08 Feb 2012, 10:42
އިއްޔެ އިސްތިއުފާ ދެއްވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުންނެވީ ކުރީގެ ރައީސުންނަށް ދެއްވާ ރައްކާތެރިކަމާއި ހިމާޔާތުގައި ކަމަށާއި ނަޝީދު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
ރައީސް ނަޝީދު، ސިފައިންގެ ބެލުމުގެ ދަށުގައި ހިފަހައްޓާފައިވާ ކަމަށް، އޭނާގެ އާއިލާއާ ހަވާލާދީ، ބޭރުގެ ބައެއް މީޑިއާތަކުގައި ވަނީ ބުނެފަ އެވެ.
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށާއި ރައީސް ނަޝީދު ހުންނެވީ ފުލުހުންގެ އަދި ސިފައިންގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ނުކުމެ، ފުލުހުންނާ ގުޅިގެން ވައްޓާލީ، ރައީސްގެ އަމުރަށް، ގާނޫނު އަސާސީއާ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ސިފައިން ހައްޔަރު ކުރުމާ ގުޅިގެން ވޭތުވެ ތިން ހަފުތާ ވަންދެން އިދިކޮޅު މީހުން ކުރި މުޒާހަރާތަކަށް ފަހު އެވެ.
އަބްދުﷲ މުހައްމަދު ދޫކޮށްލުމަށް ސުޕްރީމް ކޯޓާއި ހައި ކޯޓުން ކުރި އަމުރަށް ކިޔަމަން ނުވެ ރައީސް ނަޝީދު ވަނީ އެ އަމުރުތަކަށް ޗެންލެންޖު ކުރައްވައިފަ އެވެ. އަދި އެމްޑީޕީ މަސައްކަތް ކުރީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ބެންޗު ކުޑަކޮށް އަލުން އެކުލަވާލުމަށެވެ.
އިއްޔެ އަލަށް ހުވާ ކުރެއްވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގާނޫނު އަސާސީ އިން ލިބިދޭ ހިމާޔަތާއި ރައްކާތެރިކަން ލިބޭނެ ކަމަށެވެ.