08 Feb 2012, 10:22
މެނީލާ (ފެބްރުއަރީ 8) : މިދިޔަ އާދީއްތަ ދުވަހު ފިލިޕީންސަށް އައި ބިންހެލުމާ ގުޅިގެން ގެއްލިފައިވާ މީހުން ހޯދައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެގައުމުގެ ސިފައިންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ އެތަށް ހާސް ބަޔަކު ހަރަކާތްތެރިވަމުން އެބަގެންދެ އެވެ.
ރެކްޓަރ މިންގަނޑުން 6.9 ގެ ބާރު މިނުގައި އައި މިބިންހެލުމުގައި 43 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު ގެއްލިފައިވާ މީހުންގެ އަދަދު އެތައް ސަތޭކައަކަށް އަރާނެ ކަމަށް ގުދުދްރަތީ ކާރިޝާތަކާބެހޭ ފިލިޕީންސްގެ އިދާރާއިން ބުނެ އެވެ. ފިލިޕީންސްގެ ސިފައިންގެ އޮފްސަރެއް ކަމަށްވާ ކާނަލް ފްރާންސިސްކޯ ޒޮސްމިޔޯ ވިދާޅުވީ ބިންހެލުމުގައި ގެއްލުން ލިބުނު ޕްރޮވިންސެއް ކަމަށްވާ އޮރިންޓާލްގެ ވިލެޖްތަކުގެ އެތައް ހާސް ގެއެއް ހަލާކުވެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ގެއްލިފަ އެވެ.
އެޕްރޮވިންސްގެ ވިލެޖްތަކުގައި ގެއްލިފައިވާ މީހުން ހޯދުމަށާއި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް 400 ސިފައިންނާއި އެތައް ސަތޭކަ ވޮލަންޓިއަރުންނެއް ފޮނުވާފައިވާ ކަމުގަ އެވެ. އަނެއް ކޮޅުން އާދީއްތަ ދުވަހުގެ ބިންހެލުމާ ގުޅިގެން ފިލިޕީންސްގެ ބައެއް ސަރަހައްދުތަކަށް އަންނަމުންދާ ކުދި ބިންހެލުންތަކާއި ބިމުގެ ލޮޅުންތަކާ ގުޅިގެން އެގައުމުގެ ރައްޔިތުން ވަނީ ހާސް ކަމެއްގެ ތެރޭގަ އެވެ.
މިފަދަ ކުދި ބިންހެލުންތަކުގެ 240 ބިންހެލުން މިހާތަނަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ސްކޫލްތަކާއި އާންމު ހިދުމަތްދޭ ބައެއް މަރުކަޒުތައް ވަނީ ވަގުތީ ގޮތުން ބަންދުކުރެވިފަ އެވެ. ފިލިޕީންސްގެ ބިންހެލުމާ ގުޅިގެން ދިން ސުނާމީ ބޮޑު ރާޅުގެ އިންޒާރު ވަނީ އުވާލާފަ އެވެ.
ބޯކޮށް ވަރޭވެހުމާއި ފެންބޮޑުވުމާއި ބިންގަނޑު ކަނަޑައިގެން ދިޔުންފަދަ ގުދުރަތީ ބޮޑެތި ކާރިސާތަކެއް މިފަހަކަށް އައިސް ފިލިޕީންސަށް ކުރިމަތިވަމުންދެ އެވެ. މިކާރިސާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ އެތައް ހާސް ބަޔަކު ހާލުގައިޖެހި އިގުތިސާދީ ބޮޑެތި ގެއްލުންތަކެއް އެގައުމަށް ލިބިފައިވެ އެވެ. (ނޫސްއެޖެންސީތައް)