެއް އެބިމުގައި އެޅުމަށް ޗައިނާގެ ކުންފުންޏަކުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެބިމުގައި ސިޔާސީ ހަރަކާތްތައް ހިންގަމުން ގެންދާތީ ޖަމިއްޔާ އަށް ގިނަ ޝަކުވާތަކެއް ދިޔައީ ލެބެމުން. ނަމަވެސް އޭރު އެބިން ނެގުމަށް ޖަމިއްޔާ އަށް ވަނީ ދަތިތަކެއް ކުރިމަތިވެފައި. ނަމަވެސް އިއްޔެ އެކަންތައްތައް ހިނގައި ދިޔަ ގޮތުން އެކަމަށް މަގު ވަނީ ކޮށިފައި،" އޮފިޝަލް ވިދާޅުވި އެވެ.
މާލެ ތެރޭގައި އިއްޔެ ހިނގައި ދިޔަ ކަންތައްތަކަށް ފަހު އެމްޑީޕީގެ ހަރުގެ ހުންނަ ބިން މިހާރު ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގަ އެވެ.
އޮފިޝަލް ވިދާޅުވީ އެބިން އަލުން އަނބުރާ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބޭނުމަށް ހޯދުމަށް އެމްއެންޑީއެފާ އެކު މިއަދު މަޝްވަރާކުރާނެ ކަމަށެވެ.