12 Apr 2021, 14:51
ޑާކާ (އޭޕްރިލް 12): ބަންގްލަދޭޝްގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުން އެގައުމުގައި ބުދަ ދުވަހުން ފެށިގެން ހަފްތާއަކަށް އެތެރެ އާއި ބޭރުގެ ވައިގެ ދަތުރުތައް ހުއްޓާލާނެކަން އިއުލާންކޮށްފި އެވެ.
ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭބީ)އިން ބުނި ގޮތުގައި ބުދަ ދުވަހުން ފެށިގެން އަންނަ ހަފްތާގެ އަންގާރައާ ހަމަޔަށް އެގައުމަށް ދާ އަދި އެގައުމުން ފުރައިގެންދާ ފްލައިޓުތައް ވަނީ ކެންސަލްކޮށްފަ އެވެ. އަދި އޭގެ ތެރޭގައި 500އަށް ވުރެ ގިނަ ފްލައިޓް ހިމެނެ އެވެ.
މީގެ އިތުރުން ކެންސަލް ކުރާ ދަތުރުތަކުގެ ތެރޭގައި އެތެރޭގެ އުދުހުންތަކާއި ޗާޓާޑް ހެލިކަޕްޓަރުތައް ވެސް ހިމެނޭނެ އެވެ. ނަމަވެސް މެޑިކަލް ސަބަބުތަކަށްޓަކައި މީހުން ގެންދިޔުމާއި އިންސާނީ އެހީ ފޯރުކޮށްދޭ ބޯޓުތަކާއި ކާގޯ ފްލައިޓުތައް ނުހުއްޓުވާނެ ކަމަށް ސީއޭއޭބީން ބުންޏެވެ.
ބަންގުލަދޭޝްގައި މިދިޔަ މަހުން ފެށިގެން ކޮވިޑް-19އިގެ ކޭސްތައް އިތުރުވުމާ ގުޅިގެން އެގައުމުން ވަނީ މިދިޔަ ހޯމަ ދުވަހު ހަފްތާއަކަށް ގައުމު ފުރަބަންދުކޮށްފަ އެވެ. އަދި ބުދަ ދުވަހުން ފެށިގެން އަނެއްކާވެސް ހަފްތާއަކަށް ފުރަބަންދުގެ ފިޔަވަޅުތައް އަޅަން ވަނީ ނިންމާފަ އެވެ.
ބަންގްލަދޭޝްއިން މިދިޔަ ހުކުރު ދުވަހު ވަނީ ކޮވިޑްގެ 7،462 ކޭސް ރިޕޯޓުކޮށްފަ އެވެ. އެއީ އެގައުމުން އެއް ދުވަސް ތެރޭ ބަލި ޖެހުނު މީހުންގެ އަދަދު އެހާވަރަށް އިތުރުވި ފުރަތަމަ ފަހަރެވެ.
ބަންގްލަދޭޝްގައި މިހާތަނަށް 685،000އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 9،739 މީހަކު މަރުވެފައިވެ އެވެ.