13 Apr 2021, 11:49
"ދީނުން ފިލާވަޅެއް" މިއީ މި ރޯދަމަހު ސަންއޮންލައިން އިން މުޅިން އަލަށް ގެނެސްދޭ ވީޑިއޯ ސީރީޒެކެވެ. ކޮންމެ އުމުރުފުރާއަކާއި ވެސް ގުޅޭނެހެން ތައްޔާރުކުރެވިފައިވާ މި ސީރީޒްގެ އަމާޒަކީ ރަސޫލުންނާއި ނަބިއްޔުންގެ ހަޔާތްޕުޅުގެ އެކި ވާހަކަތަކުން ލިބޭ އިބުރަތްތަކާއި ފިލާވަޅުތައް، މިއަދުގެ ޖީލުތަކަށް ފޯރުކޮށްދީ ހަނދާން އާކޮށްދިނުމެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ ވައިސް ޗާންސެލާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއާއި އެކު ގެނެސްދޭ މި ސީރީޒްގެ ތަފާތު އެޕިސޯޑެއް މި ރޯދަމަހުގެ ކޮންމެ ދުވަހަކުވެސް ގެނެސްދެވޭނެއެވެ. މިގޮތުން މިއަދުގެ ފުރަތަމަ އެޕިސޯޑު ހާއްސަ ކުރެވިފަައިވަނީ އާދަމްގެފާނުގެ ތައުބާއާއި އިބިލީހުގެ ބޮޑާކަމުގެ މައްޗަށެވެ.
މި ސީރީޒްގެ ވީޑިއޯގްރަފީއާއި އެޑިޓިން ހެދީ އިބްރާހިމް އިފާޒް އެވެ. އަދި އިލަސްޓްރޭޝަންސް ހެދީ މޫސާ ޝިފާޒްއެވެ.
އާދަމްގެފާނާއި ހައްވާގެފާނު ސުވަރުގެއިން ނުކުމެވަޑައިގަތުން
އިންސާނުން ދުނިިޔެއަށް އުފަންވުމުގެ މަރުހަލާ ފެށިގެން އައީ އާދަމްގެފާނާއި ހައްވާގެފާނާއި ހިސާބުންނެވެ. އާދަމްގެފާނާއި ހައްވާގެފާނު އެންމެ ފުރަތަމަ ލެއްވުނީ ސުވަރުގޭގައި ކަމަށްވާއިރު ކީރިތި ގުރުއާނުގެ އެކިއެކި އާޔަތްތަކުން މިކަމުގެ ހަގީގަތް ފެންނާން އެބަހުއްޓެވެ.
އާދަމްގެފާނާއި ހައްވާގެފާނަށް މާތްﷲ އެންގެވީ ސުވަރުގޭގައި އެދެބޭކަލުންނަށް އަބަދަށްމެ އުޅުއްވޭނެ ކަމަށެވެ. އަދި ވަކި ގަހެއް ދައްކަވައި، އެ ގަހާ ކައިރި ނުވުމަށް ﷲ އަމުރުކުރެއްވިއެވެ. އެހެންނަމަވެސް އިބިލީހުގެ ވަސްވާސްތަކަށް ހެއްލިވަޑައިގެން، ﷲގެ އަމުރުފުޅަކާ ދެ ބޭކަލުންނަށް ހިލާފުވެވަޑައިގެން، އެ ގަހުގެ މޭވާ ފަރީއްކުޅުއްވީއެވެ. އާދަމްގެފާނާއި ހައްވާގެފާނު، މާތްﷲގެ އަމުރުފުޅާ ހިލާފުވެވަޑައިގަތުމުގެ ސަބަބުން އެކަލާނގެ ނުހަނު ކޯފާވެވަޑައިގަތެވެ. އަދި ދެބޭކަލުންނަށް ޖެހުނީ ސުވަރުގެއިން ނުކުމެވަޑައިގަންނަވާށެވެ.
ކުށް ފާފައިގެ ނަތީޖާއެއްގެ ގޮތުން އައުރަ ކަޝްފުވި
އާދަމްގެފާނާއި ހައްވާގެފާނުގެ މި އަމަލުފުޅުގެ ފުރަތަމަ އެއް ނަތީޖާއަކަށް ވެގެންދިޔައީ އެ ދެބޭފުޅުންގެ އައުރަ ކަޝްފުވެގެން ދިއުމެވެ. މި ޒަމާނުގައިވެސް މީހެއް ބޭޒާރުވުމުން ނުވަތަ ފަޟީހަތްވުމުން އެންމެ ގިނައިން ބޭނުންކުރެވޭ އެއް ލަފްޒަކީވެސް ހަމަ މިއީ އެވެ.
އައުރައަކީ އަަހަރެމެންގެ ތެރެއިން ކޮންމެ މީހެއްވެސް އެންމެ ބޮޑަށް ރައްކާތެރިކުރަންޖެހޭ އެއްކަމަށް ވާއިރު އެމީހެއްގެ ނުބައި އަމަލުތަކުންނާއި، ކުރެވޭ ކަންކަމުގެ ސަބަބުން މިފަދަ މުހިންމު ކަމެއް ބީވެގެންދާ ދިއުމަކީ ހަމަގައިމުވެސް އަނބުރާ އިއާދަކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ.
ކޮންމެއަކަސް، އާދަމްގެފާނާއި ހައްވާގެފާނު އެދެބޭފުޅުންނަށް ކުރެވުނު ކުށް ގަބޫލުކޮށް، އެކަމާއި ހިތާމަފުޅުވެ ތައުބާ ވެވަޑައިގަތެވެ.
"އަޅަމެންގެ ވެރި ރަސްކަލާކޯ، އަޅަމެންގެ އަމިއްލަ ނަފްސުތަކަށް އަޅަމެން އަނިޔާވެރިވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާންގެ ފާފަ ނުފުއްސަވައިފިނަމަ އަދި ރަހުމަތް ނުލައްވައިފިނަމަ އަޅަމެން ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."
މި ދުއާ މިއީ އަހަރެމެންނަށް ކުރެވޭ ފާފަތަކަށް އިއުތިރާފްވެ އެކަލާނގެ ހަޒްރަތުގައި ދަންނަވާ ދުއާއެއް ކަމަށް ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.
އިބިލީހަށްވީ ކިހިނެއް؟
އާދަމްގެފާނާއި ހައްވާގެފާނު މި ދުއާ ދެންނެވުމުން ﷲ އެދެބޭފުޅުންގެ ދުޢާ ގަބޫލުފުޅުކުރެއްވިއެވެ. އަދި އެދެބޭފުޅުންގެ މައްޗަށް ތައުބާ ލައްވަވާ ތައުބާ ގަބޫލުކުރެއްވިއެވެ. ނަމަވެސް އިބިލީހުގެ ބޮޑާއި ކަމާއި ކިބުރުވެރިކަމާއި ހެދި އޭނާގެ ކުށަށްް އިއުތިރާފެއް ނުވިއެވެ.
ހެޔޮކަމާއި ނުބައިކަމާއި ދޭތެރޭ އޮތް ފަރަގަކީ ކޮބާ؟
މި ކުރު ވާހަކަ ކޮޅުން އަހަރެމެން ހާސިލްކުރަންވީ ފުން އިބްރަތެއް ވެއެވެ. އެއީ ހެޔޮަކަމާއި ނުބައި ކަމުގެ ފަރަގެވެ. ޑރ. ޒަކަރިއްޔާ ވިދާޅުވާ ގޮތުގައި އެ ފަރަަގަކީ ބޮޑާކަމާއި ކިބުރުވެރިކަން ހިތުގައި އޮވެ، އެ ނުބައިކަންމަތީ އެމީހަކު ދެމިހުރުމެވެ.
"އެހެންކަމުން ހެޔޮކަމުގެ ފަޅިއަށް އެމީހަކު ޖެހެން ބޭނުންވާކަމުގައިވާނަމަ ތައުބާވުމުގެ މުހިންމުކަން ހާމަވެގެން ހިނގައްޖެ. ކުރެވޭ ކުށް ފާފަތަކަށް އިއުތިރާފުވެ، ﷲގެ ހަޒްރަތުގައި ތައުބާއަށް އެދެންޖެހޭ. އާދަމްގެފާނާއި ހައްވާގެފާނު ދެއްކެވި މިސާލަކީވެސް އެއީ" ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.
އެހެންކަމުން އަހަރެމެން ކޮންމެ މީހަކީވެސް ފާފަކުރެވޭނޭ މީހަކަށްވާއިރު، އެ ކުރެވޭ ކުދި ބޮޑު އެންމެހާ ފާފަތައް ފުއްސެވުމަށް ތައުބާ ވުމަށް މި މާތް މައްސަރުގައި އަވަސްވެގަންނަމާ ހިންގަވާށެވެ.