14 Apr 2021, 10:08
ނެޓްފްލިކްސް އިން ގެނެސްދޭ މަގްބޫލު ސީރީޒް ބްރިޖަޓަންގެ ތިންވަނަ އަދި ހަތަރު ވަނަ ސީޒަން ވެސް އަންނާނެ ކަމަށް ބުނެފި އެވެ.
ފުރަތަމަ ސީޒަންގެ ކާމިޔާބީއަށް ބެލުމަށް ފަހު ބްރިޖަޓަންގެ ދެވަނަ ސީޒަން ވެސް އަންނާނެ ކަމަށް ނެޓްފިކްސް އިން ވަނީ ބުނެފަ އެވެ. ދެވަނަ ސީރީޒްގެ ޕްރޮޑަކްޝަންގެ މަސައްކަތް ކުރިއަށްދާ މިދަނޑުވަޅުގައި ނެޓްފްލިކްސް އިން މިވަނީ ބްރިޖަޓަންގެ ތިން ވަނަ އަދި ހަތަރު ސީޒަނަކަށް ރިނިއުކޮށްފަ އެވެ.
އިނގިރޭސި ވިލާތުގެ ރީޖެންސީ ޒަމާނުގައި އުޅުނު "ބްރިޖަޓަން" ކިޔާ ނުފޫޒުގަދަ އާއިލާއެއްގެ ކުދިންގެ ދިރިއުޅުމުގެ އަސްލަކަށް ބަލައިގެން ގެނެސްދޭ މި ސީރީޒަކީ ރޮމޭންޓިކް ސީރީޒެކެވެ.
ބްރިޖަޓަން ޕްރޮޑިއުސްކުރަނީ މަޝްހޫރު ޕްރޮޑިއުސަރު ޝޮންޑާ ރައިމްސްގެ ކުންފުނި ޝޮންޑަލޭންޑުންނެވެ. ނެޓްފްލިކްސް އިން މި ސީރީޒްގެ ތިން ވަނަ އަދި ހަތަރު ވަނަ ސީޒަނަކަަށް ރިނިއުކުރުމާ ގުޅިގެން ޝޮންޑާ ބުނީ އިތުރު ދެ ސީޒަނަކަށް މި ސީރީޒް ރިނިއުކުރުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި ދުނިޔެއަށް މި ސީރީޒް ދައްކާލުމުގެ ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
ދިވެހިންގެ މެދުގައި ވެސް ބޮޑު މަގްބޫލު ކަމެއް ހޯދައިފައިވާ ބްރިޖަޓަންގެ ފުރަތަމަ ސީޒަން ނުކުތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.