މިއަހަރުގެ ރޯދަ މަސް ފެށުނު އިރު އެތައް ބައެއް އަޒުމު ކަނޑައަޅައިގެން ތިބޭނީ ސިއްހަތު ރަނގަޅު ދިރިއުޅުމަކަށް އެނބުރި ގަތުމަށެވެ. ހިތުގައި ކަނޑައަޅާފައި އޮތް އެ އަމާޒަށް ދާން މި ރޯދަ މަހު ކޮށްލަން ރަނގަޅު ކަމެއް އެބަ އޮތެވެ.

ރާއްޖޭގެ ދުވާ ކުލަބެއް ކަމަށްވާ "އައި ރަނާޒް" އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާ "ރޯދަ ރަން ޗެލެންޖް" މިއަހަރުވެސް އެބަ އޮތެވެ. އެކަމަކު ތަފާތު ގޮތަކަށެވެ. ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ހުރި ނަމަވެސް މިއީ ވާޗުއަލްކޮށް ބައިވެރިވެވޭނެ ދުވުމެކެވެ.

މިފަހަރުގެ ދުވުން ބާއްވަނީ އައި ރަނާޒްގެ ފައުންޑާ ހުސައިން ޝުޖާއު (ކޯޗު ޝުޖާ) އާއި ފިޓްނަސް އިންސްޓްރަކްޓާ ޒައިނާ ޝަރީފް ގުޅިގެންނެވެ.

ކޯޗު ޝުޖާ ބުނި ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން ބާއްވާ މި ދުވުން އެންމެ ފުރަތަމަ ފެށީ ވަރަށް ކުޑަ ގޮތަކަށެވެ. އެހެން ނަމަވެސް މިފަހުގެ އަހަރުތަކުގައި އެ ދުވުން އާންމުންނަށް ވެސް ހުޅުވާލައިގެން ކުރިއަށް ގެންދަން ފެށި ކަމަށް އޭނާ ބުންޏެވެ.

"މި ޗެލެންޖު އަސްލު ފަހުން ބޮޑުވެގެން ދިޔައީ ތަރުހީބު ބޮޑުވެގެން ގޮސް މިދިޔަ އަހަރުތަކުގައި. އަސްލު މިއީ ދުވަން ބޭނުންވެފައި ނޫނީ ހެލްތީ ލައިފް ސްޓައިލްއަކަށް ދާން ބޭނުންވެފައި ތިބި މީހުންނަށް ވަރަށް ރަނގަޅު ދުވުމެއް. ނޫނީ ގަވައިދުން ނުދުވާ މީހުންނަށް ގަވާއިދުން ދުވަން ފަރިތަވާނެ ޗެލެންޖެއް،" ޝުޖާ ބުންޏެވެ.

އެގޮތުން މިއަހަރުގެ ރޯދަ ޗެލެންޖުގައި ބައިވެރިވުގެ ފުރުސަތު ރޯދަ މަހުގެ ފަސް ވަނަ ދުވަސް، 17 އެޕްރީލްއާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ބައިވެރިވާނީ ކިހިނެއް؟

"ރޯދަ ރަންގައި" ބައިވެރިވާން ޖެހެނީ "ރަން ފޯ މޯލްޑިވްސް" ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރާށެވެ. ޝުޖާ ބުނީ ރަޖިސްޓްރީ ކުރުމުން "ސްޓްރާވާ" އެޕާއި ފޭސްބުކް މެދުވެރިކޮށް ރޯދަ ރަން ޗެލެންޖު ގުރޫޕްގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ފޭސް ބުކް ގުރޫޕް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ދުވުމުގެ ކުރިން ކުރާނެ ކަސްރަތު ތަކާއި އިރުޝާދުތައް ދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޝުޖާގެ އިތުރުން މި ޗެލެންޖުގައި ކަސްރަތުތައް ބުނެދެނީ ފިޓްނަސް އިންސްޓްރަކްޓަރެއް ކަމަށްވާ ޒައިނާ ޝަރީފް އެވެ.

ކޮންމެ ދުވަހަކު ހަތަރު ކިލޯމީޓަރު

މި ޗެނެލްޖުގައި ދުވަން ޖެހެނީ ކޮންމެ ދުވަހަކުވެސް ހަތަރު ކިލޯމީޓަރަށެވެ. ޝުޖާ ބުނީ ދުވަން އުނދަގޫ ނަމަ ނޫނީ މުޅިން އަލަށް ދުވަން ފަށާނަމަ ހިނގާފައި ވެސް އެ ވަރު ފުރިހަމަ ކުރެވިދާނެ ކަމަށެވެ. ނުވަތަ އިރުކޮޅެއްގައި ދުވުމަށް ފަހު ރެސްޓެއް ނަގައި ދެ ދުވުމެއްގެ ގޮތުގައި ވެސް ހަތަރު ކިލޯމީޓަރު ހަމަކުރެވިދާނެ ކަމަށް ވެސް ޝުޖާ ބުންޏެވެ.

ކޮންމެ ދުވަހެއްގެ ދުވުމަށް ފަހުވެސް އެ ދުވަހެއްގެ ދުވުމުގެ ސްޓެޓިސްޓިކްތައް ޗެލެންޖުގެ ވެބްސައިޓަށް އަޕްލޯޑް ކުރަން ޖެހެ އެވެ.

ޗެލެންޖު ނިމުމުން މެޑަލް ލިބޭނީ ދުވާލަކު ހަތަރު ކިލޯމީޓަރު ހަމަކޮށް އެ ސްޓެޓްތައް އަޕްލޯޑް ކުރާ ބައިވެރިންނަށެވެ.

އަގުހުރި އިނާމުތަކެއް

މިއަހަރުގެ އައިރަނާޒްގެ ރޯދަ ރަން ޗެލެންޖުގެ ސްޕޯޓްސް ޕާޓްނަރަކީ މެރަތަން ޝޮޕް އެވެ. އެ ފަރާތުގެ އެހީގައި މި ޗެލެންޖު ފުރިހަމަ ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ފަރާތަކަށް މެރަތަން ޝޮޕުން ވިއްކާ ބްރޫކްސް ބްރޭންޑުގެ ބޫޓެއް އަދި ގާމިން ފޯރަނާ 235 ބްރޭންޑުގެ ސްމާޓް ގަޑިއެއް ދޭން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ކޮންމެ ހަފްތާއަކު ހޮވާ ލެވޭ ބައިވެރިންނަށް މެރަތަން ޝޮޕުން ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކޮންމެ ހަފްތާއަކު ނަސީބުން ހޮވޭ ބައިވެރިއަކަށް ބައިސްކަލެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.