ދިމިޝްޤު: ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދް އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަވާ މީހުން މެރުމާއި ކަތިލުމުގެ އަމަލުތަކަށް އޭނާގެ އަނބިކަނބަލުން އަސްމާ ތާއީދު ކުރައްވާ ކަމަށް ސޫރިޔާ ސަރުކާރުގެ ވަރަށް އިސް ފަރާތަކާ ހަވާލާދީ ލަންޑަންގައި ނުކުންނަ ޓައިމްސް ނޫސް ބުނެފި އެވެ.

މިނޫސް ބުނިގޮތުގައި ބައްޝާރުގެ ކޮންމެ އަމަލަކަށް ތާއީދުކުރައްވައި އަސްމާ ހުންނަވަނީ ފިރިކަލުންނަށް ހިއްވަރުދެއްވުމަށެވެ. ބައްޝާރުގެ ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކުން އަސްމާއަށް ކުޑަ ވެސް އަސަރެއް ނުކުރާ ކަމަށާއި އޭގެ ބަދަލުގައި އަސްމާ، ފިރިކަލުންނަށް ދެއްވަނީ ހިއްވަރު ކަމަށް ވެސް މިނޫސް ބުނެ އެވެ.

މިމައުލޫމާތު ލިބިފައިވަނީ އަސްމާގެ އޮފީހުގައި މަސައްކަތްކުރާ ވަރަށް އިސް މުވައްޒަފަކު ފޮނުވި އީ-މެއިލް އަކުން ކަމަށް ވެސް މިނޫސް ބުނެ އެވެ. އުމުރުން 36 އަހަރުގެ އަސްމާއަކީ ލަންޑަން ގައި ދިރިއުޅޭ ސޫރިޔާގެ އިސްޑޮކްޓަރެއްގެ ދަރިކަނލުންނެވެ. އަސްމާ އުފަންވެ ބޮޑުފުޅުވެ އަދި ކިޔަވައިވިދާޅުވެފައިވަނީ ވެސް ލަންޑަންގަ އެވެ.

މިނޫހުގައި އަސްމާފަދަ ޒަމާނީ ތައުލީމް ލިބިވަޑައިގެންފައިވާ އަދި ޑިމޮކްރެޓިކް ވެއްޓެއްގައި ބޮޑުވެފައިވާ ބޭފުޅަކު މިފަދަ އަނިޔާވެރި އަމަލުތަކަށް ތާއީދު ކުރައްވުމުގެ ފަހަތުގައިވާ ސަބަބުތަކާބެހޭ ގޮތުން މިނޫހުގައި ސުވާލުކޮށްފައިވެ އެވެ.
ފަސްޓް ލޭޑީ އެއްގެ ހައިސިއްޔަތުން އަސްމާގެ މަސައްކަތަކީ ފަގީރުންނަށާއި ޔަތީމުން އެހީތެރިވުމުގެ އިޖްތިމާއީ ހަރަކާތްތަކެއް ސޫރިޔާގައި ހިންނގެވުން ކަމަށް ހަބަރު ލިބެ އެވެ. (ޓައިމްސް)