17 Apr 2021, 13:09
ހަވާނާ (އޭޕްރިލް 17): ކިއުބާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ލީޑަރު ކަމުން އިސްތިއުފާ ދޭން ނިންމަވާފައިވާކަން ރައުލް ކާސްޓްރޯ އިއުލާން ކުރައްވައިފި އެވެ.
ކިއުބާގެ އެންމެ ބާރުގަދަ މަގާމު ކަމަށްވާ ފަސްޓް ސެކްރެޓަރީ އޮފް ދަ ކޮމިއުނިސްޓު ޕާޓީގެ މަގާމުން ކާސްޓްރޯ އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވީ އިއްޔެ ފަށާފައިވާ އެ ޕާޓީގެ ކޮންގްރެސްގަ އެވެ. އަދި ހަތަރު ދުވަހަށް ދެމިގެންދާ އެ ބައްދަލުވުންތައް ނިމޭ އިރު ދެން ކާސްޓްރޯގެ މަގާމު ފުރުއްވާނެ ބޭފުޅަކު ހޮވާނެ އެވެ.
ކާސްޓްރޯއަށް ފަހު ޕާޓީގެ ލީޑަރު ކަމަށް ހޮވަން ވަކި ފަރާތަކަށް އޭނާ ތާއިދު ކުރައްވާފައި ނުވި ނަމަވެސް އެ މަގާމަށް ދެން ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ރައީސް މިގޭލް ޑިއޭޒް ކަނާލް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ކާސްޓްރޯ ވިދާޅުވި ގޮތުގައި އޭނާ ޕާޓީގެ ލީޑަރު ކަމުން ދުރަށް ޖެހި ވަޑައިގަންނަވަނީ "ޖޯޝުން ފުރިގެންވާ އަދި އިސްތިއުމާރީ ފިކުރާ ދެކޮޅު ޒުވާން ޖީލަކާ ލީޑާޝިޕް" ހަވާލު ކުރައްވަމުންނެވެ. ނަމަވެސް އޭނާ އަބަދުވެސް ހުންނަވާނީ "ގައުމާއި އިންގިލާބާއި ސޯޝަލިޒަމް ދިފާއު ކުރުމަށްޓަކައި ތައްޔާރަށް"ކަން ފާހަގަ ކުރެއްވި އެވެ.

ރައުލް ކާސްޓްރޯ އާއި ރައީސް މިގޭލް ޑިއޭޒް ކަނާލް -- ފޮޓޯ: އޭއެފްޕީ
ރައުލް ކާސްޓްރޯގެ ކުރިން ކިއުބާގައި ވެރިކަން ކުރެއްވީ ބޭބޭފުޅު ފިޑެލް އެވެ. ފިޑެލް އެގައުމުގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވީ 1959 ވަނަ އަހަރު، އޭރު އެމަގާމުގައި ހުންނެވި ފުލްްގެންސިއޯ ބަޓިސްޓާގެ ވެރިކަން އިންގިލާބަކުން ބަދަލު ކުރެއްވުމަށް ފަހު އެވެ. އަދި އޭނާގެ ބެއްލެވުމުގެ ދަށުން ކިއުބާއަކީ އެއް ޕާޓީއަކުން ވެރިކަން ކުރާ، ސޯޝަލިސްޓް ޖުމްހޫރިއްޔާއަކަށް ހެއްދެވި އެވެ.
ބޮޑުވަޒީރު ކަމަށް ފަހު ރައީސްކަން ވެސް ކުރެއްވި ފިޑެލް ކާސްޓްރޯ ކޮމިއުނިސްޓް ޕާޓީގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވީ 2011 ވަނަ އަހަރު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ. އޭގެ ފަހުން 2016 ވަނަ އަހަރު އޭނާ ވަނީ އަވަހާރަވެފަ އެވެ. އަދި ފިޑެލްއަށް ފަހު ރައުލްވެސް ރައީސް ކަމާ ހަވާލުވި ނަމަވެސް 2018 ވަނަ އަހަރު އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި އެވެ.
ރައުލް ކާސްޓްރޯ ވެރިކަން ކުރާ ޕާޓީގެ ލީޑަރު ކަމުން ދުރަށް ޖެހިވަޑައިގަންނަވަނީ ގައުމުގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ފަތުރުވެރިކަމަށް ބަރޯސާ ވެފައިވާ އެގައުމުގެ އިގުތިސާދު ވަނީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރު 11 ޕަސެންޓު ދަށަށް ގޮސްފައި ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ. އަދި ކާނާ އާއި ބޭހާއި އެހެނިހެން ޒަރޫރީ ބާވަތްތައް ހޯދުމަށް ގިނަ މީހުންނަށް ވަނީ އެތައް ގަޑި އިރެއް ވަންދެން ކިޔޫގައި ތިބެން މަޖުބޫރުވެފަ އެވެ.