ބަދަލު ހިފުމުގެ ރޫހު ދޫކޮށް ގައުމިއްޔަތުގެ ރޫހުގައި އެންމެން މަސައްކަތް ކުރުމަށް އެކްޓިން ފުލުސް ކޮމިޝަނާ އަބްދުﷲ ފައިރޫޒު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މުއައްސަސާ ހިންގެވުމާ ހަވާލުވެ ވަޑައިގަތުމަށްފަހު ދެއްވެވި ސްޓޭޓްމަންޓެގައި ފައިރޫޒް ވިދާޅުވީ ވެރިކަމެއްގެ ދައުރު ހަމަނުވަނީސް ހިނގައިދިޔަ ކަންތައްތަކާއެކު ވެރިކަން ނިމި ޤައުމު މިވަނީ ވަރަށް ޙުޠޫރަތްތެރި ދަނޑިވަޅެއްގައި ކަމަށެވެ. މިދަނޑިވަޅުގައި ވިސްނަންވީ ޤައުމު ދެމިއޮތުމަށް ކަމަށެވެ.

"އެހެންކަމުން ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އުފެދިފައިވާ ޖަޒުބާތުތައް އެކަހެރިކޮށް މިވަގުތު ވިސްނަންވީ ޤައުމުގެ މުސްތަޤްބަލާއި މެދު. ބަދަލު ހިފުމާއި ޖެއްސުންކުރުމުގެ އެއްވެސް ރޫހެއް މިދަނޑިވަޅުގައި ގެންގުޅުމަކީ އެއްވެސް ގޮތަކުން ޤައުމަށް ފައިދާ ވާނޭ ކަމެއް ނޫން. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތާ އެކަކު އަނެކަކުގެ ހައްޤުތަކަށް އިޙްތިރާމްކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމުގައި ހަދަންޖެހޭ،" އޭނާ ވިދާޅުވި އެވެ.'

ފައިރޫޒް ވިދާޅުވީ ރާއްޖގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް ދެމެހެއްޓުމަށްޓަކައި ތަފާތުތައް އެކަހެރިކޮށް ޤައުމިއްޔަތުގެ ރޫހުގައި މަސައްކަތްކުރުން ވަރަށް މުހިއްމު ކަމަށާއި ހުރިހާ ރައްޔިތުންވެސް މިވަގުތު ވިސްނަންވީ އެއްބައިވަންތަކަން ވަރުގަދަކޮށް ޤައުމައިގެން ކުރިއަށްދިއުމަށް ކަމަށެވެ.

"ޤައުމުގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަމަށް ބުރޫ އަރާނޭ ފަދަ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ. ދިވެހި މުޖުތަމަޢުގެ އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އިޚްލާޞްތެރިކަމާއި އެކު ކުރުމުގައި ފުލުހުން އަބަދުވެސް ދެމިތިބޭނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޤާނޫނު އަސާސީއާއި ޤާނޫނުތައް ނެގެހެއްޓުމަށް ފުލުހުން ފަސްނުޖެހި ތިބޭނެ ކަމަށާއި ހިނގައިދިޔަ ކަންތައްތަކާއި ގުޅިގެން މާލެއާއި އަތޮޅުތަކުގެ އަމަން ބެލެހެއްޓުމަށްޓަކައި ސިފައިންނާއި ފުލުހުން މިރޭން ފެށިގެން ޚާއްޞަ ހަރަކާތްތަކެއް ފަށާނެ ކަމަށެވެ. އެ ހަރަކާތްތަކުގައި ދައުލަތާއި އާންމުންގެ މުދަލާއި މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ރައްޔިތުންނަށް ޔަޤީންކޮށް މިއަރުވަނީ ހަމަހަމަކާމާއި، ތެދުވެރިކަމާއި އެކު ޕްރޮފެޝަނަލީ ކެރިގެން ފުލުހުން މަސައްކަތްކުރާނެކަން. އަދި ސިޔާސީ އޮއިވަރެއްގައި ޖެހި އެއްވެސް ފަރުދެއްގެ ހައްޤަކަށް ފުލުހުން އަރައި ނުގަންނާނޭ ކަމުގެ ޔަޤީންކަން އަޅުގަނޑުދެން،" އޭނާ ވިދާޅުވި އެވެ.