މިއަދަކީ ޤާނޫނު އަސާސީގެ ސިޔާދަތު ކަނޑައެޅުނު ދުވަސް ކަމަށާއި ރާއްޖޭގައި ޤާނޫނުގެ ވެރިކަން، އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަނޑައެޅުނު ދުވަސް ކަމަށް ރާއްޖޭގެ އާ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގެ ގާނޫނީ ހުވާ މިއަދު ކުރެއްވުމަށް ފަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

"މިއަދަކީ މި ލޮބުވެތި ދިވެހި ޤައުމުގައި ޤާނޫނުގެ ވެރިކަން، އޭގެ އެންމެ ފުރިހަމަގޮތުގައި ކަނޑައެޅުނު ދުވަސް. އަދި ޤާނޫނުގެ ވެރިކަން ޤާއިމުކުރެވި، ޤާނޫނުގެ ރައްކާތެރިކަން، ދިވެހި ރައްޔިތުންނަށް ޔަޤީންވި ދުވަސް،،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަކީ ސިޔާދަތު ލިބިގެންވާ އެއްޗެއް ކަމަށާއި ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންޖެހޭ އުޞޫލުތަކާއި އިޖުރާޢަތުތައް ކަނޑައަޅާފައިވަނީ ޤާނޫނު އަސާސީގައި ކަމަށާއި އޭގެ ތެރޭގައި ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ އެންމެހާ މީހުންނާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ކޯޓުތަކާއި މުއައްސަސާތައް ހިމެނޭ ކަމަށެވެ.

ދިވެހި ޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި މުހައްމަދު ނަޝީދު ޤާނޫނު އަސާސީގެ 121 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މިއަދު އިސްތިޢުފާ ދެއްވުމާ ގުޅިގެން، ރައީސުލް ޖުމް ހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވައި ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތީ ދިވެހި ދައުލަތް ހިންގުމުގެ ބުރަ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން ކަމަށް ވެސް އާ ރައީސް ވިދާޅުވި އެވެ.

"މި ވޭތުވެދިޔަ ކުރު މާޒާިގައި ދިވެހި ޤައުމު ވަނީ ވަރަށް ދަތި ދުވަސްތަކެއް ވޭތުކޮށްފައި. މިއަދު ދިވެހި ރައްޔިތުންވަނީ ވަރަށް ބޮޑު ނިންމުމެއް ނިންމާފައި. އަދި އެ ނިންމުމުގެ މަތިން، ރައްޔިތުން އެދޭ ގޮތުގެ ބަސްބުނެ، ޤާނޫނު އަސާސީގެ ސިޔާދަތު ޤާއިމުކޮށް، ކޮންމެ އަގެއް ދައްކައިގެން ވެސް، ޤާނޫނުގެ ވެރިކަން ޤާއިމުކުރަން ޖެހޭނޭ ކަމަށް ކަނޑައަޅާފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ޔަޤީންކޮށް އަރުވަނީ ދައުލަތް ހިންގުމާ އެމަނިކުފާނު ޙަވާލުވުމަށްފަހު، ގައުމު ހިންގާނީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަމަށެވެ.

"ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރުމަށް، އަޅުގަނޑު، ސިފައިންގެ މީހަކަށްވިޔަސް، ފުލުހަކަށްވިޔަސް އަދި ޢާންމު ފަރުދަކަށްވިޔަސް އަމުރެއް ނުކުރާނޭ ކަމުގެ ޔަޤީންކަން، ތިޔަ ލޮބުވެތި ރައްޔިތުންނަށް އަރުވަން. އަދި ޤާނޫނުއަސާސީ އާއި ޤާނޫނުގެ ހިމާޔަތް، ކޮންމެ ދިވެހި ފަރުދަކަށް ލިބިގެންވާ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑު އަރުވަން.،" ރައީސް ވިދާޅުވި އެވެ.

މަގާމުން އިސްްތިއުފާ ދެއްވެވީ ކުރީގެ ރައީސް ނަޝީދަށް، ޤާނޫނު އަސާސީ އާއި، ޤާނޫނުގެ ދަށުން ލިބެންވާ އެންމެހާ ޙިމާޔަތް ދެއްވާނެ ކަމަށާއި ރައީސް ނަޝީދުގެ ޢާއިލާ އާއި ބޭފުޅުންނަށް ފުރިހަމަ ރައްކާތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ރައީސް، ޑރ. ވަހީދު ވިދާޅުވި އެވެ. އަދި މަޞްލަޙަތު ގެއްލިފައިވާ ދުވަސްތަކަކަށްފަހު، މިއަދަކީ ހުރިހާ ތަފާތުތަކެއް އެއްކައިރި ކުރުމަށްފަހު، އެއްބައިވާންވީ ދުވަސް ކަމަށާއި ޚިޔާލުތަފާތުވުންތަކާއި ބައިބައިވުން ދޫކޮށް، ޤައުމުގެ ޙައްޤުގައި އަތުކުރި އޮޅާލަންވީ ދުވަސް ކަމަށް ވެސް ވިދާޅުވި އެވެ. ދެން ވިދާޅުވީ މި ޤައުމަކީ ކާބަފައިންގެ އަގުހުރި މަސައްކަތުން ދިވެހިންނާ ޙަވާލުކޮށްފައިވާ އަމާނާތެއް ކަމަށާއި މި ޤައުމަށް އެއްވެސް ގެއްލުމެއް ލިބިދާނޭފަދަ ކަމެއް ކުރުމުގެ ޙައްޤު، އެއްވެސް މީހަކަށް ލިބިގެނެއްނުވާ ކަމަށެވެ.

"މި ލޮބުވެތި ޤައުމުގެ ޙައްޤުގައި އެންމެން އެކުގައި މަސައްކަތް ކުރުމަށް އަޅުގަނޑު ގޮވާލަން. މުސްތަޤްބަލުގެ ޖީލުތަކުގެ ޙައްޤުގައި މަސައްކަތް ފަށައި، ޑިމޮކްރަސީއާއި، ތަރައްޤީ އަދި ތަމައްދުނުގެ އާ ދުވަސްތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް އަޅުގަނޑު ގޮވާލަން." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވިދާޅުވީ ރާއްޖޭގެ ވެރިކަމުގައި، ކުރިން ތިއްބެވި އެއްވެސް ބޭފުޅަކަށް ބަދަލުހިފުމުގެ ގޮތުން ޤާނޫނާ ޚިލާފަށް އެއްވެސް ޢަމަލެއް ނުކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށާއި ރާއްޖޭގެ އަމާންކަމާއި، ޞުލްޙަ މަސަލަސްކަމަށް އިސްކަން ދެއްވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ

"މި ވަގުތަކީ ޙަސަދައާއި ރުޅިވެރިކަން އެކަހެރި ކުރުމަށްފަހު، ޤައުމުގެ މަޞްލަޙަތު އިސްކުރަންވީ ވަގުތު ކަމުގައިވާތީ، މިކަމަށް ސަމާލުވުމަށް ސިޔާސީ ޕާޓީތަކަށާއި، ޤައުމީ ދިފާޢީ ބާރުތަކަށާއި، އަދި ޢާންމު ފަރުދުންނަށް އަޅުގަނޑު ގޮވާލަން. އަދި ޤައުމުގައި އަމަންއަމާންކަމާއި، ޤާނޫނުގެ ވެރިކަން ޤާއިމުކޮށް، ރައްޔިތުންނަށް މަޑުމައިތިރިކަމާއި އަމާންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ހޯދައިދޭނޭ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން." ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. ވަހީދު ވިދާޅުވީ އިސްލާމްދީނާއި ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ރައްކާތެރިކޮށްދޭނޭ ކަމުގެ ޔަޤީންކޮށް ދިވެހިންނަށް ދެއްވާ ކަމަށާއި ޑިމޮކްރަސީގެ އަސާސްތައް ވަރުގަދަކޮށް، ރައްޔިތުންގެ ޙައްޤުތައް ފުރިހަމަ ގޮތުގައި ލިއްބައިދޭނޭ ކަމުގެ ޔަޤީންކަންވެސް ދެއްވާ ކަމަށެވެ. އަދި ވިދާޅުވީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދެއްވާނެ ކަމަށާއި ގާނޫނު އަސާސީ އާއި ޤާނޫނު ނަގަހައްޓައި، ޤާނޫނުގެ ވެރިކަން ޙިމާޔަތް ކުރުމަށް، ރައްޔިތުންގެ މަޖިލީހަށާއި، ޝަރުޢީ ދާއިރާއަށާއި، ދިވެހި ޤައުމުގެ ދިފާޢީ ބާރުތަކަށާއި އަދި އެންމެހާ މުއައްސަސާތަކަށް ގޮވާލައްވާ ކަމަށެވެ.

"މިދަނޑިވަޅުގައި ޤައުމުގެ ޙައްޤުގައި، ތެދުވެވަޑައިގަތް ކެރޭ، ތެދުވެރި، ދިވެހި ދަރިންނަށް، އަޅުގަނޑު އިޚްލާޞްތެރިކަމާއެކު އައްސަރިބަހާއި ސާބަސް ދަންނަވަން. ޚާއްޞަކޮށް، ދިވެހި ޤައުމުގެ ޙައްޤުގައި ޤާނޫނުއަސާސީއާއި ޤާނޫނުތައް ޙިމާޔަތް ކުރެއްވުމަށްޓަކައި ބޮޑެތި ޤުރްބާނީތަކެއް ވެވަޑައިގެންނެވި ދިވެހި ފުލުހުންނަށާއި ސިފައިންގެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ޤައުމުގެ ކަންކަން ހިންގުމުގައި އަޅުގަނޑު ވާގިއެދޭނީ، މާތް ﷲގެ ޙަޒުރަތުން. އަޅުގަނޑު އެހީތެރިކަމަށް އެދޭނީ، ތިޔަ ލޮބުވެތި ރައްޔިތުންގެ ކިބައިން." ރައީސް ވިދާޅުވި އެވެ.