ދައުޙާ (އެޕްރީލް 13) : ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިއަހަރުގެ ރަމަޟާން މަހުގައި ވެސް ބައެއް އިސްލާމީ ގައުމުތަކުން ޖަމާއަތުގައި އަޅުކަންތައް ކުރުމަށް ޝަރުތުތަކެއް ކުރިމަތިކޮށްފި އެވެ. ތިރީގައި މި ފާހަގަކޮށްލަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކާ އެކު މިއަހަރުގެ ރަމަޟާން މަހުގައި ވެސް ބައެއް އިސްލާމީ ގައުމުތަކުން ޖަމާއަތުގައި އަޅުކަންތައް ކުރުމަށް ކުރިމަތިކޮށްފައިވާ ބައެއް ޝަރުތުތަކެވެ.

ގައިދުރުކޮށް ސަފުހަދައިގެން ނަމާދު ކުރަނީ

ސައޫދީ އަރަބިޔާ

މުސްލިމުންގެ އެންމެ މުގައްދަސް ދެ ހަރަމްފުޅު ހުންނަ ސައޫދީ އަރަބިއާއަށް ބަލާއިރު ސައޫދީ ސަރުކާރުން ވަނީ ތަރާވީޙު ނަމާދު މިސްކިތްތަކުގައި ޖަމާޢަތުގައި ކުރުމަށް ކޮވިޑް އާ ގުޅިގެން ގިނަ ޝަރުތުތަކެއް ކުރިމަތިކޮށްފަ އެވެ. މީގެ ތެރޭގައި މަސްޖިދުލްހަރާމް އާއި މަސްޖިދުއްނަބަވީގައި ތަރާވީޙު ނަމާދުކުރާއިރު 10 ރަކުޢަތަށް ވުރެ ދިގުކޮށް ތަރާވީޙު ކުރުން މަނާކުރުމާއި ދެ ޙަރަމްފުޅު ފިޔަވައި ސައޫދީގެ އެހެން މިސްކިތްތަކުގައި ޢިޝާ ނަމާދާއި އެނަމާދުގެ ސުންނަތްތަކާއި ތަރާވީޙު ނަމާދުވެސް ހިމެނޭ ގޮތަށް ބައިގަޑީއިރު ތެރޭގައި މިހުރިހާ ކަމެއް ކޮށްނިންމުން ވަނީ ޝަރުތުކޮށްފަ އެވެ.

ޖަމާއަތުގައި ދަމުނަމާދުކުރުމާއި މިސްކިތްތަކުގައި އިއުތިކާފަށް ތިބުން މަނާ

ދެހަރަމްފުޅު ހިމެނޭ ގޮތަށް ހުރިހާ މިސްކިތެއްގައި ވެސް ނަމާދު ކުރުމަށް ސަފު ހެދޭނީ މާސްކު ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އަދި އެކަކު އަނެކަކާ ދެމެދު ގައިދުރުކަން ބަހައްޓައިގެންކަމަށް ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ސައޫދީ ވުޒާރާއިން ވަނީ އަންގައި ބަޔާނެއް ނެރެފައެވެ.

ސައޫދީގައި ގައިދުރުކޮށް ސަފު ހަދައިގެން ނަމާދުކުރަނީ

މީގެއިތުރުން ސައޫދީ ސަރުކާރުން ވަނީ އެގައުމުގެ މިސްކިތްތަކުގައި ދަމުނަމާދުކުރުމާއި އިއުތިކާފަށް ތިބުން ވެސް މުޅިން މަނާކޮށްފަ އެވެ. އަދި ޒަމާނުއްސުރެ ސައޫދީ މިސްކިތްތަކުގައި އޮންނަ ރޯދަވީއްލުމުގެ ކަންތައްތައް ވެސް މިދިޔަ އަހަރެކޭ އެއްގޮތަށް މައަހަރުވެސް ސައޫދީ ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.

މިސްރު

މިސްރަށް ބަލާއިރު ވެސް ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން މިސްރުގެ އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުންވަނީ ތަރާވީޙު ނަމާދު ބައިގަޑީއިރަށް ދިގުނުކުރުމަށް ކުރުމަށް އަންގާފަ އެވެ. މީގެ އިތުރުން ކުޑަކުދިން މިސްކިތްތަކަށް ގެންދިއުން އެއްކޮށްވަނީ މަނާކޮށްފަ އެވެ. އަންހެނުންނަށް ވެސް މިސްކިތްތަކަށް ދެވޭނީ ކޮވިޑް ގެ ބަލިމަޑުކަން ކުޑަ ރައްތަކާއި އަވަށްތަކުގައި އެކަނިކަމަށް މިސްރުގެ ސަރުކާރުންވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން މިސްކިތްތަކުގައި ދަމު ނަމާދު ކުރުމާއި، އިއުތިކާފަށް ތިބުމާއި، މިސްކިތްތަކުގައި ރޯދަވީއްލުމުގެ އެއްވެސް ހަރަކާތެއް ހިންގުން މިސްރު ސަރުކާރުން ވެސް ވަނީ މަނާކޮށްފައެވެ.

މިސްކިތުގައި ޖަމާއީކޮށް ރޯދަވީއްލުން ކުރިޔަަށް ގެންދިޔުމަކީ ޒަމާނުއްސުރެ އޮންނަ އިސްލާމީ ރިވެތި އާދައެއް

ލީބިއާ، އިރާގު، މަޣްރިބް، ތޫނިސް، އަލްޖަޒާއިރު

އަރަބި އެހެން ގައުމުތަކަށް ބަލާއިރު ލީބިއާ، އިރާގު، މަޣްރިބް، ތޫނިސް، އަލްޖަޒާއިރު ގައިވަނީ ގައިދުރުކޮށް ސަފު ހެދުމާއި މާސްކު އެޅުން ޝަރުތު ކުރުމަށްފަހު މިސްކިތްތަކުގައި ތަރާވީޙު ނަމާދާއި ދަމުނަމާދު ޖަމާއަތުގައި ކުރުމުގެ ހުއްދަ ދީފަ އެވެ.

ސޫރިޔާ، ލުބްނާން، އުރުދުން އަދި ފަލަސްތީނު

ޝާމު ކަރައިގެ އަރަބި ގައުމުތައް ކަމަށްވާ ސޫރިޔާ، ލުބްނާން، އުރުދުން އަދި ފަލަސްތީނުގައި ވެސް ގައިދުރުކޮށް ސަފު ހެދުމާއި މާސްކު އެޅުން ޝަރުތު ކުރުމަށް ފަހު މިސްކިތްތަކުގައި ތަރާވީޙު ނަމާދާއި ދަމުނަމާދު ޖަމާއަތުގައި ކުރުމުގެ ހުއްދަވަނީ ދީފައެވެ. ނަމަވެސް މީގެތެރެއިން ބައެއް ގައުމުތަކުގައި މިސްކިތްތަކުގައި ރޯދަވީއްލުމުގެ ހަރަކާތްތައް ހިންގުންވަނީ މަނާކޮށްފައެވެ.

ގަލްފުގެ ގައުމުތައް

ސައޫދީ ފިޔަވައި ގަލްފުގެ އެެހެން ގައުމުތަކަށް ބަލާއިރު ކުވައިތު، ބަޙްރައިން، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އުމާން، އަދި ގަތަރުގައިވެސް ވަނީ ގައިދުރުކޮށް ސަފު ހެދުމާއި މާސްކު އެޅުން ފަދަކަންކަން ޝަރުތުކޮށް މިސްކިތްތަކުގައި ތަރާވީޙު ނަމާދާއި ދަމުނަމާދު ޖަމާއަތުގައި ކުރުމުގެ ހުއްދަ ދީފައެވެ. ނަމަވެސް މިސްކިތްތަކުގައި ރޯދަވީއްލުމުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުންވަނީ މަނާކޮށްފައެވެ.

އަރަބިނޫން އިސްލާމީ ގައުމުތައް

އަރަބި ނޫން އިސްލާމީ ގައުމުތަކަށް ބަލާއިރު އިންޑޮނޭޝިޔާ ސަރުކާރުންވަނީ އެގައުމުގެ މިސްކިތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެހެން ރަމަޟާން މަސްތަކުގައި ކުރާ ހުރިހާ އަޅުކަންތަކާއި އިޖްތިމާއީ ކަންކަން ކުރުމުގެ ފުރުސަތު ދީފަ އެވެ. މީގެ ތެރޭގައި ރަމަޟާން މަހުގެ އިސްލާމީ ވަންތަކަން ދިރުވައި އާލާކުރުމަށް ހިންގާ "އިޙްޔާއު"ގެ ހަރަކާތްތައް ވެސް ހިމެނެ އެވެ. ގައިދުރުކޮށް މާސްކު އަޅާގޮތަށް ތަރާވީޙު ނަމާދާއި ދަމު ނަމާދު ކުރުމާއި، އިއުތިކާފަށް ތިބުމުގެ ފުރުސަތުވެސްވަނީ ދީފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މިސްކިތްތަކުގައި ރޯދަވީއްލުމުގެ ހަރަކާތްތައް ހިންގުން ވެސް ވަނީ ހުއްދަކޮށްފަ އެވެ.

މިސްކިތުގެ ވަށައިގެންވާ ސަރަހައްދުގައި ރޯދަވީއްލުން ކުރިޔަށް ގެންދަނީ

ޕާކިސްތާނާއި އަފްޣާނިސްތާނާ ތުރުކީ، އީރާން އަދި މެދުތެރޭ އޭޝިއާގެ އިސްލާމީ ގައުމުތަކަށް ބަލާއިރު އެގައުމުތަކުގެ ސަރުކާރުތަކުން ވަނީ ރަމަޟާން މަހު މިސްކިތްތައް އެއްކޮށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފައެވެ. މީގެއިތުރުން ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު ތަރާވީޙު ނަމާދާއި ދަމު ނަމާދު ކުރުމާއި، އިއުތިކާފަށް ތިބުމާއި ދީނީ ނަސީހަތް ދިނުމުގެ ޕްރޮގްރާމްތަކާއި ރޯދަވީއްލުމުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުން ވެސް ވަނީ ހުއްދަކޮށްފަ އެވެ.

އެފްރިކާގެ އިސްލާމީ ގައުމުތަކުގައިވެސް ވަނީ ކޮވިޑް އާ ދެކޮޅަށް އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު ތަރާވީޙު ނަމާދާއި ދަމު ނަމާދު ކުރުމާއި، އިއުތިކާފަށް ތިބުމާއި ދީނީ ނަސީހަތް ދިނުމުގެ ޕްރޮގްރާމްތަކާ އަދި ރޯދަވީއްލުމުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ދީފައެވެ.

(އަލްޖަޒީރާ + އިސްލާމީ ބައެއް ވެބްސައިޓްތައް)