މާލެތެރޭގައި ހިނގައި ދިޔަ ކަންތައްތަކާ ގުޅިގެން ބައެއް މީހުން ރާއްޖެ އިން ބޭރަށް ނުފުރޭނެ ކަމަށް ބައެއް ފަރާތްތަކަށް އަންގާފައިވާ ނަމަ އެކަން ބާތިލު ކުރުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ހިމެނޭ ބައެއް ފަރާތްތަކަށް ރާއްޖެ އިން ބޭރަށް ނުފުރޭނެ ކަމަށް ބުނެ ލިސްޓެއް ނެރެފައިވާ ނަމަ އެ ލިސްޓެއް ބާތިލު ކުރުމަށް ފުލުހުންނަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އިއްޔެ އިން ފެށިގެން ބައެއްފަރާތްތަކުން ރާއްޖެ އިން ބޭރަށް ފުރިޔަނުދީ ހިފަހައްޓާފައިވާނެ ކަމަށެވެ. އަދި އެގޮތަށް ހެދީ މާލެތެރޭގައި ހިނގައި ދިޔަ ކަންތައްތަކާ ގުޅިގެން ކަމަށް ޝިޔާމް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮންބައެއް ކަމެއް ޝިޔާމް ވިދާޅެއް ނުވެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ކުރީ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ރާއްޖެ ދޫކޮށް ފުރާވަޑައިގަތުމަށް މަސައްކަތް ކުރެއްވުމާ ގުޅިގެން ފުރާވަޑައިގަތަ ނުދީ ފުލުހުން ވަނީ ހިފަހައްޓާފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ބޭފުޅުން ހިފަހައްޓާފައި ވަނީ އެއާޕޯޓަށް ވަޑައިގަންނަވައިފައި ވަނިކޮށް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.