ވިއެނާ: އީރާނުން ޔޫރޭނިޔަމް ފައްކާކުރުމުގެ ސިއްރު ޕްރޮގްރާމެއް ހިންގަމުން ގެންދާ ކަމަށް ޑިޕްލޮމެޓިކް ދާއިރާތަކުން ބުނެފި އެވެ.

އިންޓާނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީއަށް ކަނޑައަޅާފައިވާ ހުޅަނގުގެ ބައެއް ޑިޕްލޮމޭޓުން ވިދާޅުވެފައިވާ ގޮތުގައި އީރާނުން ޔޫރޭނިޔަމް ފައްކާކުރަމުން ގެންދަނީ އެގައުމުގެ ޤުމް ސަރަހައްދުގެ ފަރުބަދަތަކެއްގެ އަޑީގައި ގާއިމްކޮށްފައިވާ ނިއުކްލިޔާ ސެންޓްރިފިއުޖް ލެބޯޓްރީ އެއްގަ އެވެ. އީރާނުން ސިއްރިޔާތުގައި ޔޫރޭނިޔަމް ފައްކާކުރަމުން ގެންދާ ކަމަށް ބުނެވޭ މިލެބޯޓްރީގެ ނަމަކީ ފޯޑޯ ނިއުކްލިޔާ ލެބޯޓްރީ ކަމަށް ވެސް ޑިޕްލޮމެޓިކް ދާއިރާތަކުން ބުނެ އެވެ.

މިލެބޯޓްރީގައި އީރާނުން ޔޫރޭނިޔަމް ފައްކާ ކުރަނީ ނިއުކްލިޔާ ބޮން އުފެއްދޭ މިންވަރަށް ކަމަށް ޝައްކުކުރެވޭ ކަމަށް ހުޅަނގުގެ ޖާސޫސީ ބައެއް ރިޕޯޓްތައް ކުރިން ބުނެފައިވެ އެވެ. ނަމަވެސް އިންޓާނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީގެ ޑިޕްލޮމެޓިކް ދާއިރާތަކުން މިކަމާ ބެހޭ އެއްވެސް ތަފްސީލެއް ނުދެ އެވެ.

އީރާނުން ސިއްރިޔާތުގައި ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ހުޅަނގުން ކުރާ ތުހުމަތުތައް އިންޓާނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ އިނިސްޕެކްޓަރުންނަށް ވެސް އަދި ހުޅަނގުގެ ޖާސޫސީ އިދާރާތަކަށް ވެސް ކަށަވަރު ކޮށްދެވިފައެއް ނުވެ އެވެ. ނިއުކްލިޔާ އިނިސްޕެކްޓަރުން ބަލަން ބޭނުންވާ ހުރިހާ ތަނެއް ބަލައި ފާސްކުރުމުގެ ފުރުސަތު އީރާނުން އެއް ދުވަސްވަރެއްގައި ވެސް ދީފައެއްނުވެ އެވެ.

މިފުރުސަތު އީރާނުން ނުދޭ އެއްސަބަބަކީ އެމީހުން ބަލަން ޖެހޭ ވަކި މަރުކަޒުތަކެއް ކުރިން ރެޖިސްޓްރީ ކުރެވިފައިވުމާއެކު ބަލަން ބޭނުންވާ ހުރިހާތަނެއް ބެލުމުގެ ފުރްސަތު ދޭގޮތަށް އދ. ގެ ކަމާބެހޭ މުއާހަދާގައި ވެސް ނެތުން ކަމަށާއި އަނެއް ސަބަބަކީ އީރާނުގެ ގައުމީ ސަލާމަތަށް މިކަމުގެ ސަބަބުން ނުރައްކާވެދާނެތީ ކަމަށް އީރާނުން ބުނެ އެވެ. (އަލްޖަޒީރާ)