16 Apr 2021, 20:50
ތިމަރަފުށީ ސުކޫލްގައި ބޮން ގޮއްވަން އުޅުނު މައްސަލާގައި ޓެރަރިޒަމްގެ ތުހުމަތުކޮށް، ބަންދުކޮށްފައިވާ އެ ރަށު އަސްރަފީވިލާ އަހުސަން މުހައްމަދުއަށް އަނިޔާކުރި ކަމަށް ބުނާ ވާހަކަތައް ފުލުހުން ސާފުކޮށްދީފި އެވެ.
މިދިޔަ އަހަރު ފަހުކޮޅު ތ. ތިމަރަފުށީގައި ފުލުހުން ހިންގި ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި އަށް މީހުންގެ ތެރޭގައި ހިމެނޭ އަހުސަން، ޓެރަރިޒަމްގެ ތުހުމަތުގައި ބަންދުކޮށްފައިހުރީ ދޫނިދޫ ކަސްޓޯޑިއަލްގަ އެވެ.

ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން -- ފޮޓޯ/ ފުލުހުން
ފުލުހުން ބުނީ އަހުސަން ބަންދުކޮށްފައި ހުރި ގޮޅީގައި ހަރުކޮށްފައިވާ ކެމެރާއަށް ނުފެންނަ ގޮތް ހެދުމަށް އެކި އެއްޗެހި ބޭނުންކޮށްގެން ތަކުރާރުކޮށް ކެމެރާ ބްލައިންޑް ކުރުމާ ގުޅިގެން މިމަހުގެ 11 ވަނަ ދުވަހުގެ ރޭ 8:00 ހާއިރު އޭނާ ގޮޅިން ބޭރަށް ނެރުނު ކަމަށެވެ.
"އަހުސަން ގޮޅިން ނެރުމަށް ފަހު ކެމެރާގައި އުނގުޅާފައި ހުރި ދަތްއުނގުޅާ ބޭސް ސާފުކޮށް، ކެމެރާ ބްލައިންޑް ކުރަން ބޭނުންކުރާ ތަކެތި ގޮޅިން ނެރެ، އަލުން ގޮޅިއަށް ވަނުމަށް އަހުސަންއަށް އަންގާފައިވޭ. ނަމަވެސް ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އެކަމަށް އަހުސަން ދެކޮޅު ހަދައި، އެވަގުތު އެތަނުގައި ތިބި ފުލުހުންނަށް ތަފާތު އިންޒާރުތައް ދީފައިވޭ." ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އަހުސަން ގޮޅިއަށް ވައްދަން މަސައްކަތްކުރި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި، ފުލުހުން ގައިގައި ޖަހައި މާރާމާރީ ހިންގުމުން ޕެޕާ ސްޕްރޭ ބޭނުންކޮށް، އޭނާ ޖަލު ސަރަހައްދުން ބޭރަށް ނެރެ ބިޑިއެޅުވި ކަމަށެވެ.
އެއަށް ފަހު އެފަދަ ކަންކަން އިތުރަށް ތަކުރާރު ނުކުުރުމަށް އޭނާއަށް ނަސޭހަތްތެރިވުމަށް ފަހު އެރޭގެ ވަގުތެއްގައި އޭނާ ގޮޅިއަށް ވައްދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އަހުސަން ގޮޅިއަށް ވެއްދުމުގައި ފުލުހުން އަމަލުކުރީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯއާއި ފުލުހުންގެ ތެރޭަގއި ހެދިފައިވާ އުސޫލުތަކުގެ ތެރެއިންތޯ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންނާއި ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީއަށް ހުށަހަޅައިގެން ބަަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ހަމަޖެހިފައިވާ އިޖުރާއަތްތަކާ ހިލާފަށް އެކަމުގައި އަމަލުކޮށްފައިވާ ނަމަ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ތިމަރަފުށީ ސްކޫލްގައި ބޮންގޮއްވަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަށް މީހުންގެ ތެރެއިން އަހުސަންއަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.