17 Apr 2021, 11:22
އިބްރާހިމްގެފާނަކީ ވަރަށް ދީލަތި އަދި މެހެމާނުންނަށް އަބަދުވެސް ވަރަށް ކަމޭހިތްތަވާ ރަސޫލުބޭކަލެކެވެ. ޚުދު ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅެއްގެ މާނައިގައިވެސްވެއެވެ. މާތްﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހެއްނަމަ އެމީހެއްގެ ގާތަށް އަންނަ މެހެމާނަކަށް ކަމޭހިތާނެއެވެ. މެހެމާނުންނަށް ކަމޭހިތުމަކީ ވަކި ޖިންސަކަށް ނުވަތަ ވަކިކުލައަކަށް އަދި ވަކި ދީނަކަށާއި ނަސްލަކަށް ބެލުމެއް ނެތި ކުރަން އަންގަވާފައިވާ ކަމެކެވެ.
"ދީނުން ފިލާވަޅެއް"ގެ މިއަދުގެ އެޕިސޯޑުގައި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ކިޔައިދެއްވަނީ މެހެމާނުންނަށް ކަމޭހިތުމުގައި ﷲގެ ޚަލީލް އިބްރާހިމްގެފާނު އަމަލުކުރެއްވި ގޮތާއި އަދި އެއިން މިއަދު ގެ ޖީލު ހާސިލްކުރަންވީ އިބުރަތެވެ.
މެހެމާނުންނަށް ކަމޭހިތުމަކީ ރަސޫލުންގެ ސުންނަތެއް
އިބްރާހިމްގެފާނުގެ ގެކޮޅުގެ ކައިރިން ދާ ނުވަތަ ބައްދަލުވާ ކޮންމެ މީހަކަށް، އެއީ އަދި ދަންނަ މީހެއް ކަމުގައިވާނަމަ ނުވަތަ ބީރަށްޓިއްސެއް ކަމުގައިވާނަމަވެސް ކަމޭހިތްތެވުމުގެ ގޮތުން އިބްރާހިމްގެފާނ ހާޢްސަ މެހެމާންދާރީއެއް އަދާކުރައްވައެވެ.
މިގޮތުން އެއްފަހަރަކު އިބްރާހިމްގެފާނުގެ ގެކޮޅުގެ ކައިރިން ބީރަށްޓިއްސަކު ހިނގާފައި ދަތުރުކޮށްފައި އަންނަ މަންޒަރު ފެނިވަޑައިގެން އެ ދަތުރުވެރިޔާއަށް ކަމޭހިތްތެވުމުގެ ގޮތުން އިބްރަހިމްގެފާނުގެ ގެކޮޅަށް އައުމަށް ދައުވަތު ދެއްވިއެވެ. އެ ދައުވަތު ގަބޫލުކޮށް އެ ދަތުރުވެރިޔާ އިބްރާހިމްގެފާނުގެ ގެކޮޅަށް އައިސް ހާޒިރުވެ އިބްރާހިމްގެފާނުގެ ދީލަތިފުޅުކަމުގައި އެ ދަތުރުވެރިޔާއަށް ކެއުމުގެ ސުފުރާއެއް ތައްޔާރުކުރެއްވެވިއެވެ.
އަދި އެ ކެއުމުގެ ސުފުރާއަށް އިންސާފުކުރުމަށް އެ ދަތުރުވެރިޔާ ގާތުގައި ﷲގެ އިސްމުފުޅުން ފެއްޓެވުމަށް ދެންނެވިއެވެ. އެހިނދު އެ ދަތުރުވެރިޔާ އޭނާ ﷲ އަށް އީމާންނުވާ ކަމުގައި ބުންޏެވެ. އަދި އެގޮތަށް އަމަލުކުރުމަށްވެސް ދެކޮޅު ހެދިއެވެ.
އިބްރާހިމްގެފާނު މިކަމާއި ހިތްޕުޅާނުވިއެވެ. އަދި އެކަލޭގެފާނުގެ ސުފުރާ މަތީގައި ﷲގެ ނަންފުޅު ނުގަންނަ މީހަކަށް ނީދެވޭނެ ކަމުގައި ވިދާޅުވިއެވެ. އެހެން ވިދާޅުވެ އެ ދަތުރުވެރިޔާއަށް ނުކުތުމަށް އެންގެވިއެވެ. އަދި އެ ދަތުރުވެރިޔާ ނުކުމެ ހިނގައިގަތުމުން މާތް ﷲ ސުބުހާނަހޫ ވަތައާލާ ވަހީ އެކަލޭގެފާނަށް ވަހީ ބާވާލެއްވިއެވެ.
އަދި އެ މެހެމާނާއާއި ދޭތެރޭ އެފަދައިން ކަންތައްތައް ކުރެއްވީ ކީއްވެގެންތޯ ސުވާލުކުރެއްވެވިއެވެ. އަދި ތިމަން ﷲއީ ރަނގަޅު މީހުންނަށްވެސް އަދި ނުބައި މީހުންނަށްވެސް ތިމަން ﷲގެ ނިއުމަތްތައް ބާވާލައްވާ ރަސްކަލާންގެކަން ހަނދުމަކޮށްދެއްވިއެވެ. އަދި އަލުން އެ ދަތުރުވެރިޔާއަށް އިބްރާހިމްގެފާނުގެ ސުފުރާކޮޅަށް ދައުވަތު ދެއްވުމަށް އެންގެވިއެވެ.
އެއާއެކު އިބްރާހިމްގެފާނު ވަރަށް ދެރަފުޅުވެ ނުކުމެވަޑައިގެން އެމީހާގެ ފަސްފަހަތުން ހިންގަވައި ވަޑައިގަތެވެ. އެތަން ދަތުރުވެރިޔާއަށް ފެނުމުން އޭނާ ހީކުރީ އަނެއްކާވެސް އިބްރާހިމްގެފާނު އޭނާއަށް ގޯނާއެއް ކުރައްވަން އުޅުއްވަނީ ކަމަށެވެ. އެންމެފަހުން ނިކަން ބާރަށް ވަޑައިގެން ގޮސް ދަތުރުވެރިޔާއަށް އަނެއްކާވެސް ކެއުމަށް ދައުވަތު ދެއްވިިއެވެ.
ދަތުރުވެރިޔާ އެ ދައުވަތު ގަބޫލުކޮށް ކެއުމަށްފަހު، ކެއުމުގެ އެ ހެޔޮ ރިޒްގު ﷲއަށް ކާފިރުވާ ހާލުވެސް ދެއްވިކަމަށްޓަކައި ނިކަން އަޖައިބުވެ އަދި ޝުކުރުވެރިވާ ހާލުގައި އިސްލާމްދީން ގަބޫލުކޮށްފިއެވެ.
މި ހާދިސާއިން އަހަރެމެންނަށް ދޫކޮށްދެނީ ނިކަން ފުރިހަމަ އަދި ރީތި މިސާލެކެވެ. މުސްލިމުންނަށްވެ ތިބި ހާލު، ކޮންމެ ޖިންސެއްގެ ކުލައެއްގެ ނަސްލެއްގެ އަދި ދީނެއްގެ މީހަކަށްވެސް މެހެމާންދާރީ އަދާކުރާނެ ފުރުސަތެެއް ލިބިއްޖެނަމަ ކެރި ކުޅަދާނަވީ މިންވަރަކުން އެންމެ ފުރިހަމައަށް އެކަން ކޮށްދޭންޖެހޭނެ ކަމެވެ.