08 Feb 2012, 10:53
ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުން މުހައްމަދު ނަޝީދު އިސްތިއުފާދެއްވައި، ނައިބު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ވަހީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމުން ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަން ނިމުމަކަށް އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އދ. އިން ބުނެފި އެވެ.
ރާއްޖޭގެ ވެރިކަން ބަދަލުވުމާ ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ރާއްޖެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ހުރިހާ ރައްޔިތުން ވެސް ހަމަނުޖެހުމާ ދުރުހެލިވެ، އުފެއްދުންތެރި ގޮތަކަށް މަސައްކަތްކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި ޑިމޮކްރަސީއަކަށް ބަދަލުވުމުގައި ރާއްޖެ ހޯދާފައިވާ މުހިއްމު ކުރިއެރުންތައް ދެމެހެއްޓައި އެކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ވެސް ބާންކީ މޫން ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައިވެ އެވެ.
ބާންކީމޫންގެ ބަޔާނުގައި އަދި ވިދާޅުވެފައި ވަނީ ރާއްޖޭގައި ޑިމޮކްރަސީ ގާއިމްކުރުމަށް، ޑިމޮކްރަސީގެ އުސޫލުން ރާއްޖޭގައި އިންތިހާބުވި ފުރަތަމަ ރައީސް މުހައްމަދު ނަޝީދު ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާ ކަމަށެވެ. އަދި މޫސުމަށް އަންނަބަދަލުތަކާ މެދު ބައިނަލްއަގުވާމީ ގޮތުން ހޭލުންތެރިކަން އުފެއްދެވުމަށް އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްޕުޅު ވެސް ފާހަގަކުރައްވާ ކަމަށް ބާން ވިދާޅުވެފައިވެ އެވެ.
"އދ. އޮންނާނީ ދިވެހިރާއްޖޭގެ ގާތް ބައިވެރިއެއްގެ ގޮތުގަ އެވެ. އަދި އދ.ގެ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި އިތުރުކުރާނެ އެވެ." ބާންކީ މޫންގެ ބަޔާނުގައިވެ އެވެ.