މާލެތެރޭފައި މިހާރު ހިނގާ ކަންތައްތަކާ ގުޅިގެން ގޭންގު ހަރަކާތްތަކާއި ހަމަނުޖެހުންތައް ހުއްޓުވަން ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ރެއިން ފެށިގެން ފުލުހުން ހިންގާ އޮޕަރޭޝަނާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ. އަދި އެފަދަ ކަމަކަށް މަގުފަހިވާ އެއްވެސް ކަމެއް ބަޔަކު ކުރާ ނަމަވެސް ފިޔަވަޅު އަޅާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ފުލުހުން އަންނަނީ އަތޮޅު ތެރޭގައި ވެސް ހިނގައިފާނެ ހަމަނުޖެހުމަކަށް ބަލައި ޚާއްސަ އޮޕަރޭޝަންތައް ވެސް ހިންގަމުންނެވެ.

މާލެ އާއި އަތޮޅުތެރޭގެ އަމަންއަމާން ކަން ގާއިމު ކުރަން ފުލުހުން ޚާއްސަ އޮޕަރޭޝަންތަކެއް ފަށާފައިވާ އިރު އިއްޔެ އިން ފެށިގެން ފުލުހުންގެ އިސް ބޭފުޅުންގެ މަގާމުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

ގޭންގް ހަރަކާތްތައް ހުއްޓުވަން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައި މިވަނީ ކުރީ ސަރުކާރުން 400 އަށް ވުރެ ގިނަ ގައިދީން ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައި ވަނިކޮށެވެ.