07 Feb 2012, 20:01
ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި މުހައްމަދު ނަޝީދު ދިރިއުޅުއްވި މުލިއާގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ހުސްކުރި ފުޅި އާއި ބަނގުރާ ހުރި ބައެއް ފުޅިތަކުގެ އިތުރުން، ހޭޝް އޮއިލް ބޭނުންކޮށްފައި ހުރި ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.
"މި ވަތްގަނޑުގެ ތެރޭގައި މިހިރަ ފެންނަނީ ހޭޝް އޮއިލް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ބޭނުން ފައި ހުރި އެއްޗެހި،" ރާ ފުޅިތައް ނޫސްވެރިންނަށް ދައްކާލި އިރު މައުލޫމާތު ދެއްވި މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ.
ހޭޝް އޮއިލް ކަމަށް ޝައްކުވާ އެއްވެއް ހުރީ މޭޒެއްގެ ވަތްގަނޑެއްގަ އެވެ. އެ ވަތްގަނޑު އޮތީ ވަކިންނެވެ.
މުލިއާގެ އިން ފެނުނު ރާފުޅިތަކުގެ ތެރޭގައި ދިވެހި ދައުލަތުގެ ނިޝާން ޖެހި ޓެގް އަޅުވައިގެން ފޮށި ފޮށީގައި ބަންދަ ކޮށްފައިވާ ރާފުޅިތައް ހުރި އިރު ބައެއް ފުޅިތަކަކީ ބޭރުގެ ބައެއް ފަރާތްތަކުން ރައީސް ނަޝީދަށް އެޑްރެސްކޮށް ފޮނުވާފައި ހުރި ތަކެތި ކަން އެނގޭ ޓެގާއި ސިޓީ އުރަ ވެސް ހުއްޓެވެ. އަދި ބޭރުގެ ބައެއް ބޭފުޅުން ރައީސް ނަޝީދަށް ހަދިޔާއަށް ފޮނުވާފައިވާ ކަމަށް ލިޔެފައިވާ ޓެގްތައް ހުރި ރާފުޅި ވެސް ހުއްޓެވެ.
ފުލުހުން ބުނީ ބައެއް ފުޅިތައް މުލިއާގެ ތެރެއަށް ވައްދާފައި ހުރީ އޭފޯ ސައިޒުގެ ސިޓީ އުރައިގެ ތެރޭ، އޭގެ ބޭރުގައި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުން ސެކިއުރިޓީ ޗެކްކޮށްފައި ކަމަށް ސްޓޭމްޕް ވެސް ޖަހާފައި ހުރި ކަމަށެވެ. އަދި ވިދާޅުވީ ބަނގުރާ ކަމަށް ތުހުމަތު ކުރެވޭ ފުޅިތައް ފެނުނީ، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު، މުލީއާގެ ތެރެއިން ނެރުނު ކުނި ލޮރީއަކަށް ޝައްކުވެގެން ބެލުމުން ކަމަށެވެ.
އެ އޮފިޝަލު ވިދާޅުވީ އެ ފުޅިތައް ޑްރަގް އެންފޯސްމަންޓް ޔުނިޓުން ބަލައި ތަހުގީގު ކުރުމަށް ފަހު އިތުރު ތަފުސީލު ދެއްވާނެ ކަމަށެވެ. މިވަގުތަށް ހުރީ ކިތައް ފުޅި ކަމެއް ވެސް އޮފިޝަލު ވިދާޅެއް ނުވެ އެވެ.