ތެހެރާން (މާޗް 14) : އީރާނުން ކުރިޔަށްގެންދާ ޔުރޭނިއަމް ފައްކާކުރާ މިންވަރު 60 ޕަސެންޓް މަތިކުރުމަށް ނިންމިކަން އެގައުމުން އިއުލާންކޮށްފި އެވެ.

މިކަން ހާމަކުރައްވަމުން އީރާނުގެ ނިއުކްލިޔާ ކަންތައްތަކާބެހޭ އިސްވެރިއެއް ކަމަށްވާ އައްބާސް އިރަގްޖީ ވިދާޅުވީ އީރާނުން މިހާތަނަށް ޔޫރޭނިޔަމް ފައްކާކުރީ 20 ޕަސެންޓް ކަމަށާއި ނަމަވެސް މިއަދުން ފެށިގެން ޔުރޭނިއަމް ފައްކާކުރާ މިންވަރު 60 ޕަސެންޓް މަތިކުރުމަށް ނިންމައި އެކަމަށްވާން ޖެހޭ ތައްޔާރީތައް ވަމުންދާކަމުގަ އެވެ. ޔޫރޭނިޔަމް ފައްކާކުރާ މިންވަރު 60 ޕަސެންޓް މަތިކުރުމަށްޓަކައި ނިއުކްލިޔާ ސެންޓްރި ފިއުޖް މެޝިންތަކުގެ ސޮފިސްޓިކޭޓެޑް (ފަހުގެ ޓެކްނޮލޮޖީގެ) މެޝިންތަކެއް ގިނަ އަދަދަކަށް ބޭނުންކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.

އީރާނުން މިނިންމުން ނިންމާފައި މިވަނީ އެގައުމުގެ ނިއުކްލިޔާ މަރުކަޒެއްކަމަށްވާ ނަތަންޒް ނިއުކްލިޔާ މަރުކަޒުގެ ޔުރޭނިއަމް ފައްކާކުރާ ބައިގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި ކަރަންޓް ކެނޑުމުގެ ޙާދިސާގެ ފަހަތުގައި ވަނީ އިސްރާއީލު ކަމާއި އެއީ އިސްރާއީލުން ހިންގި "ނިއުކްލިޔާ ޓެރަރިޒަމް"ގެ އަމަލެއްކަމަށް ތުހުމަތުކޮށްފައި ވަނިކޮށެވެ. އިސްރާއީލުން މި އަމަލުހިންގީ ސައިބާ ހަމަލާއެއް ދީގެންކަމަށް އިސްރާއީލުގެ މީޑިއާ އިން ބުނާ އިރު އީރާނުން ބުނަނީ މިކަން ހިންގީ އިސްރާއީލުގެ ޖާސޫސީ އިދާރާ "މޫސާދު" އިން ރެކްރޫޓްކޮށްފައިވާ އެޖެންޓެއް މެދުވެރިކޮށް ކަރަންޓް ނެޓްވާކަށް ގެއްލުމެއް ދީގެން ކަމުގަ އެވެ. އެއެޖެންޓް ހުރިތަން ދެނެގަނެވިއްޖެ ކަމަށާ އޭނާ ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް އީރާނުގެ ރަސްމީ ޓީވީން ބުނެފައިވެ އެވެ.

ނަތަންޒް ނިއުކްލިޔާ މަރުކަޒުގެ ޔުރޭނިއަމް ފައްކާކުރާ ބައި ހުންނަނީ ފަރުބަދަތަކެއްގެ ބިމުގެ އަޑީގައެވެ. އެތަނަށް އަމާޒުކޮށް ދިން ހަމަލާގައި އެބައިގެ ކަރަންޓް ވިއުގަ ޝޯޓްވެގެން ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށް ޖާސޫސީ ރިޕޯޓްތަކާ ހަވާލާދީ އިސްރާއީލުން ބުނެފައިވެ އެވެ. ނަމަވެސް އީރާނުން ބުނެފައިވަނީ ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް ހުއްޓުމަކަށް އަންނަވަރުގެ ގެއްލުމެއް އެ ހަމަލާގެ ސަބަބުން ނުލިބޭކަމުގަ އެވެ.

އީރާނުގެ ނިއުކްލިޔާ މަރުކަޒެއްގައި އެގައުމުގެ ނިއުކްލިޔާ އިންޖިނޭރުން މަސައްކަތް ކުރަނީ

އީރާނުން ވަނީ އިސްރާއީލުގެ ޓެރަރިސްޓް ހަމަލާއަށް ރައްދު ދޭނެކަމުގެ އިންޒާރު ދީފަ އެވެ. އީރާނުން ކުރިޔަށްގެންދާ ޔުރޭނިއަމް ފައްކާކުރާ މިންވަރު 60 ޕަސެންޓް މަތިކުރުމަށް ނިންމާފައި މިވަނީ ވެސް އިސްރާއީލުގެ އެ ޙަމަލާއަށް ރައްދު ދިނުމުގެ ގޮތުންކަމަށްވަނީ ބެލެވިފަ އެވެ.

އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމަށް ޓަކައި އިސްރާއީލު ގެންދަނީ އީރާނަށް އަމާޒުކޮށް އެތައް ހަމަލާތަކެއް ދެމުންނެވެ. މީގެތެރޭގައި ޓެރަރިސްޓް ހަމަލާތައް ދީގެން އީރާނުގެ ނިއުކްލިޔާ ސައެންޓިސްޓުން އަވަހާރަކޮށްލުމާއި އެޖެންޓުން ބޭނުންކޮށްގެން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކުގެ ތަންތަނަށް ކުދި ގެއްލުންތައް ދިނުންފަދަ ކަންކަން ހިމެނެ އެވެ. ނަމަވެސް އީރާނުގެ ނިއުކްލިޔާ މަރުކަޒަކަށް ސީދާ ގޮތެއްގައި ހަމަލާދޭން އިސްރާއީލަށް ކެރިފައެއް ނުވެއެވެ. އެއީ އީރާނުން ބަލިސްޓިކް މިސައިލް ބޭނުންކޮށްގެން އިސްރާއީލަށް ރައްދު ދީފާނެކަމުގެ ބިރު އޮތުމުން ކަމަށްވަނީ ބެލެވިފައެވެ.

އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް ޓަކައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާދެމެދު ދެމެދު 2015 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އިރާނަށް ޔުރޭނިއަމް މުއްސަނދި ކުރެވެނީ ތިން ޕަސެންޓަށެވެ. ނަމަވެސް މިއެއްބަސްވުމާ ޚިލާފަށް އެމެރިކާއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ އަދި 2018 ވަނައަހަރު އެމެރިކާ މިއެއްބަސްވުމުން ވަކިވުމުން އީރާން ވަނީ ޔޫރޭނިޔަމް ފައްކާކުރާ މިންވަރު 20 ޕަސެންޓް މަތިކޮށްފަ އެވެ.

ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ޕްލޮޓޯނިޔަމް އުފެއްދުމަށް ޔޫރޭނިޔަމް ފައްކާކުރަނީ 90 ޕަސެންޓެވެ. ފަސްދޮޅަސް ޕަސެންޓަށް ޔޫރޭނިޔަމް ފައްކާކުރުމަށް އީރާން ނިންމި ނިންމުމަކީ 90 ޕަސެންޓަށް ޔޫރޭނިޔަމް ފައްކާކުރުމަށް ފަސޭހަ ކުރުމުގެ ފިޔަވަޅެއް ނަމަވެސް ހަގީގަތުގައި މިއީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ގޯނާ ނުކުރުމަށް އިސްރާއީލަށާއި އިސްރާއީލުގެ ފަހަތުގައިވާ އެމެރިކާއަށް އީރާނުން ދިން އާދަޔާ ޚިލާފު އިންޒާރެއްކަމަށް މުހައްލިލުން ވަނީ ސިފަކޮށްފައެވެ.

ޔޫރޭނިޔަމް ފައްކާކުރާ މިންވަރު 60 ޕަސެންޓަށް މަތިކުރުމަށް ނިންމި ނަމަވެސް އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވެ އެއެއްބަސްވުމާ ޚިލާފަށް އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އުވާލައިފި ނަމަ ޔޫރޭނިޔަމް ފައްކާކުރާ މިންވަރު އަލުން އަނބުރައި ތިން ޕަސެންޓަށް ދަށްކުރާނެ ކަމަށް އީރާނުން ބުނެ އެވެ.

ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން ރުޖޫއަވުމާއި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ބެހޭ ގޮތުން ޔޫރަޕްގެ އިއްތިޙާދާއި ޗައިނާ އަދި ރަޝިއާ މެދުވެރިއެއްގެ ބައި އަދާކޮށްގެން އީރާނާއި އެމެރިކާއާ ދެމެދު ޑިޕްލޮމެޓިކް ހަރަކާތްތަކެއް މިދިޔަ ހަފްތާގައި ވަނީ ފަށައިފަ އެވެ. (ނޫސްއެޖެންސީތައް)