ކޮވިޑް19ގެ ދެ ޑޯޒް ފުރިހަމަ ކުރާތާ ދެ ހަފްތާ ފަހުން، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ރަށަށް ދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް އާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ކަރަންޓީނު ކުރުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ބަދަލުގެންނަން ވަނީ ނިންމައިފަ އެވެ.

އެ ތާރީހުން ފެށިގެން ރަށުގެ އާބާދީގެ 60 ޕަސެންޓު މީހުންނަށް ކޮވިޑް19 ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ އެވެ.

އެޗްޕީއޭގެ އާ އުސޫލާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ރިސޯޓު މުވައްޒަފުންނަށް ވެސް ކަރަންޓީނު ވުމަކާ ނުލާ މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށެެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ، މުވައްޒަފުންނަށް އެ ފުރުސަތު ފަހިވީތީ އުފާކުރައްވާ ކަމަށެވެ.

"ފަތުރުވެރިކަމުގެ ކާމިޔާބުގަ މުވައްޒަފުންގެ ހިއްސާނުހަނުބޮޑު. އެވެރިންގެ ހިދުމަތާއި ގުރުބާނީއަށް ޝުކުރާއި ސަނާ،" މިނިސްޓަރު ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުން މިހާރު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފަ އެވެ.