15 Apr 2021, 10:03
މިދިޔަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން "ނެވާ ހޭވް އައި އެވާ"ގެ ދެވަނަ ސީޒަން މި އަހަރުގެ ޖުލައި މަހު ނެޓްފްލިކްސްގައި ރިލީޒްކުރާނެކަމަށް އެކުންފުނިން ބުނެފިއެވެ.
އެމެރިކާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ ޓީނޭޖް އަންހެންކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒް ޖުލައި މަހު ރިލީޒްކުރާނެކަމަށް ބުނި ނަމަވެސް ސީދާ ތާރީޚެއް ނެޓްފްލިކްސްއިން ހާމައެއް ނުކުރެއެވެ.
މި ސީރީޒްގެ މެއިން ކެރެކްޓާ "ދޭވީ"ގެ ރޯލުން ފެނިގެންދަނީ ކެނެޑާއަށް ނިސްބަތްވާ، ތަމަޅަ ނަސްލުގެ އެކްޓްރެސް މެއިޓްރެޔީ ރާމަކްރިޝްނަންއެވެ. މީގެ އިތުރުން މި ފިލްމުން ފެނިގެންދާ އެހެން ތަރީންގެ ތެރޭގައި ޕޫރްނާ ޖަގަނާތަން، ސެންތިލް ރާމަމޫރުތީ، ޑެރެން ބާނެޓު، ލީ ރޮޑްރިގޭޒް، ޖެރެން ލިއުސަން އަދި ރިޗާ މޫރްޖާނީ ހިމެނެއެވެ.
ނޭވާ ހިފަހައްޓާލައިގެން ތިބެ ފުރަތަމަ ސީޒަންގެ ފަހު އެޕިސޯޑު ބެލި އިރު ބެލުންތެރިން ތިބީ ދެވަނަ ސީޒަންގައި ކަންތައްތައް ވެގެންދާނޯ ކިހިނެއްކަން ބަލަން ކެތްމަދުވެފަ އެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހު ސީރީޒްގެ ފުރަތަމަ ސީޒަން ގެނެސްދިން އިރު އެ ސީޒަންގައި 10 އެޕިސޯޑު ހިމެނެ އެވެ.
ނެވާ ހޭވް އައި އެވާ އުފެއްދީ ކޮމޭޑިއަން އަދި ޕްރޮޑިއުސަރު މިންޑީ ކޭލިންގްއެވެ.