16 Apr 2021, 20:52
ބެއިޖިން (އޭޕްރިލް 16): ޗައިނާގެ އިގުތިސާދު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާ އިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 18.3 ޕަސެންޓު ކުރި އަރައިފި އެވެ.
ޗައިނާގެ އިގުތިސާދަށް މި އަހަރުގެ ފުރަތަމަ ތިން މަސް ތެރޭ އައި ކުރި އެރުމަކީ، 1992 ވަނަ އަހަރު އެގައުމުން ކޮންމެ ކުއާޓަރެއްގެ އިގުތިސާދީ ކުރިއެރުން ރެކޯޑު ކުރަން ފެށި ފަހުން އެގައުމުގެ ޖީޑީޕީއަށް އެހާ ބޮޑު ތަފާތެއް އައި ފުރަތަމަ ފަހަރެވެ. ނަމަވެސް އެއީ ރޮއިޓާސް އާއި ވޯލް ސްޓްރީޓް ޖާނަލްއިން އިކޮނޮމިސްޓުންގެ ހިޔާލު ހޯދުމަށް ނެގި ޕޯލްއަކުން އެގައުމުގެ އިގުތިސާދު ކުރި އަރާނެ ކަމަށް ލަފާ ކުރި މިންވަރަށް ވުރެ ދަށް އަދަދެކެވެ. އެގޮތުން އިކޮނޮމިސްޓުން ލަފާ ކުރި ގޮތުގައި އެގައުމުގެ ޖީޑީޕީ 19 ޕަސެންޓަށް ކުރި އަރާނެ ކަމަށެވެ.
މީގެ އިތުރުން، ޗައިނާގެ އިގުތިސާދު ރެކޯޑު މިންވަރަކަށް ކުރި އެރި ކަމަށް ދައްކަނީ މިދިޔަ އަހަރު ރެކޯޑު މިންވަރަކަށް ޖީޑީޕީ ދަށްވުމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެގައުމުގެ އިގުތިސާދު 6.8 ޕަސެންޓު ދަށަށް ދިޔަ އެވެ. އަދި މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާ ބަލާ އިރު މިއަހަރުގެ ފުރަތަމަ ތިން މަހު އެގައުމުގެ އިގުތިސާދު ކުރި އަރާފައި ވަނީ 0.6 ޕަސެންޓަށެވެ.
ޗައިނާގެ ޖީޑީޕީގެ އިތުރުން އެގައުމުން އާއްމުކޮށްފައިވާ އެހެން ތަފާސްހިސާބުން ދައްކާ ގޮތުގައި، ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން އެގައުމުގެ އިގުތިސާދަށް ލިބުުނު ގެއްލުމުން އެގައުމު މިހާރު ދަނީ އަރައިގަންނަމުންނެވެ. އަދި ޗައިނާ އަކީ އިގުތިސާދީ ގޮތުން އެންމެ ކުރި އަރާފައިވާ ގައުމުތަކުގެ ތެރެއިން މިދިޔަ އަހަރު ޖީޑީޕީ އިތުރުވި ހަމައެކަނި ގައުމެވެ. އެގޮތުން މިދިޔަ އަހަރު އެގައުމުގެ އިގުތިސާދު 2.3 ޕަސެންޓު ކުރި އެރި އެވެ.