އަބަދުވެސް ބުނާތީ އަޑުއިވެއެވެ. "ތެދަކީ" އަޑުއަހާ އަދި ގަބޫލުކުރަން ދަތި އެއްޗެކެވެ. އުނދަގޫ އެއްޗެކެވެ. މީސްތަކުންނަށް ތެދުމަގު ދައްކައިދީ އިސްލާމްދީނަށް ދައުވަތު ދިނުމަށްޓަކައި އެކިއެކި ދުވަސްވަރުގެ މަތީން މާތްﷲ ވަނީ ރަސޫލުންނާއި ނަބިއްޔުން ފޮނުއްވާފައެވެ. މިިގޮތުން ފޮނުއްވުނު އެއް ނަބިއްޔަކީ 950 އަހަރު ވަންދެން އިސްލާމްދީނުގެ ދައުވަތު ދެއްވުމުގައި ދެމިހުންނެވި ނަބިއްޔާ ނޫހު އަލައިހިއްސަލާމް އެވެ.

وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًۭا فَأَخَذَهُمُ ٱلطُّوفَانُ وَهُمْ ظَـٰلِمُونَ 29:14 [ އަލް އަންކަބޫތު 14]

މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ނޫހުގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު، ފަންސާސް އަހަރު ފިޔަވައި، އެއްހާސް އަހަރު (އެބަހީ: ނުވަސަތޭކަ ފަންސާސް އަހަރު ދީނަށް ގޮވައިލެއްވުމަށް) އެއުރެންގެ ތެރޭގައި ހުންނެވިއެވެ. ފަހެ، އެއުރެން އަނިޔާވެރިންކަމުގައިވާ ހާލު، ތޫފާނު (ގެ އަޒާބު) އައިސް އެއުރެންނަށް ޖެހުނެވެ.

މިހާ ގިނަ ދުވަހު، މެދުކެނޑުމެއްނެތި ހިތްވަރާއިއެކު ދީނަށް ގޮވާލެއްވުމުގައި އެކަލޭގެފާނު ސާބިތުވެ ހުންނެވުމަކީ ކެތްތެރިކަމާއި ހެޔޮ އަގީދާގެ ސާބިތުކަން ނުހަނު ފުރިހަމައަށް ހާމަވާ ކަމެކެވެ.

މިއަހަރުތަކުގައި އެކަލޭގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނަށް މަލާމާތްކޮށް އިހާނެތި އެތަށް ބަހެއް ރައްދުކުރި އެވެ. މިގޮތުން އެކަލޭގެފާނު ބެންނެވި ނައުކޮޅަކީ އެއްގަމުގައި ދުއްވަން ބަންނަވާ ނައުކޮޅެއްތޯ އާއި، އެކަލޭގެފާނަކީ ތަންދޮރު ނުދަންނަ މޮޔައެއްކަމަށްވެސް ބުންޏެވެ. ނަމަވެސް މި ހުރިހާ ބަސްތަކަކަށްވެސް އެކަލޭގެފާނު ދެއްވި ޖަވާބަކީ، ކެތްތެރިކަމެވެ.

އޭރުވެސް ހެޔޮ ނަސޭހަތަށް ދިނީ ފުރަަގަސް

އެހާމެ ގިނަ ދުވަހު ދީނަށް ގޮވާލެއްވުމުގައި ކެތްތެރިކަމާއިއެކީ އެކަލޭގެފާނު ދެމިހުންނެވިއިރު، އެކަލޭގެފާނުގެ ދައުވަތު ގަބޫލުކުރެއްވީ ވަރަށް މަދު ބައެކެވެ.

فَلَمْ يَزِدْهُمْ دُعَآءِىٓ إِلَّا فِرَارًۭا 71:6 [ ސޫރަތް ނޫހް 6]

މާނައީ: ފަހެ، ތިމަންކަލޭގެފާނުގެ ގޮވައިލެއްވުން، ފިލާންދިޔުން ނޫންކަމެއް އެއުރެެންނަކަށް އިތުރެއް ނުކުރިއެވެ. (އެބަހީ: އެކަލޭގެފާނު ތެދުމަގަށް ގޮވައިލެއްވިވަރަކަށް، އެއުރެންދަނީ، އެކަލޭގެފާނުގެ ދައުވަތާ ދުރަށެވެ.)

އެކަލޭގެފާނު ދެއްވި ހެޔޮ ޚަބަރާއި ނަސޭހަތަށް ބީރުކަންފަތެއް ދިންއިރު، ދެއްވި ކޮންމެ ނަސޭހަތަކާއި އެކީ މީސްތަކުން އެކަލޭގެފާނާއި ދުރަށް ދިޔައެވެ. އަދި ބޮޑާއި ކަމާއި އެކު ކުފުރުގެ ހާލަތުގައި ދެމިތިއްބެވެ.

ހެޔޮ ނަސޭހަތަށް ފުރަގަސް ދިނުމަކީ ފިނޑި އަމަލެއް!

އެހެންނަމަވެސް ނޫހުުގެފާނުގެ އަޒުމުފުޅާއި ހިތްވަރުފުޅަކަށް ބަދަލެއް ނާދެއެވެ. ފާޅުގަޔާއި ސިއްރުގައިވެސް ދީނަށް ގޮވާލެއްވުމުގައި ސާބިތުވެ ދެމިހުންނެވި އެވެ. އަދި ﷲގެ ހަޒްރަތުގައި ފާފަ ފުއްސެވުމަށް އެދި ދެންނެވުމަށް ގޮވާލެއްވިއެވެ. އަދި ތަނަވަސްކަމާއި ގިނަގުނަ ނިއުމަތްތައް ދެއްވާނެ ކަމުގެ އުފާވެރި ޚަބަރުތައްވެސް ހިއްސާކުރެއްވެވިއެވެ. އެވަރުންވެސް އެދެވޭ އިޖާބައެއް އެކަލޭގެފާނަށް ލިބިވަޑައެއް ނުގަތެވެ.

އަދި އެމީހުން އެކަލޭގެފާނަށް ފުރަގަސްދެއްވިގޮތް ގުރުއާނުގައި ބަޔާންވެފައިވަނީ މިފަދައިންނެވެ.

كَأَنَّهُمْ حُمُرٌۭ مُّسْتَنفِرَةٌۭ 74:51 [އަލް މުއްދަސިރު 51]

މާނައީ: އެއުރެން ސިންގާއަކަށް ފިލަންދުވާ وحشى ހިމާރުތަކެއް ފަދައެވެ.

އެހެންކަމުން ހެޔޮ ނަސޭހަތަށް އިންކާރުކޮށް ފިލަން ދުވާ މީހުން ގުރުއާނުގައި ސިފަކުރައްވާފައިވަނީ މިފަދައިންނެވެ.

އެހެންކަމުން މިއަދުގެ މުޖްތަމައުގައިވެސް ހެޔޮ ނަސޭހަތްދީ ތެދުމަގަށް ގޮވާލާ ހިތްވަރުދީ އެދޭ ނަސޭހަތްތައް އަޑުއަހައި ގަބޫލުކުރުމުގެ މުހިންމުކަން މި ހާދިސާއިން އެގިގެން ދެއެވެ. އަދި އިބްރަތްތަކާއި ފިލާވަޅުތަކަށް ބިރުން ފިލަން ދިއުމަކީ ފިނޑި އަމަލެއްކަންވެސް އެެގެއެވެ. އެހެންކަމުން ނަސޭހަތް ދެނީ އަދި މައިންބަފައިންނާއި މުދައްރިސުންކަމުގައިވިޔަސް، އިލްމުވެރިންނާއި، އުމުރުން ދުވަސްވީ މީހުން ކަމުގައިވިޔަސް، ހެޔޮމަގަށް ގޮވާލާ މާތްﷲގެ މަތީން ހަނދުމަ އާކޮށްދޭނަމަ ކަނުލާ އަޑުއަހަން ސަމާލުވާން ޖެހެއެވެ.