07 Feb 2012, 20:17
ފުލުުހުންގެ އެކްޓިން ކަމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ޗީފް ސުޕްރިންޓެންޑެންޓް އަބަދުﷲ ފައިރޫޒް އަދި އެކްޓީން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝިޔާމް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަމަޖައްސަވައިފި އެވެ. މި ދެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވިކަން އިއުލާން ކުރެއްވެވީ މިރޭ އެމްއެންޑީއެފްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މަގާމަށް ހަވާލުވެ ވަޑައިގަތުމަށް އެކްޓިން ޗީފް އެޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވީ އިސްލާމް ދީނާއި ރާއްޖޭގެ އަމަން އަމާން ކަމާއި ސުލްހަ މަސަލަސްކަން ރާއްކާތެރިކޮށް ގާއިމުކޮށްދިނުމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސިފައިން އޮތީ ސާބިތުވެ ކަމަށެވެ.
"ރައްޔިތުންގެ ކިބައިން އެދެނީ މިފަދަ މުހިންމު ދަނޑިވަޅެއްގައި ގައުމީ މަސްލަހަތު އިސްކުރުން އަދި ގާނޫނު އަސާސީ ގާނޫނުތަކާއި ގަވައިދުތަކަށް ހުރުމަތްރިކޮށް ހިތުމަށް،" އެކްޓިން ޗިފް އޮފް ޑިފެންސް ފޯސް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އެންމެ ފަރުދަކަށް ވުރެ ގައުމުން އިސްކުރުން މުހިންމު ކަމަށާއި ވަކި ސިޔާސީ ޕާޓީތަކާއި ފަރުދެއްގެ މަސްލަހަތައްވުރެ ގައުމަށް އިސްކަން ދިނުމަކީ ހުރިހާ ދިވެހިންގެ މައްޗަށް އޮތް ގައުމީ ވާޖިބެއް ކަމަށެވެ. އަދި ސިފައިން އުންމީދު ކުރަނީ ރައްޔިތުން އެހީއާ އެއްބާރުލުން ސިފައިންނަށް ލިބުން ކަމަށެވެ.
އެކްޓިން ފުލުސް ކޮމިޝަނަރު ފައިރޫޒް ވިދާޅުވީ ވޭތުވެދިޔަ ވިއްސަކަށް ދުވަހަކީ ރާއްޖޭގައި ވަރަށް ގިނަކަންކަން ހިނގައިދިޔަ ދުވަސްތަކެއް ކަމަށާއި ގައުމު ވަނީ ވަރަށް ހުތޫރަތްތެެރި ދަނޑިވަޅެއްގެ ތެރޭގައި ކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ ކަންކަމަށް ވުރެ މިދަނޑިވަޅުގައި ވިސްނަންވީ ގައުމުގެ މުސްތަގުބަލަށް ކަމަށައި ބަދަލު ހިފުމުގެ ރޫހު ގެންގުޅުމަކީ ގައުމަށް ފައިދާވާނެ ކަމެއް ނޫން ކަމަށެވެ.