ވޮޝިންޓަން (އޭޕްރިލް 15): އެމެރިކާގެ ތާރީހުގައި ހިންގި އެންމެ ބޮޑު އެއް އިންވެސްޓްމެންޓް ހިޔާނާތުގައި އިސްކޮށް ހުރި ބާނީ މޭޑޮފް ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އިއްޔެ މަރުވެއްޖެ އެވެ.

އެމެރިކާގެ ނޯތު ކެރޮލައިނާގެ ޖަލެއްގައި އިއްޔެ 82 އަހަރުގެ މޭޑޮފް މަރުވިކަން އިއުލާން ކުރީ އެގައުމުގެ ފެޑެރަލް ބިއުރޯ އޮފް ޕްރިޒަންސްއިންނެވެ. އަދި އޭނާ މަރުވީ ގުދުރަތީ ސަބަބުތަކާ ހެދި ކަމަށް އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓް ކުރި އެވެ.

މޭޑޮފްގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރި އޮފިޝަލުން ވިދާޅުވި ގޮތުގައި އޭނާގެ އިންވެސްޓްމެންޓު ކުންފުނި މެދުވެރިކޮށް އޭނާ ވަނީ 125 ގައުމަކުން 40،000 އަށް ވުރެ ގިނަ މީހުންނަށް އޮޅުވާލާ، ފައިސާ ހޯދާފަ އެވެ. އަދި ހިއްސާ ވިއްކާ ފަރާތްތަކާއި ގަންނަ ފަރާތްތަކާ ގުޅުވައިދޭ އެ ކުންފުނި ހިންގަމުން ދިޔައީ ޕޮންޒީ ސްކީމެއްގެ ގޮތުގަ އެވެ. އެގޮތުން އެ ކުންފުނިން އިންވެސްޓަރުންނަށް ފައިސާ ދެމުން ދިޔައީ އެ އިންވެސްޓްމެންޓުތަކުން ލިބުނު ފައިދާގެ ބަދަލުގައި، އާ ކަސްޓަމަރުންގެ ފަރާތުން ހޯދާ ފައިސާއިންނެވެ.

އެ ހިޔާނާތް ފަޅާ އެރީ 2008 ވަނަ އަހަރުގެ މާލީ ކާރިސާ ތެރޭގަ އެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އޭނާގެ ދަރިން މާކް އާއި އެންޑްރޫ މޭޑޮފް އެވެ.

އެ ހިޔާނާތުގެ ސަބަބުން ގެއްލުނު 17 ބިލިއަން ޑޮލަރުގެ ތެރެއިން 14 ބިލިއަން ޑޮލަރު ވަނީ މިހާތަނަށް ހޯދާފަ އެވެ. އަދި މޭޑޮފް 2008 ވަނަ އަހަރު ކުށަށް އިއުތިރާފް ވުމުން އޭނާގެ މައްޗަށް ކުރީ 150 އަހަރުގެ ޖަލު ހުކުމެކެވެ.

މޭޑޮފްގެ ދޮށީ ދަރިފުޅު މާކް ވަނީ 2010 ވަނަ އަހަރު އަމިއްލައަށް މަރުވެފަ އެވެ. އަދި އޭގެ ހަތަރު އަހަރުގެ ފަހުން އޭނާގެ ހަގު ދަރިފުޅު އެންޑްރޫ ވަނީ ކެންސަރު ބަލީގައި މަރުވެފަ އެވެ.