ކުރީގެ ރައީސުލް ޖުމްހޫރިއްޔާގެ މުހައްމަދު ނަޝީދުގެ ނައިބު ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކު ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާ މިއަދު ކުރައްވައި މަގާމާ ހަވާލުވެ ވަޑައިގެންފި އެވެ. އެމަނިކުފާނުގެ ހުވާކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ދިވެހި ޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި މުހައްމަދު ނަޝީދު ޤާނޫނު އަސާސީގެ 121 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މިއަދު އިސްތިޢުފާ ދެއްވުމާ ގުޅިގެން، ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމަށް ޑރ. ވަހީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް އެމަނިކުފާނަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާލައިދެއްވީ، އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިނެވެ.

ހުވާކުރެއްވުމަށްފަހު، ޤާނޫނީ ހުވާގެ ލިޔުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ސޮއި ކުރެއްވިއެވެ. އަދި މި ލިޔުމުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވެސް ސޮއިކުރެއްވި އެވެ.

އާ ރައީސުލް ޖުމްހޫރިއްޔާ މަގާމާ ހަވާލު ވަޑައިގަތުމަށް ހުވާ ކުރެއްވެވި ރަސްމިއްޔާތުއި ރައްޔިތުންގެ މަޖިލީޖުގެ މެންބަރުންގް ތެރެއިން މަދު މެންބަރުން ކޮޅެއް ވެސް ބައިވެރިވަޑައިގެންނެވި އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެ ވަޑައިގެންތާ ކުޑައިރުކޮޅެއްގެ ތެރޭ ގައުމާ މުހާތަބު ކުރައްވާ އާ ރައީސް ވިދާޅުވީ މިއަދަކީ ޤާނޫނު އަސާސީގެ ސިޔާދަތު ރާއްޖޭގައި ކަނޑައެޅުނު ދުވަސް ކަމަށާއި ރާއްޖޭގައި ޤާނޫނުގެ ވެރިކަން، އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަނޑައެޅުނު ދުވަސް ކަމަށެވެ.


"މިއަދަކީ މި ލޮބުވެތި ދިވެހި ޤައުމުގައި ޤާނޫނުގެ ވެރިކަން، އޭގެ އެންމެ ފުރިހަމަގޮތުގައި ކަނޑައެޅުނު ދުވަސް. އަދި ޤާނޫނުގެ ވެރިކަން ޤާއިމުކުރެވި، ޤާނޫނުގެ ރައްކާތެރިކަން، ދިވެހި ރައްޔިތުންނަށް ޔަޤީންވި ދުވަސް،" ރައީސް ވިދާޅުވި އެވެ.


އެމަނިކުފާނު ވިދާޅުވީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަކީ ސިޔާދަތު ލިބިގެންވާ އެއްޗެއް ކަމަށާއި ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންޖެހޭ އުޞޫލުތަކާއި އިޖުރާޢަތުތައް ކަނޑައަޅާފައިވަނީ ޤާނޫނު އަސާސީގައި ކަމަށާއި އޭގެ ތެރޭގައި ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ އެންމެހާ މީހުންނާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ކޯޓުތަކާއި މުއައްސަސާތައް ހިމެނޭ ކަމަށެވެ.


ދިވެހި ޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި މުހައްމަދު ނަޝީދު މިއަދު އިސްތިޢުފާ ދެއްވުމާ ގުޅިގެން، ރައީސުލް ޖުމް ހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވައި ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތީ ދިވެހި ދައުލަތް ހިންގުމުގެ ބުރަ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން ކަމަށް ވެސް ވިދާޅުވި އެވެ.